ރައްޔިތުން މަޖިލީހުގެ ރިޔާސަތާއި ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ހަވާލުވެވަޑައިގަންނަ ވާތީ، އިހަވަންދޫ ދާއިރާގެ މެންބަރު ޝިފާއު ނުރުހުން ފާޅުކުރައްވައިފިއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝިފާއު ވިދާޅުވީ މަޖިލީހުގެ ރައީސާއި ނާއިބު ރައީސް އިންތިހާބު ކުރުމަށް ބޭއްވި ޖަލްސާގައި އަފީފަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރިޔާސަތު އޮންނަ ތަރުތީބު، ގާނޫނު އަސާސީއާ މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތް އަފީފަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
“ހަމަ މީހަކު އައިސް ގޮނޑިއަށް އަރާށޭ ބުންޏަސް އެރުން އެއީކީއެއް އިންސާނީ ހަމައެއް އުސޫލެއް ނޫން އިނގޭތޯ އިއްޒަތްތެރި ރައީސް،” ޝިފާއު ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީ އެކުލަވާލިއިރު ހަސަން އަފީފަކީ ވެސް އެ މަސައްކަތުގައި އުޅުއްވި ބޭފުޅެއް ކަމަށާއި، އެ ގާނޫނުއަސާސީގެ ދަށުން އުފެދިފައިވާ ރައްޔިތުން މަޖިލީހެއްގެ ރިޔާސަތާއި ހަސަން އަފީފް މިހާރު ހަވާލުވެ އިންނަވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ޝިފާއު ވިދާޅުވިއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި މެންބަރު ޝިފާއުގެ އިތުރުން މެންބަރު ސަނީފް ވެސް ވަނީ މަޖިލީހުގެ ރިޔާސަތުގައި އަފީފް އިންނަވާތީ އެކަމާއި ގުޅިގެން ވާހަކަދައްކަވައިފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުންނަށް ބަހުސް ކުރުމުގެ ވަގުތު ދިން ގޮތާއި މެދު ހިތްހަމަނުޖެހި، ސަރުކާރަށް ތާއީދު ކުރާ މަޖިލިސް މެންބަރުން ވަނީ އިހުތިޖާޖު ކޮށްފައެވެ. މި މައްސަލާގައި ބައެއް މެންބަރުންގެ ނަން ވެސް މިއަދުގެ ޖަލްސާގައި އިއްވިއެވެ.