މި ސަރުކާރުން އެކުލަވާލާފައިވާ ދަނޑުވެރިކަމުގެ މެނިފެސްޓޯގެ 70 ޕަސެންޓް ހާސިލުވެފައިވާ ކަމަށް ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޔާޒު (ނިޔާ) ވިދާޅުވެއްޖެއެވެ.

ނިއާ އެހެން ވިދާޅުވީ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ހުށަހަޅުއްވާފައިވާ، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރާއްޖޭގެ ދަނޑުވެރިންނަށް ދޫކުރި ދަނޑުވެރިންގެ ސަބްސިޑީ އަލުން އަނބުރާ އިޔާދަކޮށް ދަނޑުވެރި މީހާއަށް ދިނުމަށް ގޮވާލައި ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުންނެވެ.

ގަރާރަށް ބަހުސް ކުރެއްވި ބައެއް މެމްބަރުން ވިދާޅުވީ މި ސަރުކާރުން ދަނޑުވެރިކަމަށް އެއްވެސް ކަމެއް ކޮށްދީފައިނުވާ ކަމަށެވެ. އަދި މެނިފެސްޓޯގައި ހުރި ކަންތައްތައް ހާސިލުވެފައިނުވާ ކަމަށްވެސް އެ މެމްބަރުން ވިދާޅުވިއެވެ. އެ ވާހަކައަށް ރައްދު ދެެއްވަމުން ނިޔާ ވިދާޅުވީ އެއްވެސް ވެރިކަމަކަށް މެނިފެސްޓޯގައި ހުރި ހުރިހާ ކަމެއް ހާސިލުކުރެއްވިފައި ނުވާ ކަމަށެވެ.

"އަޅުގަނޑަށް ފެންނަން ހުރި ނަތިއްޖާއަށް ބަލާއިރުގައި ދަނޑުވެރިކަމުގެ މެނިފެސްޓޯގައި 70 އިންސައްތަ ކަންތައް މި ވަނީ މި ސަރުކާރުން ހާސިލްކުރެވިފައި،" ނިޔާ ވިދާޅުވިއެވެ. އެއަށް ނިޔާ ވަނީ ސަރުކާރަށް ހާސިލްކުރެވިފައިވާ ކަންތައްތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.

އޭގެ ތެރޭގައި ދަނޑުވެރިން ތަމްރީނުކުރުމާއި ފެންދޭ ނިޒާމުގެ ނެޓްވޯކާއި، ދަނޑުވެރިންގެ ނަފާ ލޯނުގެ ޕްރޮގްރާމް ހިމެނެއެވެ. އެ މައުލޫމާތުތައް ނިޔާ ހިއްސާކުރައްވަމުން ގެންދަވަނިކޮށް ރިޔާސަތުގައި ހުންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަން ހުއްޓުވަން މަސައްކަތްކުރައްވާފައެވެ.

"ތި ކަރުދާސް މި ތަނަށް ފޮނުވާލައްވައިފިއްޔާ ފަސޭހަވާނެ. ނަމަވެސް އަޅުގަނޑު ވަގުތު އަރުވާނަން ކަރުދާސް ކިޔުއްވާ ނިމެންދެންް،" ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އޭގެ ފަހުން ވަގުތު ނެތުމުން ނިޔާއަށް ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ.

ނިޔާ މަސައްކަތް ކުރެއްވީ އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ވެސް އެމްޑީޕީއަށް ލިބިފައި އޮތް ފުރުސަތުގައި އެ މެމްބަރަކު ބޭނުންވާ މިންވަރަކަށް ވާހަކަ ދައްކަން ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފުމަށެވެ. ނަމަވެސް ރިޔާސަތުން ނިންމެވީ ޕާޓީއަށް ވަގުތު އޮތް ނަމަވެސް، ކޮންމެ މެމްބަރަކަށް ވެސް ވާހަކަ ދެއްކޭނީ ވަކި ވަގުތަކަށް ކަމަށެވެ.