ގދ. ތިނަދޫގައި ޒަމާނީ ފެންވަރަށް ތަރައްގީކުރާ މަގުތަކުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

އެ މަސައްކަތް ފައްޓަވައި ދެއްވީ މަގު ހަދާ ކުންފުނީގެ އެމްޑީ މޫސާ އަލި މަނިކު (މޫކޭ) އެވެ. އެ މަޝްރޫއުގެ ދަށުން 6500 އަށްވުރެ ދިގު މީޓަރުގެ (19 މަގު) ތަރައްގީ ކުރެވިގެންދާނެއެވެ.

ތިނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 6.5 ކިލޯމީޓަރުގެ މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ. ދެހާސްއެކާވީސް ވަނަ އަހަރުގެ އޭޕްރީލް މަހުގެ އަށްވަނަ ދުވަހު އާރްޑީސީއާ ހަވާލު ކުރި އެ މަސައްކަތުގައި ޖުމްލަ 15 މަގެއް ޒަމާނީ ފެންވަރަކަށް ހަދާނެއެވެ. އެ މަޝްރޫއުގެ އަގަކީ 78 މިލިއަން ރުފިޔާއެވެ.

ތާރުއެޅުމުގެ މަޝްރޫއު ފެށިގެން ދިޔުމަކީ އާރްޑީސީގެ އިތުރުން ތިނަދޫއަށް އުފާވެރި ދުވަހެއް ކަމަށް މޫކޭ ވިދާޅުވިއެވެ. ތިނަދޫ އަކީ ހުވަދޫގެ ގިނަ ބަޔަކުއައިސް އުޅޭ ރަށަކަށްވާއިރު ރަށުގެ މަގުތައް ތަރައްގީވެގެން ދިޔުމަކީ ރަށުގެ ރައްޔިތުންނަށް ލިބޭނެ ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ވިދާޅުވިއެވެ.

"އެންމެ ޝަކުވާ ކުޑަ، ނަަމަވެސް އުފެއްދުންތެރި ހިޔާލު ދެއްވަނީ ތިނަދޫއިން" ތިނަދޫ ރައްޔިތުން ތައުރީފް ކުރައްވަމުން ވިދަޅުވިއެވެ. މޫކޭ ވިދާޅުވީ ގޮތުގައި އާރްޑީސީއަކީ ކިތަންމެ ހަގު ކުންފުންޏެއް ކަމުގައިވިޔަސް މިވަގުތު ރާއްޖޭގައި މަގާ ގުޅޭ ގޮތުން ތަޖުރިބާހުރި އެ ކުންފުނި ކަމަށެވެ.

މޫކޭ ވިދާޅުވީ ތިނަދޫގައި ތާރުއެޅުމުގެ މަސައްކަތް ދޮޅުމަސް ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. މިދިޔަ އަހަރަކީ އާރްޑީސީއަށް ބޮޑު ފައިދާއެއް ލިބުނު އަހަރެއްކަން ފާހަގަކުރައްވާ މޫކޭ ވިދާޅުވީ މި އަހަރު އެއްކޮށް ނިމިގެންދާއިރު ނިމިދިޔަ އަހަރަށް ވުރެ ބޮޑު ފައިދާއެއް ލިބޭނެ ކަމަށެވެ.

މޫކޭ ވިދާޅުވީ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، ހުނަރުވެރި ގާބިލް ޒުވާނުންތަކެއް އުފެއްދުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް އެއްބާރުލުން ދިނުމުގެ ގޮތުން އާރުޑީސީންވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"މި ގޮތުން އާރުޑީސީއިން ހިންގާ ހުރިހާ މަޝްރޫއެއްގައި ވެސް އެ މަސައްކަތެއް ނުވަތަ މަޝްރޫޢެއް ކުރިޔަށްދާ ސިޓީގެ ނުވަތަ ރަށުގެ ނުވަތަ ސަރަހަށްދުގެ ރައްޔިތުންނަށް އިސްކަންދީގެން މީހުން ނެގުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އަހަންމިއްޔަތެއް ދީގެން ކުރިޔަށް ގެންދާކަމެއް" އޭނާ ވިދާޅުވިއެވެ.

ތިނަދޫގެ މަގުހެދުމުގެ މަޝްރޫއާ ގުޅިގެން ރަށުގެ 55 ރައްޔިތަކަށް ވަޒީފާގެ ފުރުސަތު ފަހިވެގެން ގޮސްފައިވާކަން މޫކޭ ފާހަގަކުރެއްވިއެވެ.

"މިއީ 55 އާއިލާއަށް އަމިއްލަ ވަޒަނުގައި ތިބެ އާމްދަނީ ހޯދުމަށް ހުޅުވާލެވުނު ދޮރެއް. އަދި އޭގެ ސަބަބުން ރަށުގެ އިގްތިސާދުގައި އަހަރު އެތަށް މިލިޔަން ރުފިޔާއެއް ދަޢުރުވުމަށް މެދުވެރިވެގެން ދިޔަ ކަމެއް"

އާރްޑީސީއާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ޝެޑިއުލާ އެއްގޮތަށް ކުރިއަށް ގެންގޮސް ނިންމުމަށް ބޮޑު އިސްކަމެއް އަބަދުވެސް ދެމުން ގެންދާ ކަމަށާއި ގިނަ މަޝްރޫއުތަކުގެ މަސައްކަތްތައް މިހާރު ވެސް ޝެޑިއުލާ އެއްގޮތަށް ނުވަތަ އެއަށް ވުރެއް އަވަހަށް ކުރިޔަށް ދާކަމަށް ވިދާޅުވިއެވެ.