ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހަމަނުޖެހުންތައް އުފެދުން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ކޯލިޝަން ރުޅޫމުން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ފ.މަގުދޫ ފެނަކައިގެ އޮފީސް ހުޅުވުމާއި ފެނާއި ނަރުދަމާ ނިޒާމު އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ހައުސިން މިނިސްޓަރުކަންވެސް ކުރެއްވި އަސްލަމް ވިދާޅުވީ ކޯލިޝަން ދެމެހެއްޓުމަކީ ސިޔާސީ ވެރިންނަށް ވަރަށް އުދަނގޫ ކަމެއް ކަމަށެވެ.

"މަޖިލީސް ގެއްލުނީ 25 ގޮނޑި ލިބުނީ. ކިރިޔާ ކިރޔާ ތިބޭ ވަރުވީ. އެކަނި ދިޔައީ އިންތިހާބަކަށް،" އަސްލަމް ވިދާޅުވިއެވެ.

ރައީސް ނަޝީދާއި ރައީސް ޔާމީންގެ ސަރުކާރުން ޕާޓީތަކާ ހެދު ހަދާފައިވާ ކޯލިޝަން މާ ގިނަ ދުވަހެއް ނުވެ، ރޫޅާލިއެވެ. އެންމެ ކުރު މުއްދަތުގެ ތެރޭގައި ކޯލިޝަން ރޫޅާލެއްވީ ރައީސް ނަޝީދެވެ. ޖުމްހޫރީ ޕާޓީ އާއި ޑރ. ހަސަން ސައީދުގެ ގައުމީ ޕާޓީއާ އެކު، އޮތް ކޯލިޝަން އެންމެ ހަތަރު މަސް ދުވަހުގެ ތެރޭގައި ރޫޅާލެއްވީ ރައީސް ނަޝީދެވެ.

[caption id="attachment_52078" align="alignnone" width="1280"] ރައީސްއާ އެކު ފ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ދަރަބޫދޫގައި ބޭއްވި ޖަލްސާއެއްގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި މިނިސްޓަރު އަސްލަމް-- ފޮޓޯ/ ރައީސް އޮފީސް[/caption]

ޔާމީންގެ ސަރުކާރުގައި މަޖިލީހުގެ ތެރޭގައި ކަންކަން ހިނގައި ދިޔަގޮތަށް އިޝާރާތް ކުރައްވާ އަސްލަމް ވިދާޅުވީ މަޖިލީހުގެ ތެރޭގައި އޮންނަ ސިޔާސީ ބާރުވެރިކަން ސަރުކާރަށް ގެއްލިގެން ދިއުމަކީ ކޯޅުންގަނޑު ދިމާވާނެ ކަމެއް ކަމަށެވެ.

"ސިޔާސީ ބާރުވެރިކަން އޮތް ފަރާތާއި ގާނޫނީ ބާރުވެރިކަން އޮތް ފަރާތާއި ދެމެދު. ތަޖުރިބާ ކޮށްފައި އަޅުގަނޑު ދުށްތަނެއްކެ ވާހަކަ މިދެންނެވީ. 2008 ގައި އުފެދުނު ސަރުކާރުގެ ފުރަތަމަ ތިން އަހަރު އެ ހަމަނުޖެހުންތައް އުފެދުމުގެ އެންމެ ބޮޑު އަސްލަކީ ކޯލިޝަން ރޫޅުން. ވައުދުގެ މަތީގައި ދެމި ނުތިބުން،" އޭނާ ވިދާޅުވިއެވެ.

އެހެން ސަރުކާރުތަކާ ހިލާފަށް ރައީސް ސޯލިހު ކޯލިޝަން ދަަމަހައްޓަވަމުން ގެންދަވާތީގެ އަސްލަމް ވަނީ ރައީސަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް ރައީސް ހޮއްވަވަން ޖެހޭ ކަމަށެވެ.

އަސްލަމް ވަނީ ޕްލޭނިން މިނިސްޓްރީން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ އެންމެ ފަަހުގެ މައުލޫމާތު އެ ޖަލްސާގައި ހިއްސާކޮށްފައެވެ. އެގޮތުން 561 އުމްރާނީ ތަރައްގީ މަޝްރޫއު ކުރިއަށްދާއިރު 118 މަޝްރޫއެއް މިހާރު ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އެއީ ބަނދަރާ ޖެޓީ، މަގު، ގޮނޑުދޮށް ހިމާޔަތް ކުރުން ބިންހިއްކުން، ގެދޮރު އެޅުން، ކޯޒްވޭ ހެދުން ފެންހިންދާ ނިޒާމު، އެއާޕޯޓު އޮފީސް އިމާރާތްތައް، މޫދަށް އެރޭ ސަރަހައްދު ޕޯޓު ބްރިޖު ފެނާއި ނަރުދަމާ އަދި ރާއްޖޭގެ ރަށްތައް ފެރީގެ ވިއުގައަކުން ގުޅާލުމެވެ.

މި ވަގުތު 229 މަސައްކަތުގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށާއި 20 ރަށެއްގެ ފެނާއި ނަރުދާ ނިމިފައިވާ ކަމަށް ވިދާޅުވިއެވެ. 122 ރަށުގެ ފެނާއި ނަރުދަމާ ކުރިއަށްދާއިރު 70 އިންސައްތަ އާއި 80 އިންސައްތައާ ދެމެދު މަސައްކަތް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.

"ކުރިއަށް އޮތް ތިން މަސް ރައީސަށް ޖެހިވަޑައިގަންވާނެ ދުވާލަކު ދެ ތިން ފެނާ ނަރުދަމާ އިފްތިތާހުކުރަން" މިނިސްޓަރު ވިދާޅުވިއެވެ.