ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރަމުން އަންނަ މާލޭގެ އަމީނީ މަގުގައި މިހާރު ކުރިޔަށްދާ ސެގްމަންޓުތަކުގައި މަސައްކަތް ނިމިފައިވާ ސަރަހައްދުގައި މިރޭ ތާރު އެޅުމުގެ މަސައްކަތް ކުރިޔަށް ގެންދަން ނިންމައިފިއެވެ.
އަމީނީމަގުގެ ފުރަތަމަ ތިން ސެގްމަންޓުގައި ތާރު އަޅާ ނިންމާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 15ވަނަ ދުވަހުއެވެ.
މިހާރު ކުރިޔަށް ދަނީ ސެގްމަންޓު ހަތަރެއް، ފަހެއް އަދި ހައެއްގެ މަސައްކަތެވެ.
އެ މަސައްކަތް ހަވާލު ކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރްޑީސީ)ގެ ޕީއާރް، އެސިސްޓެންޓް މެނޭޖަރު އަހުމަދު ފައިރޫޒް “ހަތާވީސް” އަށް މިއަދު ވިދާޅުވީ މިރޭގެ ވަގުތެއްގައި އެ ތިން ސެގްމަންޓުގެ މަސައްކަތް މިހާރު ނިމިފައިވާ ސަރަހައްދުގައި ތާރު އަޅާނެ ކަމަށެވެ.
ތާރު އަޅާނީ ބިލަބޮންގ ސްކޫލާއި ހަމައަށް ކަމަށް ފައިރޫޒު ވިދާޅުވިއެވެ. އަދި މަސައްކަތް ކުރަނީ ކުރީ ފަހަރެކޭވެސް އެއްގޮތަށް އެއްރެއިން މަސައްކަތް ނިންމާލުމަށް ކަމަށް ވެސް ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން 1.7 ކިލޯ މީޓަރުގެ މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ މަގުގައި ފެން ހިންދާ ނިޒާމު ގާއިމް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި އެ މަގުގައި މަގުބައްތި ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އާރްޑީސީ އަށް ހަވާލު ކޮށްފައި ވަނީ 84.4 މިލިއަން ރުފިޔާ އަށެވެ.
މިހާތަނަށް މާލޭގެ ގިނަ މަގުތަކެއް އާއްމުން ގަޔާވާ ހިތްގައިމު ގޮތަކަށް ހަދާފައިވާ އާރްޑީސީން ބުނީ މާލޭގެ މަގުތައް ތަރައްގީ ކުރަނީ އެ މަގުތަކަކީ އާއްމުންނަށް ހިތްފަސޭހަ ވާނެ ގޮތަކަށް ކަމަށެވެ. އެގޮތުން އަމީނީ މަގުގައި ވެސް އެ ސިފަ ފެނިގެން ދާނެ ކަމަށް އެކުންފުނިން ބުންޏެވެ.
މީގެއިތުރުން މި މަޝްރޫއުގެ ސަބަބުން އެކިއެކި މަސައްކަތްތަކަށް މަގު ކޮންނަން ޖެހޭ މިންވަރު މަދުވެ، މަގުގައި ދުއްވާ އުޅަނދުތަކަށާއި ހިނގާ މީހުންނަށް އިތުރު ލުއިތަކެއް ލިބިގެން ދާނެ ކަމަށް އާރްޑީސީ އިން ބުނެއެވެ.