ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ތިން ވަނަ އަށް އުފެއްދެވި ސިޔާސީ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލީ ކޮރަޕްޝަންގެ ނާޖާއިޒު ނުފޫޒުން ކަމަށް އެޕާޓީން ކުރި ތުހުމަތުތައް އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ދޮގުކޮށްފިއެވެ.
އެމްއާރްއެމް އުވާލަން ނިންމީ 3،000 މެމްބަރުން ހަމަނުވެގެން، ދިން ނޯޓިސްގެ މުއްދަތުގައި ވެސް މެމްބަރުން ހަމަނުކުރެވުމުންނެވެ. އެ ޕާޓީގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ރައީސް މައުމޫންގެ ދަރިކަލުން، ފާރިސް މައުމޫން ވިދާޅުވީ އެ ނިންމުމަކީ ކޮރަޕްޝަންގެ ނާޖާއިޒު ނުފޫޒު އެކުލެވިގެން، ގާނޫނީ ތަރަހައިން ބޭރުން ނިންމަވާފައިވާ، ޒިންމާދުރުކަން ކުޑަ ނިންމުމެއް ކަމުގައެވެ.
އެ ވާހަކަތަކާ ގުޅިގެން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް "ހަތާވިސް" އަށް ވިދާޅުވީ އެމްއާރްއެމްގެ ފަރާތުން އެންމެ ފަހުން އީސީއަށް ހުށަހަޅާފައިވަނީ 140 ފޯމު ކަމަށެވެ. އީސީން އެމްއާރްއެމަށް ނޯޓިސް ފޮނުވީ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އޭރު ޕާޓީއަށް ބޭނުންވަނީ 29 މެމްބަރުންނެވެ. އެކަމަކު އޭގެ ފަހުން ޕާޓީން ގިނަ އަދަދެއްގެ ބަޔަކު ވަކިވުމުން 29 އަށްވުރެ ގިނަ މެމްބަރުން ހަމަކުރަން އެއަށްވުރެ ގިނަ މެމްބަރުން ބޭނުންވެއެވެ.
"ސިފައިންނާ ފުލުހުންގެ ވަޒީފާއަށް ވަންނަންވެގެން ވަކިވި މީހުންނާ ސިޔާސީ ޕާޓީގައި އުޅުނު މަނާ މަގާމުތަކަށް ކުރިމަތިލައިގެން ވަކިވި މީހުންނާއި އެހެން ސިޔާސީ ޕާޓީތަކަށް ދިޔަ މީހުންނާއި، އެ މީހުން އުނިކުރީމަ ހުށަހެޅި އަދަށްވުރެ ބޭނުންވާ އަދަދު މަދުވީ،" ހަބީބް ވިދާޅުވިއެވެ.
ހަބީބް ދެއްވި ޔަގީންކަމަކީ ޕާޓީ އުވާލީ އެއްވެސް ކަހަލަ ނުފޫޒެއް އޮވެގެން ނޫން ކަމެވެ. އަދި އެކަމުގައި ކޮރަޕްޝަން އެކުނުލެވޭ ކަމެވެ. "އަޅުގަނޑަކަށް ނޭގެ އެއީ ކޮރަޕްޝަނަށް ވާގޮތެއް. ބޭނުންވާވަރަށް ވުރެ މަދުން ފޯމް ހުށަހެޅުނީމަ އޭތި ކަރަޕްޝަނަށް ވަނީ ކިހިނެއް ކަމެއް އެނގިވަޑައިގަންވާނީ ވާހަކަ ދެއްކި މީހުންނަށް،" އޭނާ ވިދާޅުވިއެވެ.
ރައީސް މައުމޫން ތިން ވަނައަށް އުފެއްދެވި ސިޔާސީ ޕާޓީ، އެމްއާރާއެމުން ދެއްކި ވާހަކައާ މެދު ހިތާމަކުރާ ކަމަށް އީސީން ބުންޏެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި އެމަނިކުފާނު އެންމެ ފުރަތަމަ އުފެއްދެވީ ޑީއާރްޕީއެވެ. އަށްފަހު، ޕީޕީއެމްއެވެ. އަދި ތިން ވަނައަށް 2019 ވަނަ އަހަރު އެމްއާރްއެމް އުފެއްދެވިއެވެ.