ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ފ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
ހޮނިހިރު ދުވަހު ފެއްޓެވި ދަތުރުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ނިލަންދޫ އާއި ދަރަނބޫދޫ އާއި މަގޫދޫއަށެވެ. މިއަދު ވަޑައިގެންނެވީ ބިލެތްދޫ އާއި ފީއަލިއަށެވެ.
ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ދަނީ، ރަށްރަށުގެ އާންމު ރައްޔިތުންނާއި ބައްދަލުކުރައްވައި، ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދަވައި، ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއައްސަވަމުންނެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ ރަށްރަށުގެ ތަރައްޤީއާ ގުޅުންހުރި ކަންކަން ކައުންސިލްތަކާއި މަޝްވަރާ ކުރައްވައި ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ކުރިޔަށް ގެންދިއުމަށެވެ.
ފ.އަތޮޅަށް ރައީސްގެ ދެކަނބަލުން ކުރެއްވި މިދަތުރުފުޅުގައި، އެއަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން، އެރަށްރަށުގެ ޢާންމު ރައްޔިތުންނާ ބައްދަލު ކުރައްވައި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން އޮޅުންފިލުއްވިއެވެ. އަދި ރަށު ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާއި ބައްދަލުކުރައްވައި އެރަށްރަށުގެ ތަރައްޤީއަށް ހިންގޭ މަޝްރޫޢުތަކާ އަދި ރައްޔިތުންނަށް އިތުރަށް ބޭނުންވެފައިވާ ކަންކަމާއި ގުޅޭ ގޮތުންވެސް އެމަނިކުފާނު މަޝްވަރާކުރެއްވިއެވެ.
މިދަތުރުފުޅުގައި ދަރަނބޫދޫ ބަނދަރު ހުޅުވައިދެއްވުމާއި މަގޫދޫގެ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްދެއްވުމާއި އެރަށުގައި އަލަށް ޢިމާރާތްކުރި ފެނަކަ އޮފީސް ޢިމާރާތް ވެސް އެމަނިކުފާނު ވަނީ ހުޅުވާދެއްވާފައެވެ. އަދި ބިލެތްދޫގެ ފެނަކަ އާ އިންޖީނުގެއާ އޮފީސް ޢިމާރާތް ހުޅުވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، ބިލެތްދޫ ސްކޫލުގެ މަލްޓި ޕަރޕަސް ހޯލު ހުޅުވައިދެއްވާފައެވެ. އަދި ފީއަލީގައި ފެނަކައިން އިމާރާތްކުރި އާ އިންޖީނުގެއާ އޮފީސް އިމާރާތއި، އައިސްޕްލާންޓް ހުޅުއްވައިދެއްވާފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ރަށްރަށުގެ ތަރައްޤީއަށް ކުރިޔަށްދާ ބައެއް މަޝްރޫއުތައް ކުރިޔަށްދާގޮތް ބައްލަވާލައްވައި ބައެއް މުއައްސަސާތަކަށް ވެސް ޒިޔާރަތްކުރައްވާފައެވެ
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ފ. އަތޮޅަށް ކުރެއްވި މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.