ދަރިމައިވުމާ ގުޅޭ ހާއްސަ ޕްރޮގްރާމެއް ތަޢާރަފްކުރުމަށް ވާންޖެހޭ ތައްޔާރީތައް ސަރުކާރުން ވަމުން އަންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ، ފަރޓިލިޓީ ސެންޓަރު މިއަދު ހެނދުނު ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ވޯލްޑް ބޭންކުންގެ ހިސާބުތަކުން ދައްކާ ގޮތުން، ދަރިމައިވާ ނިސްބަތް ރާއްޖޭގައި ދުވަހުން ދުވަހަށް ދަންވަމުންދާ ކަމަށެވެ.

ރާއްޖޭގައި ދަރިމައިވުމަށް ހުރި ހުރަސްތަކަށް ހައްލު ހޯދުމަށް ހިންގާ އެ ޕްރޮގްރާމުގައި ފުޅާދާރީއެއްގައި މައުލޫމާތު ފަތުރައި، ދެމެހެއްޓެނި ގޮތެއްގައި އެފަދަ ޕްރޮގްރާމެއް ހިންގޭނެ މާލީ ނިޒާމަކީ ކޮބައޮތޯ ދެނެގަތުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިކަމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވާނެ ގޮތްތަކަކީ ކޮބައިތޯ ބަލައި، އެކަން ކުރުމަށް ވެސް އަޅުގަނޑުމެން މި ދަންނަނީ މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ހުޅުވި ދަރިމައިވުމުގެ ފަރުވާއާ ބެހޭ ޚާއްޞަ ކްލިނިކް މިއީ ރާއްޖޭގައި މުޅިން އަލަށް ފަށާ ފަރުވާއަކަށް ވިޔަސް، މިއީ ރާއްޖެއަށް ވަރަށް ބޭނުންތެރި ފަރުވާއެއްކަމުގައެވެ. ރައީސް ވިދާޅުވީ މި ޚިދުމަތް ފެށުމުން ޙާޞިލުވާނެ އެންމެ ރަނގަޅު ނަތީޖާއަކީ، ރާއްޖެއިން ބޭރަށް ނުގޮސް، ވަޒީފާއިން ވަކިނުވެ ނުވަތަ ނޯޕޭލީވް ނުނަގައި، އަދި ޢާއިލާގެ ކައިރީގައި ހުރެގެން، ފަރުވާ ހޯދުމުގެ ފުރުޞަތު ލިބުންކަމުގައެވެ. އަދި ވިދާޅުވީ މި ޚިދުމަތް ފުޅާކުރުމަށް ޓްރީޓޮޕް ހޮސްޕިޓަލުން ކުރަމުން އަންނަ މަސައްކަތަށް، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގައެވެ.

ސަރުކާރުން ތަޢާރަފު ކުރައްވަން ތައްޔާރަވަމުން އަންނަ ނޭޝަނަލް ފަރޓިލިޓީ ކެއަރ ޕްރޮގްރާމާއި ބެހޭގޮތުން ރައީސް ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ތަޢާރަފްކުރުމަށްޓަކައި، ރާއްޖެއިން ބޭރުގައި ޢަމަލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް، އެކަމަށް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ބޭނުންތެރި ނިޒާމެއް ޤާއިމުކުރުމަކީ މުހިއްމު ކަމެއްކަމުގައެވެ. އެގޮތުން މިފަަދަ ޕްރޮގްރާމަކަށް ޝަރުތު ފުރިހަމަވާނެ މީހުން ކަނޑައެޅުމާއި، ދަރިމައިވުމުގެ ޞިއްޙަތާ ގުޅޭ މަޢުލޫމާތު ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން އަންނަކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖޭގައި މިފަދަ ޚިދުމަތްތައް ދޭން ފެށުމުން، ރާއްޖޭން ބޭރުން މިފަދަ ފަރުވާތަކަށް ކުރާ އެތައް ޚަރަދެއް ވެސް ސަލާމަތް ކުރެވި އޭގެ ފައިދާ ރާއްޖޭގެ އިޤްތިޞާދަށް ވެސް ކުރާނެކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ، ފަރޓިލިޓީ ސެންޓަރު ހުޅުވި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ފަރޓިލިޓީ ސެންޓަރު ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެކަނބަލުން ވަނީ އެ ސެންޓަރު ބައްލަވާލައްވާފައެވެ.

ޓްރީޓޮޕް ހޮސްޕިޓަލު މި ފަރޓިލިޓީ ސެންޓަރު ހުޅުވުމުގެ ބޭނުމަކީ ރާއްޖޭގައިތިބި ދަރިމައިނުވުމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް ބޭނުންވާ ފަރުވާތައްލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމެވެ.