ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގައި ހުންނެވުމަށްފަހު، ސަރުކާރަށް އެއްބާރުލުން ދެއްވަން ފެއްޓެވި، ބިލެއްދޫ ދާޢިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) ސަރުކާރަށް އެއްބާރުލުން ދެއްވުމަށް ރައީސް އިބްރާޙިމް މުހައްމަދު ސާލިހު މިރޭ އެދިވަޑާއިގެންނެވުމުން، އެއްބާރުލުން ދެއްވުމުގައި ދެމިހުންނަވާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

"އަޅުގަނޑު 100 ޕަސެންޓް ޔަގީންކަން އަރުވަން މި ބިލެތްދޫ ދާއިރާގެ ބޮޑު މެޖޯރިޓީއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހަށް މި އަންނަ ރިޔާސީ އިންތިހާބުގައި ލިބޭނެ. އެއީކީ އަޅުގަނޑުގެ މޮޅުކަމަކުންނެއް ނޫން، އެއީ މަނިކުފާނު މި ދާއިރާއަށް ކޮށްދެއްވި މަސައްކަތް،" ދޮންބިލެއް ވިދާޅުވިއެވެ.

ރައީސް ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަގޫދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސާލިހު ވަނީ ސަރުކާރަށް ދޮންބިލެއް ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ވިދާޅުވީ މަގޫދޫ ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ދޮންބިލެއް ކުރިއަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށާއި އޭރުން ދާއިރާއަށް ތަރައްގީ ލިބުމުގައި "މާ ބޮޑުތަނުން" ފަސޭހަވެގެންދާނެ ކަމަށެވެ.

"އަޅުގަނޑު އެދެނީ ކުރިއަށް މި އޮތް ތަނުގައި ވެސް، މި ރަށުގެ ރައްޔިތުންނަށް އެއްވިސްނުމެއްގައި އިއްޒަތްތެރި މެމްބަރު ކުރިއަށް ވަޑައިގަތުމަށް. އެ އެއްބާރުލުމާ އެކީގައި ކުރިއަށް ވަޑައިގަތީމުން ދާއިރާއަށް ލިބޭ ތަރައްގީ މާ ބޮޑުތަނުން ފަސޭހަވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

[caption id="attachment_52055" align="alignnone" width="1024"] މަގޫދޫގައި މިރޭ ބޭއްވި ޖަލްސާގައި ދޮންބިލެއް ރައީސާ ސަލާމް ކުރައްވަނީ-- ހަތާވީސް ފޮޓޯ/ އާދަމް ނަޒީރު[/caption]

އެ ރަސްމިއްޔާތުގައި ދޮންބިލެތް ވިދާޅުވީ ސަރުކާރު ދަމަހައްޓަން، ސަރުކާރާ އެއްކޮޅަށް މަޖިލީހުގައި މީގެ ކުރިން ވެސް މަސައްކަތް ކުރަމުންދިޔަ ގޮތަށް އެކަން ކުރައްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ކޮށްދެމުންދާ ކަންތައްތަކާ ގުޅިގެން، ކުރިން ދާއިރާގައި އޮތް މާޔޫސްކަން "މުޅިންހެން ހިނގައްޖެ" ކަމަށެވެ.

ދޮންބިލެއް ވިދާޅުވީ އޭނާގެ ދާއިރާގައި ހިމެނޭ މަގޫދޫގައި އެއާޕޯޓް އަޅުއްވައި، ރަށްތަކުގެ ތަރައްގީއަށް ވަރަށް ދަތިހާލެއްގައި ވެސް ދެއްވި ބަޖެޓާއި ދެއްވި ހިތްވަރު ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެ ކަމަށެވެ.