ޑިމޮކްރަސީގެ ބަފަޔަކަށް ހެދުނު މީހާ، ނުލަފާ ދޮން ބަފަޔަކަށް ވެއްޖެ ކަމަށް ވިދާޅުވެ، ރައީސް ނަޝީދަށް އިޝާރާތްކޮށް ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާޝިދު (ރާޑޯ) ފާޑުވިދާޅުވެއްޖެއެވެ.

މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަހުސްގެ މަރުހަލާގައި ރާޝިދު މިހެން ވިދާޅުވިއިރު، ރިޔާސަތުގައި އިންނެވީ ނަޝީދެވެ. މެންބަރު ރާޝިދު މިއަދު ވަނީ ނަޝީދުގެ ފެކްޝަން ނުވަތަ "ދަ ޑިމޮކްރެޓްސް"ގެ މެމްބަރުންނަށް ބަހުގެ ހަމަލާތައް ރައްދުކުރައްވާފައެވެ.

https://twitter.com/hathavees/status/1661414095751348226?s=20

ރައީސް ނަޝީދަށް ތާއިދު ކުރައްވާ، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ހުށަހެޅުއްވި ގަރާރަށް އިޝާރާތް ކުރައްވައި، ރާޝީދު ވިދާޅުވީ އެކި ކަހަލަ ގަރާރުތައް ހުށަހަޅައިގެން ރައިސް ސޯލިހަށް ރައްދުކޮށް ބަސް ވިދާޅުވަމުން ގެންދަވަނީ މި ސަރުކާރުން ރައްޔިތުންނަށް ގެންނަ ތަރައްގީ ހަޖަމު ނުވެގެން ކަމަށެވެ. އެކަން ކުރަނީ ވެރިކަމުގެ ދަހިވެތި ކަމުގައި ކަމަށް އޭނާ ވިދާޅުވިއެވެ. ރިޔާސަތުން އެ މެމްބަރުންނަށް ނާޖާއިޒު ގޮތުގައި ވަގުތު ދެއްވާތީވެ ރާޑޯ ވަނީ ރިޔާސަތަށް ފާޑުވިދާޅުވެފައެވެ.

"މިއަދު އަޅުގަނޑުމެންނަށް ފެނިގެންދަނީ ޑިމޮކްރަސީގެ ހެޔޮލަފާ ބަފައެއް ކަމަށް ހެދިގެން އުޅުނު ބޭފުޅަކު، ވަރުގަދަ ނުލަފާ ދޮންބަފަޔަކަށް ވެގެން މުޅި ގައުމު ހަރާބު ކުރަމުންދާ މަންޒަރު. އަޅުގަނޑުމެން އެ ފުރުސަތެއް ނުދޭނަން" ނަޝީދަށް އިޝާރާތްކުރައްވާ ވިދާޅުވިއެވެ.

ރާޝިދު އިތުރަށް ވިދާޅުވީ ރައީސް ސޯލިހަށް ދެވަނަ ފުރުސަތެއް ރައްޔިތުން ދޭނެ ކަމަށާއި އެކަން ވަރަށް ސާފުކަމަށެވެ. ރައްޔިތުންނަށް އޮޅުވާނުލަން އިލްތިމާސްކުރަމުން ރާޑޯ ވިދާޅުވީ ދަނޑުވެރިކަމަށް ހާއްސަކޮށްގެން އެގްރޯނެޓް ފަދަ ކުންފުނިތައް މި ސަރުކާރުން އުފައްދާ އޭގެ ސަބަބުން ރައްޔިތުންނަށް ރަނގަޅު މަންފާތަކެއްވަމުން އަންނަ ކަމަށެވެ. މި ސަރުކާރުން ރައްޔިތުންގެ އަސާސީ ހިދުމަތްތައް ފުއްދަމުން އަންނަ ކަމަށް ވިދާޅުވިއެވެ. ރައްޔިތުންނަށް އޮޅުވާލަން ނަޝީދުގެ މެމްބަރުން ކުރައްވާކަންތައްތަކުން މާ ރަނގަޅު ނަތިއްޖާއެއް ނުނެރެވޭނެ ކަމަށް ވިދާޅުވިއެވެ.