ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމުން އީވާ ވަކި ކުރުމަށް ހުށަހަޅާ އިތުބާރު ނެތް ކަމުގެ މައްސަލަ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެމްޑީޕީ އިން އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ 50 މެންބަރުންގެ ސޮއިއާއެކުއެވެ. މީގެތެރޭގައި އެމްޑީޕީގެ ޕީޖީގެ 49 މެންބަރަކު ސޮއި ކުރައްވާފައިވާއިރު އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) ވެސް ވަނީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރައްވާފައެވެ.

މި ހިނގާ 19ވަނަ ރައްޔިތުން މަޖިލީހަށް އީވާ އިންތިހާބުވެވަޑައިގަތީ އެމްޑީޕީގެ ޓިކެޓުގައެވެ. އީވާގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ބުނެފައި ވަނީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ހުރިހާ މެންބަރުންވެސް ސޮއިކުރެއްވި "މެންބަރުންގެ އިގުރާރު"ގައި އީވާ ވެސް ސޮއި ކުރައްވާފައިވާ ކަމަށެވެ. އަދި މަޖިލިސް މެންބަރު ކަމަށް އިންތިހާބުވެއްޖެ ނަމަ އެމްޑީޕީގައި ދެމި ހުންނާނެ ކަމަށް އެ އިގުރާރުގައިވާނެ ކަމަށް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލާގައިވެއެވެ.

ނަމަވެސް އަމިއްލަ އަށް އެދިގެން އީވާ އެމްޑީޕީން ވަކިވެފައިވާއިރު އެއީ "މެންބަރުންގެ އިގުރާރާ" ހިލާފު އަމަލެއް ކަމަށްވެސް ބުނެފައިވެއެވެ. މީގެއިތުރުން އެ މައްސަލާގައި ބަޔާން ކޮށްފައިވާ ގޮތުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ގަވާއިދުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅާ ކަންކަމުގައި އެއްބާރުލުން ދޭން ވާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ.

އެ މައްސަލާގައި ބުނެފައި ވަނީ އެމްޑީޕީގެ ޕީޖީ އިން އީވާ އަށް ކުރަމުން އައި އިތުބާރު ގެއްލިފައިވާ ކަމަށެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާއިރު އީވާ މިހާރު އަންނަނީ "ފިކުރެއްގެ ދިރުން" އިން އުފައްދަން ނިންމާފައިވާ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އުފައްދާ ސިޔާސީ ޕާޓީއާ ގުޅުމަށް ނިންމައިފައެވެ.

އެމްޑީޕީން ވަކިވެ، އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމާފައިވާކަން އިއުލާނު ކުރުމަށް މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އީވާ ވަނީ މަޖިލިސް ނާއިބު ރައީސްކަމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.