ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ތާއިދު އޮންނަ މިންވަރު ފެންނަ މަންޒަރުތައް ބަލަން އިދިކޮޅު ފަރާތްތަކަށް އުދަނގޫވާނެ ކަމަށް ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޔާޒް (ނިޔާ) ވިދާޅުވެއްޖެއެވެ.

ނިޔުާ އެހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ހުށަހަޅުއްވާފައިވާ އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައެވެ. އެ ބިލަށް ވާހަކަ ދެއްކި ސަރުކާރާ އިދިކޮޅު މެމްބަރުން ވަނީ ސެޕްޓެމްބަރު މަހުގައި ބާއްވާ ރިޔާސީ އިންތިހާބުގެ މިނިވަންކަމާއި މެދު ސުވާލު އުފައްދާފައެވެ.

އެ މެމްބަރުންނަށް ރައްދުދެއްވަމުން ނިޔާ އަޅައިކިޔުއްވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި މިއަދު ހާލަތާ އޮތް ތަފާތެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ރިޔާސީ އިންތިހާބަށް ވާދަކުރަން މަސައްކަތްކުރެއްވި ބޭފުޅުން ޖަލަށްލާފައިވާ ކަމަށާއި އެކަމަކު މިއަދު ކޮންމެ ބޭފުޅަކަށް ވެސް އިންތިހާބުގައި ވާދަކުުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވިއެވެ.

"ޕާޓީއެއްގެ ޕްރައިމަރީގައި ވަކި ގޮތަކަށް ނަތިއްޖާ ނުކުތީމަ އެކަން ގަބޫލުނުކުރައްވާ ވަޑައިގެން ވަކި ޕާޓީއެއް ހައްދަވައިގެން ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަނީ.. އެ މާހައުލު ނެތްނަމަ އެމްޑީޕީން ވަކިވެގެން ދިޔަ 12 މެމްބަރުންނަށް މި މަޖީލިހަށް ނުވަދެވޭނެ،" ނިޔާ ވިދާޅުވިއެވެ. ޑިމޮކްރަސީއަކީ މެޖޯރިޓީއަށް ތަވާބުން ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ޕާޓީ ދަ ޑިމޮކްރެޓްސް އަށް ނިޔާ ވަނީ ބަހުގެ ހޫނު ހަމަލާތައް ފޮނުވާފައެވެ. އަދި ވިދާޅުވީ ރައީސް ސޯލިހު، އިންތިހާބު ކާމިޔާބުކުރައްވާނީ އެއްބުރުން ކަމަށެވެ.

"ރަށްރަށަށް ދިޔައީމަ އުދަނގޫވާނެ އެ ފެންނަ މަންޒަރު [އިދިކޮޅު ފަރާތްތަކުން] ބަލައިގަންނަން. ފ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މުޅި ފ. އަތޮޅުގެ ހުރިހާ ރަށެއްގެ މެޖޯރިޓީ އިރާދަ ކުރެއްވިއްޔާ ބޮޑުތަނުން އަޅުގަނޑުމެން ނަގާނަން. އަދި އެހެން އަތޮޅުތަކަށް ވެސް ރައީސް ވަޑައިގަންނަވާނެ،" ނިޔާ ވިދާޅުވިއެވެ.

ނިޔާ ވިދާޅުވީ ރައީސް ރަށަރަށްވަޑައިގަންނަވަނީ 2018 ވަނަ އަހަރު ވެވަޑައިގެންނެވި ވައުދު ފުއްދައި އެކަންތަކުގެ އަމަލީ މަސައްކަތް ފައްޓަވައި ދިނުމަށް ކަމަށެވެ. ހަފްތާ ބަންދުގައި ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވަނީ ގިނަ މަޝްރޫއުތަކެއް އިފްތިތާހު ކޮށްދެއްވާފައެވެ.