މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު މަނަދޫގައި މަރާލާފައި އޮތް ނައީމާ މޫސާގެ މަރާލުމަށް ބޭނުންކުރި ކަމަށް ބެލެވޭ ހަތިޔާރުތަކެއް ހޯދައިފިއެވެ.

ނައީމާގެ މަރާއި ގުޅިގެން ދެެ މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނައީމާ މޫސާ މަރާލި މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ.

https://twitter.com/m_hameedh/status/1662086264273915904?s=46&t=M9M5hUKhSMLW6TzFVtCYOQ

”މިމައްސަލާގައި ތުހުމަތުކުރެވޭ ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު އެބަތިބި. މައްސަލައިގެ ތަހުގީގަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން ބަލާ ފާސްކުރަމުން އެބަދޭ،” ސީޕީގެ ޓްވީޓުގައިވެއެވެ.

ސީޕީ އަންނަނީ މި މައްސަލައާ ގުޅިގެން ފުލުހުން މިހާރު ކުރިޔަށް ގެންދާ މަސައްކަތްތަކުގެ އަދާހަމަ ހާމަކުރަމުންނެވެ.

އެގޮތުން ސީޕީ ވިދާޅުވީ ނައީމާ މޫސާ މަރާލުމަށް ބޭނުންކުރިކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރު ހޯދާފައިވާ ކަމަށެވެ.

އަދިި ނައީމާ އަށް ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެން ތިބި އަންނައުނު، ވަޅުގަނޑެއް ކޮނެ އެތަކެތި އަޅާ، އަންދާލާފައިވާ ކަމަށާއި އެއަށްފަހު ފަސްއަޅާ އެތަން ފޮރުވާފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ހަމީދު ވިދާޅުވީ އެތަން ކޮނެ އެތަކެތި މިހާރު ނަގާފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގު ކުރިޔަށްދާ ގޮތް ބައްލަވާލެއްވުމަށް ސީޕީ ހަމީދު ވެސް ވަނީ ދާދިފަހުން މަނަދޫ އަށް ވަޑައިގެންފައެވެ. ނައީމާ މޫސާގެ އާއިލާއާ ބައްދަލުކުރައްވައި، ތަހުގީގާ ގުޅޭ މަޢުލޫމާތު އެމަނިކުފާނު ދެއްވިއެވެ.

ފުލުހުން މީގެކުރިން ބުނީ ނައީމާގެ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެވޭތީ މަރުގެ ތަހުގީގު ކުރިއަށް ގެންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހާއްސަ ތަހުގީގު ޓީމަކާއި ފޮރެންސިކް ތަހުގީގު ޓީމެއްގެ އިތުރުން ފޮރެންސިކް ޕެތޮލޮޖިސްޓެއް މަނަދޫގައި ހަރަކާތްތެރިވަމުންދާތާ ދުވަސްތަކެއް ވަނީ ވެފައެވެ.

ނައީމާ މަރުވެފައި އޮއްވާ ފެނުނު ތަނުން އޭނާ ނޫން އެހެން މީހެއްގެ ޑީއެންއޭ އެތަނުން ފެނިފައި ވާތީ ގިނަ އަދަދެއްގެ މީހުންގެ ޑީއެންއޭ ވަނީ ޓެސްޓު ކޮށްފައެވެ.