ރައްޔިތުންގެ މަޖިލީހުހެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި “ފިކުރެއްގެ ދިރުން” ފެކްޝަނުން އުފައްދަން ނިންމާފައިވާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ.
“ދަ ޑިމޮކްރެޓްސް” ގެ ނަމުގައި އުފެއްދުމަށް ހުށަހެޅި މި ސިޔާސީ ޕާޓީގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގެ ހުއްދަ އަކަށް އެދި ހުށަހަޅާފައި ވަނީ ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްގެ ނަމުގައެވެ.
މިއަދު އިލެކްޝަންސް ކޮމިޝަނުގައި އޮތް ރަސްމިއްޔާތެއްގައި ޕާޓީ އުފެއްދުމުގެ ހުއްދަ ހަސަން ލަތީފަށް ހަވާލު ކުރެއްވީ އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއީލް ހަބީބެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަބީބް ވިދާޅުވީ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާއެކު އެ ޕާޓީއަކަށް ތިން މަސް ދުވަހުގެ މުއްދަތެއް ލިބިގެން ދާނެ ކަމަށެވެ. އެ ތިން މަސް ދުވަހުގެ ތެރޭގައި މަދުވެގެން 3،000 ފޯމު އީސީ އަށް ހުށަހަޅުއްވަން ޖެހޭނެ ކަމަށް ހަބީބް ވިދާޅުވިއެވެ.
ފިކުރެއްގެ ދިރުމުން އާ ސިޔާސީ ޕާޓީއެއް ހަދާނެކަން އިއުލާން ކުރެއްވީ ބޮޑުފެންވަޅުގޭގައި މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ ނައިބު ރައީސް އީވާއެވެ.
އެ ޕްރެސް ކޮންފަރެންސްގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި ސިޔާސީ ޕާޓީ ހެދުމުގެ އިދާރީ ކަންކަން ފުރިހަމަކޮށް، ޕާޓީ ހެދުމަށްޓަކާ 3،000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
“ފެށޭ ހަފްތާ ތެރޭގައި އިދާރީ މަސައްކަތް ނިންމުމަށްފަހު، ސިޔާސީ ޕާޓީ ރަޖިސްޓްރީކުރުމަށް އެދޭ ފޯމު ހުށަހަޅައި އަދި އޭގެ ފަހުން ހޯދަންޖެހޭ 3،000 ފޯމު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮސް، އަޅުގަނޑުމެންގެ ސިޔާސީ ޕާޓީގެ ރަޖިސްޓްރީގެ މަސައްކަތް ކުރިއަށް ގެންދާނަން،” އިލްޔާސް ލަބީބު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތައް އެމްޑީޕީން ވަކިވެ ސިޔާސީ ޕާޓީއެއް ހަދާއިރު ނަޝީދު ހުންނެވީ އަދިވެސް އެމްޑީޕީގައެވެ.