ފ. މަގޫދޫގައި ސަރުކާރުން ތަރައްގީ ކުރަމުން އަންނަ އެއާޕޯޓު މީގެކުރިން އެޅުމަށް ނިންމި މިންވަރަށްވުރެ ބޮޑު ކުރުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސަރުކާރުން މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ސަރުކާރުގެ ކުންފުނި އެމްޓީސީސީއާއެވެ. އެއާޕޯޓު އެޅުމަށް ކުރިން ނިންމާފައި ވަނީ 1200 މީޓަރުގެ އެއާޕޯޓެއްގެ ގޮތުގައެވެ. ނަމަވެސް ފ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގައި މަގޫދޫ އަށް ވަޑައިގެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެރަށުގައި ތަރައްގީ ކުރާ އެއާޕޯޓު 1800 މީޓަރަށް ބޮޑު ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މަގޫދޫ ހިމެނޭ ސަރަހައްދަކީ ފެންވަރު ރަނގަޅު ބައެއް ރިސޯޓުތައް އޮންނަ ސަރަހައްދެއް ކަމަށާއި އެހެންކަމުން އެއާޕޯޓު ބޮޑު ކުރުމުން ޕްރައިވެޓު ޖެޓުތައް ޖެއްސުމަށް ފަސޭހަވެގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ހަމައެއާކީގައި އެ އަންނަ ޖެޓުތައް މިތަނުގައި ޕާކު ކުރެވޭނެ ސަރަހައްދަކާއި ވީއައިޕީ ޓާމިނަލެއް އިރާދަކުރެއްވިއްޔާ މި އެއާޕޯޓުގައި އަޅުގަނޑު ގާއިމް ކުރާނަން. އަދި ދެވަނަ ތަނަކަށް ނުގޮސް މިތަނަށް ޖައްސާ ބޯޓު ފަހަރަށް ތެޔޮ އެޅޭނެ ފިއުލް ފާމެއްވެސް އެއާޕޯޓު ނިމޭއިރު ގާއިމް ކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މަގޫދޫ އެއާޕޯޓު ތަރައްގީވެ، ނިމިގެން ދާއިރު ރާއްޖޭގެ ރީޖަނަލް އެއާޕޯޓުތަކުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު އެއާޕޯޓަށް ވެގެން ދާނެ ކަމަށެވެ. ރައީސްގެ އެ ވާހަކަފުޅާއެކު އެވަގުތު ޖަލްސާގައި ތިބި މަގޫދޫ ރައްޔިތުން ވަނީ އެކަމާއި އުފާފާޅުކޮށް އަތްތިލަބަޑި ޖަހައިފައެވެ.

ދެހާސް ބާވީސްވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 19ވަނަ ދުވަހު އެމްޓީސީސީއާ މަގޫދޫ އެއާޕޯޓު ތަރައްގީ ކުރުމަށް ހަވާލުކުރީ 231 މިލިއަން ރުފިޔާ އަށެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި އެ މަޝްރޫއު އަކީ ފ. އަތޮޅުގައި ކުރިޔަށް ގެންދާ އެންމެ ބޮޑު މަޝްރޫއު ކަމށެވެ.