ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ތިން ވަނަ އަށް އުފެއްދެވި ސިޔާސީ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލީ ކޮރަޕްޝަންގެ ނާޖާއިޒު ނުފޫޒުން ކަމަށް އެޕާޓީގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ރައީސް މައުމޫންގެ ދަރިކަލުން، ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

އެމްއާރްއެމް އުވާލަން ނިންމީ 3،000 މެމްބަރުން ހަމަނުވެގެން، ދިން ނޯޓިސްގެ މުއްދަތުގައި ވެސް މެމްބަރުން ހަމަނުކުރެވުމުންނެވެ.

އެމްއާރްއެމް އުވާލުމާއި ގުޅިގެން ފާރިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވާކަމަށް ދެކެވަޑައިގަންނަވާތީ، އެމްއާރްއެމް އުވާލުމަށް، އިލެކްޝަން ކޮމިޝަނުން ނިންމަވާފައިވާ ކަމަށް އެ ކޮމިޝަނުން އެޕާޓީ އަށް އަންގަވާފައިވާ ކަމަށެވެ.

https://twitter.com/afarismaumoon/status/1661302522231808000?s=46&t=M9M5hUKhSMLW6TzFVtCYOQ

އެހެންކަމުން، މި ދަނޑިވަޅުގައި އެޕާޓީގެ މެންބަރުން ކެތްތެރިކަމާއެކު އެ ޕާޓީއާއެކު ދެމިތިއްބެވުމަށް ފާރިސް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

“އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވާ މި ނިންމެވުމަކީ، ކޮރަޕްޝަންގެ ނާޖާއިޒު ނުފޫޒު އެކުލެވިގެން، ޤާނޫނީ ތަރަހައިން ބޭރުން ނިންމަވާފައިވާ، ޒިންމާދުރުކަން ކުޑަ ނިންމުމެއް ކަމުގައި ދެކެމެވެ. މިކަމުން އަންގައިދެނީ، ޤައުމުގައި ފަސާދައާއި ކޮރަޕްޝަންގެ ވަކި ހިތްޕާލާފައިވާ މިންވަރެވެ. ހަމައެހެންމެ، ޤައުމުގައި ޤާނޫނު ހިންގުމަށް ނުކުޅެދިފައިވާ މިންވަރެވެ” ފާރިސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޙައްޤުގެ މަގުގައި ސާބިވެ ތިބެ، ޤާނޫނީ އިމުން ބޭރުން ނިންމަވާފައިވާ އެ ނިންމެވުމުގެ މައްޗަށް ކުރި ހޯއްދަވާނެ ކަމަށެވެ.

“ފަސާދައާއި، ނާޖާއިޒު މަންފާ ހޯދުމަށް ހިންގޭ ސިޔާސީ މިފަދަ ހުތުރު ޢަމަލުތަކުން ސަލާމަތްކުރުމަށް، އަޅުގަނޑުމެންގެ ޕާޓީގެ ލޮބުވެތި މެންބަރުންނާއި، އަދި ޕާޓީއަށް ހެޔޮ އެދިވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން، ސާބިތުކަމާއެކު ދެމި ތިއްބަވައި، މި މުހިއްމު މަސައްކަތުގައި އަޅުގަނޑުމެންނާ ބައިވެރިވެވަޑައިގެން ދެއްވުމަށް ދަޢުވަތު އަރުވަމެވެ” ފާރިސް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުން ފެބްރުއަރީ 21، 2023، ގެ ނިޔަލަށް އެމްއާރްއެމްގެ މެމްބަރުންގެ އަދަދަކީ 2،981 އެވެ. ތިންހާސް ހަމަކުރަން މަދުވަނީ 19 މީހުންގެ ސޮއެވެ. އެހާ މަދު އަދަދެއްގެ ބައެއްގެ ސޮއި ނުލިބި، އެ ޕާޓީ އުވާލަން ޖެހުނު ސަބަބާ ގުޅޭ ގޮތުން އެމްއާރްއެމުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެޕާޓީ އުވާލާފައި ވަނީ ދެ ނޯޓިސް އެއް ދިނުމަށްފަހު ކަމަށެވެ. އެންމެ ފުރަތަމަ ނޯޓިސް އެޕާޓީ އަށް ދީފައި ވަނީ 2022ވަނަ އަހަރުގެ ތެރޭގައެވެ. އެމްއާރްއެމް އަކީ މެންބަރުން ހަމަ ނުވާ ޕާޓީތަކަށް އިލެކްޝަންސް އިން ދިން ފުރުސަތުގައިވެސް ހިމެނިފައިވާ ޕާޓީއެކެވެ.