މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު މަނަދޫގައި މަރާލާފައި އޮތް ނައީމާ މޫސާގެ މަރާއި ގުޅިގެން ދެެ މީހަކު ހައްޔަރުކޮށްފިއެވެ.
ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނައީމާ މޫސާ މަރާލި މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ.
”މިމައްސަލާގައި ތުހުމަތުކުރެވޭ ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު އެބަތިބި. މައްސަލައިގެ ތަހުގީގަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން ބަލާ ފާސްކުރަމުން އެބަދޭ،” ސީޕީގެ ޓްވީޓުގައިވެއެވެ.
މި މައްސަލައިގެ ތަހުގީގަށް މަރުގެ މައްސަލަ ތަހުގީގު ކުރުމުގެ ތަޖުތިބާކާރު، އިންސްޕެކްޓަރ މުހައްމަދު ސާމިހް އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި ނ. އަތޮޅުގެ ފުލުހުން، ނައީމާގެ މަރުގެ ހަގީގަތް ހޯދާ އިންސާފު ގާއިމްކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ފަޚްރުވެރިކަމާއެކު ފާހަގަކުރައްވާ ކަމަށް ސީޕީ ވިދާޅުވިއެވެ.
މި މައްސަލައިގެ ތަހުގީގު ކުރިޔަށްދާ ގޮތް ބައްލަވާލެއްވުމަށް ސީޕީ ހަމީދު ވެސް ވަނީ ދާދިފަހުން މަނަދޫ އަށް ވަޑައިގެންފައެވެ. ނައީމާ މޫސާގެ އާއިލާއާ ބައްދަލުކުރައްވައި، ތަހުގީގާ ގުޅޭ މަޢުލޫމާތު އެމަނިކުފާނު ދެއްވިއެވެ.
ފުލުހުން މީގެކުރިން ބުނީ ނައީމާގެ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެވޭތީ މަރުގެ ތަހުގީގު ކުރިއަށް ގެންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށެވެ.
ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހާއްސަ ތަހުގީގު ޓީމަކާއި ފޮރެންސިކް ތަހުގީގު ޓީމެއްގެ އިތުރުން ފޮރެންސިކް ޕެތޮލޮޖިސްޓެއް މަނަދޫގައި ހަރަކާތްތެރިވަމުންދާތާ ދުވަސްތަކެއް ވަނީ ވެފައެވެ.
ނައީމާ މަރުވެފައި އޮއްވާ ފެނުނު ތަނުން އޭނާ ނޫން އެހެން މީހެއްގެ ޑީއެންއޭ އެތަނުން ފެނިފައި ވާތީ ގިނަ އަދަދެއްގެ މީހުންގެ ޑީއެންއޭ ވަނީ ޓެސްޓު ކޮށްފައެވެ.