ކުރިޔަށް އޮތްތަނުގައި ވެސް ރައްޔިތުން ގާތުގައި ވެވަޑައިގަންނަވާ ވައުދުތައް، އެއްވެސް ތަފާތު ކުރުމެއް ނެތި ފުއްދައި ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.

ދ. އަތޮޅު ދަރަނބޫދޫގެ ބަނދަރު ރަސްމީކޮށް ހުޅުވައިދެއްވަމުން ރައީސް ސޯލިހު ވަނީ އެމަނިކުފާނުގެ ފަސް އަހަރާއި މީގެކުރީގެ ވެރިކަމުގެ ފަސް އަހަރު ރައްޔިތުން އަމިއްލަ އަށް ވަޒަން ކުރެއްވުމަށް އެދިވަޑައިގެންފައެވެ. ރައީސް ވަނީ މީގެކުރީ ސަރުކާރުގައި އޮތީ ބިރުވެރިކަމާއި ތަފާތު ކުރުންތަކާއެކު މަސައްކަތްތައް ކުރުމާއި ހަމަނުޖެހުން ކަމަށް ވިދާޅުވެފައެވެ.

https://twitter.com/hathavees/status/1662410432525770755?s=20

ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވިދާޅުވީ ތަރައްގީއެއް ގެނެވޭނީ ހަމަޖެހުން ގެނެސްގެން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތްތަނުގައި ވެސް އަޅުގަނޑުގެ އެންމެ މުހިއްމު އަމާޒަކަށް ވާނީ ރާއްޖޭގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުން. ހަމަޖެހުން ގާއިމު ކުރުން. ތަފާތު ހިޔާލުތަކުގެ މީހުން އުޅޭނެ. ތަފާތު ފިކުރުގެ މީހުން އުޅޭނެ. އެހެންނަމަވެސް އެ ފިކުރުތަކާއެކީގައި އެ ވިސްނުމާއެކީގައި އެ ހިޔާލުތަފާތުވުންތަކާއެކު ކުރިޔަށް ދިއުން ނޫން ގޮތެއް ސަރުކާރަކަށް ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ އެ ހިޔާލު ތަފާތުވުންތަކާއެކު ވެސް ސަރުކާރުން މަސައްކަތް ކުރަން ޖެހޭނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.