ތުރުކީގައި މިއަދު އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ހޯއްދަވާ، މިހާރުގެ ރައީސަކަށް ހުންނެވި ރަޖަބު ތައްޔިބު އުރުދުޣާން އަނެއްކާވެސް އެ ގައުމުގެ ރައީސް ކަމަށް އިންތިހާބު ކޮށްފިއެވެ.
މިއަދު ކުރިއަށްދިޔަ އިންތިހާބުގެ ނުރަސްމީ ނަތީޖާތައް ދައްކާ ގޮތުން އުރުދުޢާން ކުރީގައި އުޅުއްވަނީ 52 އިންސައްތައަށްވުރެން މަތިން ވޯޓު ހޯއްދަވައިގެންނެވެ. އަދި އެ ނަތީޖާތަކުން ދައްކާ ގޮތުގައި އިދިކޮޅު ސިޔާސީ ޕާޓީ، ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ ލީޑަރު ކަމާލް ކިލިޖްދާރް އޯގްލޫ އަށް މިހާތަނަށް ލިބިވަޑައިގަތީ 47 ޕަސެންޓް ވޯޓެވެ.
މި ނަތީޖާއާއެކު ދުނިޔޭގެ ލީޑަރުން އުރުދުޢާންއަށް މަރުހަބާ ކިޔަމުން އަންނައިރު، އެ ގައުމުގެ ހުރިހާ ސަރަހައްދެއްގައި އުރުދުޢާންގެ ސަޕޯޓަރުންނާއި، އަދާލަތު ޕާޓީގެ ވެރިން އަންނަނީ އުފާފާޅުކުރަމުންނެވެ.
އަދި އެގޮތުން އުރުދުޢާން ވަނީ މި ކާމިޔާބީއާ ގުޅިގެން އިސްތަންބޫލުގައި ހުންނަ އޭނާގެ ގެކޮޅުގައި ބެލްކަންޏަށް ނުކުމެވަޑައިގެން ހުންނަވާ އާންމުންނާ މުޚާތަބު ކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.
"އަހަރެން އެންމެ ފުރަތަމަ ވެސް ބޭނުމީ މި ގައުމުގެ ރައްޔިތުން ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ގައުމު ހިންގެވުމަށް ހަވާލުކުރެއްވީތީ އެކަމަށް ޝުކުރު އަދާކުރަން. މިއަދުގެ މި ނަތީޖާއިން މޮޅުވީ ތުރުކީއާއި މި ގައުމުގެ ރައްޔިތުން." އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު އާއްމުންނާ މުޙާތަބު ކުރައްވަމުން އުރުދުޢާން ވިދާޅުވިއެވެ.
ތުރުކީގައި ބޭއްވި ރިޔާސީ އިންތިހާބަކީ މި ފަހުގެ ތާރީހުގައި އެ ގައުމުގައި ބޭއްވި އެންމެ ވާދަވެރި އިންތިހާބެވެ. ހިޔާލު ހޯދުމުގެ ވޯޓު ދެއްކި ގޮތުގައި ތާއީދު ބޮޑީ އިދިކޮޅު ލީޑަރު އަދި ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ ލީޑަރަށެވެ. އެހެންވެ، މި އިންތިހާބުވެގެން ދިޔައީ 2014 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އުރުދުޣާން އަށް ކުރިމަތިވެވަޑައިގެންނެވި އެންމެ އުނދަގޫ އިންތިހާބަށެވެ. މިއީ ތުރުކީގެ އިންތިހާބު ދެވަނަ ބުރަކަށް ދިޔަ ފުރަތަމަ ފަހަރެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އުރުދުޣާނަށް ލިބިވަޑައިގަތީ %49.52 ވޯޓެވެ. އަދި އިދިކޮޅު ކެންޑިޑޭޓަށް ލިބިވަޑައިގެންނެވީ %44.88 ވޯޓެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން އެމްޑީއޭ ތާއީދު
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކުރަން ޖެހިފައިވާ ކަމެއް
ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަނީ ޕީއެންސީއަށް ހަރަދު ކުޑަކުރަން
ހަޔާތް ބާއްޖަވެރި ކުރުވޭނެ މަގުން ކަންކަން ބައްޓަން ކުރައްވާ
އެމްބަސީތަކަށް ކުރާ ހަރަދު ބޮޑު، ފައިދާއެއް ނުވޭ: އެމްޑީޕީ މެންބަރުން
މިއީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު