ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އަޅުގަނޑުމެންގެ އެއްވެސް މިންވަރެއްގެ، ބާވަތެއްގެ އިހުމާލެއް އެއްވެސް މިންވަރެއްގެ ފަރުވާ ކުޑަ ކުރުމެއް، މުވައްޒަފެއްގެ ހިތުގަވެސް އަދި އަމަލުގައިވެސް އޮވެގެން ނުވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އިންސްޓިޓިއުޓު އޮފް ޓެކްނޮލޮޖީ އާއި ގުޅިގެން ހިންގި ނޭޝަނަލް ސެޓްފިކެޓް 3 އިން ވޯޓާ ސަޕްލައި ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސް އަދި ނޭޝަނަލް ސެޓްފިކެޓް 3 އިން ސްވަރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސް ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ އެކުންފުނިން ކުރާ މަސައްކަތުގައި ސްޓެލްކޯގެ ސްޓާފުންނަށް އެންމެ ޒަމާނީ އިލްމާއި، ތަޖުރިބާ ހޯދައިދިނުމަކީ ކުންފުނީގެ މުހިއްމު އަމާޒެއް ކަމަށެވެ.
ހުނަރުވެރި ގާބިލް ޒުވާނުން އުފެއްދުމަކީ ސަރުކާރުގެ ވެސް މުހިއްމު އަމާޒެއް ކަމަށް ވިދާޅުވެ ޝަރީފް ވިދާޅުވީ ސްޓެލްކޯގެ މަސައްކަތްތެރިންނަކީ ހުނަރުވެރި، ގާބިލް އަދި އެންމެ ޒަމާނީ މައުލޫމާތާއި، ތަޖުރިބާ ލިބިފައި ތިބި މަސައްކަތްތެރި ހުނަރުވެރިން އުފެއްދުމުގެ އަމާޒުގައި ހިންގާ ޕްރޮގްރާމެއް ޕްރޮގްރާމެއް ކަމަށެވެ.
"ފެނާއި ނަރުދަމާ އަކީ ސްޓެލްކޯއަށް އަދި އާ ދެ ޔުޓިލިޓީ. އަޅުގަނޑުމެންނަކީ ރާއްޖޭގެ ދެވަނައެއް ނެތް ކުންފުންޏެއް. ކަރަންޓުގެ ހިދުމަތުގައި. ކަރަންޓު ރައްޔިތުންނާއި ހަމަޔަށް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެންނާއި، އެއްހަމަޔަކަށް އާދެވޭނެ ބަޔަކު ރާއްޖޭގައި ނެތް. އަޅުގަނޑުމެންގެ މެކޭނިކަލް އަދި އިލެކްޓްރިކަލް އިންޖީނިއަރުންނާއި އެއް ލެވެލްއެއްގައި މަސައްކަތް ކުރެވޭނެ މަސައްކަތްތެރިންނެއް ރާއްޖެއަކު ނުތިބޭނެ. އެހެން ނަމަވެސް ފެނާއި ނަރުދަމާއަކީ އަޅުގަނޑުމެންނަށް އާ ދެ ހިދުމަތް. މައުލޫމާތާއި، ތަޖުރިބާ އަޅުގަނޑުމެންނަށް އިތުރަށް ބޭނުންވާ ދެ ހިދުމަތް" ޝަރީފް ވިދާޅުވިއެވެ.
މި ދެ ކޯހުގައި ސްޓެލްކޯގެ ޖުމްލަ 89 މުވައްޒަފަކު ވަނީ ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައެވެ.
މީގެ ތެރެއިން ނޭޝަނަލް ސެޓްފިކެޓް 3 އިން ވޯޓަރ ސަޕްލައި ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސްގައި ބައިވެރިވެފައިވަނީ 66 މުވައްޒަފުން އަދި ނޭޝަނަލް ސެޓްފިކެޓް 3 އިން ސްވަރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސްގައި ބައިވެރިވެފައިވަނީ 23 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.