ސަރުކާރަށް ތާއީދު ކުރައްވާ ރައްޔިތުން މަޖިލީހުގެ މެންބަރުން، މަޖިލީހުގެ ތެރޭގައި ސަރުކާރުގެ ވިސްނުމާއި އެއްގޮތަށް ވަކާލާތު ކުރުމަކީ ކޮންމެހެން ވެސް ބޭނުންތެރި ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިނިވަން މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އަށް ސޮއި ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރު ހިންގާ ފަރާތަށް ރައްޔިތުން މަޖިލީހުގެ އަޣުލަބިއްޔަތު އޮތުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.

ހާއްސަކޮށް ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަން ކުރުމުގައި ދައުލަތުގެ ބަޖެޓު ފާސް ކުރުމާއި މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާ މައްސަލަތަކާއި ގަރާރުތަކަށް، ސަރުކާރުގެ ވިސްނުމާއި އެއްގޮތަށް ވަކާލާތު ކުރާނެ މެންބަރުންތަކެއް މަޖިލީހުގައި ތިބުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީ އަށް ސޮއި ނުކުރި ނަމަވެސްް، ޖޭފޯ އަކީ ކުރިންވެސް ސަރުކާރުން ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި އަބަދުވެސް ސަރުކާރަށް އެއްބާރުލުން ދެއްވި ބޭފުޅެއް ކަމަށެވެ. ކުރިންވެސް ޖޭފޯ ހުންނެވީ އެމްޑީޕީ އަށް ސޮއި ކުރުމަށް ތައްޔާރަށް ކަމަށާއި އެކަން އޭރު ނުކުރީ އެއީ އެންމެ ރަނގަޅު ވަގުތު ކަމަށް އެމްޑީޕީ އަށް ނުފެންނާތީ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންނަމަވެސް މިއަދު މިއީ ޕާޓީއާ އެކީގައި ޕާޓީގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރަންވީ ވަގުތުކަން. އެވަގުތުގައި އެ ނިންމެވުން ޖޭފޯ ނިންމެވިކަން އަޅުގަނޑު އަދިވެސް އެއްފަހަރު ވަރަށް އިހުލާސްތެރިކަމާއެކުގައި ޝުކުރު އަދާކުރަން،" ރައީސް ވިދާޅުވިއެވެ.

ޖޭފޯއާ އެކު 60 ވުރެ ގިނަ މީހުން އެމްޑީޕީއަށް ސޮއިކޮށްފައިވެއެވެ. އޭގެ ތެރޭގައި އޭނާގެ އާއިލާގެ 10 މެމްބަރަކު ވެސް ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އީވާ މަގާމުން ވަކިކުރުމަށް އެމްޑީޕީ މެމްބަރުން މަޖިލީހަށް ހުށަހެޅި މައްސަލާގައި ވެސް، ޖޭފޯ ވަނީ ސޮއި ކުރައްވާފައެވެ.

އެމްޑީޕީ މަޖިލިސް މެމްބަރުންގެ މިހާރުގެ އަދަދަކީ 56 އެވެ.

ޖޭފޯ އާއެކު، މަޖިލީހުގެ މި ދައުރުގެ ތެރޭގައި އެމްޑީޕީއަށް އަލަށް ތިން މެމްބަރަކު ގުޅިވަޑައިގެންފައިވެއެވެ. އެއީ ވިލިނގިލީ ދާއިރާޣެ މެމްބަރު ސައުދު ހުސައިނާއި އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދެވެ. އަދި މަޖިލީހުގެ ދެ މެމްބަރެއްގެ ގޮނޑި ހުސްވުމުން ބޭއްވި ދެ ބައި އިލެކްޝަނެއް ވެސް އެމްޑީޕީ ވަނީ ކާމިޔާބުކޮށްފައެވެ.