އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވުމުން، އެ ޕާޓީން ވަކިވެ، "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް ހަދަން އުޅޭތީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ނުސީދާކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ހިމެނިވަޑައިގަންނަވާ ވަޓްސްއެޕް ގްރޫޕެއްގައި އަލީ ނިޔާޒު ވިދާޅުވީ އޭނާ ތަބާވެވަޑައިގަންނަވަނީ މެޖޯރިޓީއަށް ކަމަށާއި އޭނާއަކީ ހަގީގީ ޑިމޮކްރޭޓެއް ކަމަށެވެ.

އަލީ ނިޔާޒު ނުސީދާކޮށް، ނަޝީދަށް ބަހުގެ ހަމަލާ ދެއްވާފައި މި ވަނީ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ނަތީޖާއަށް އިޝާރާތްކޮށެވެ. ނަޝީދަށް ޕްރައިމަރީގައި ލިބިވަޑައިގެންނެވީ 39 ޕަސެންޓް ވޯޓެވެ. ރައީސް އިބްރާޙިމް މުހައްމަދު ސާލިހު، އިންތިހާބު ކާމިޔާބު ކުރެއްވީ 61 ޕަސެންޓުންނެވެ. ނަަމެވެސް އެ ނަތީޖާ ނަޝީދު ގަބޫލުފުޅު ނުކުރައްވައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކޮއްކޯފުޅު، އަލީ ނިޔާޒު އެހެން ވިދާޅުވުމާ ގުޅިގެން، ނަޝީދު ފެއްޓެވީ އެހެން ވާހަކައެކެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން އީވާ ވަކިކުރަން އެމްޑީޕީން ނިންމާފައިވާތީ، ނަޝީދު ވިދާޅުވީ "ދޭލިޔާ މުހައްމަދުބެގެ ދަރި އެއްލާލަނީ" ކަމަށެވެ.

ދޭލިޔާ މުހައްމަދުބެއަކީ އީވާގެ ބައްޕަ، ހިންނަވަރު، ދޭލިޔާ، މުހައްމަދުއެވެ. އޭނާއަކީ ރައީސް ސޯލިހުގެ ދެބޭންގެ ދެދަރި ބޭފުޅެކެވެ.

މަޖިލީހުގައި އީވާއާ ދެކޮޅަށް ނަގަން އުޅޭ އިތުބާރު ނެތްކަމުގެ ވޯޓު އާއިލީ ކަމަކަށް ހެއްދެވުމުން، ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު ނަޝީދަށް ހޫނު ރައްދެއް ދެއްވިއެވެ.

"ބުނަންތަ ވާހަކައެއް. މަޖިލީހުގައި ދޭލިޔާ މުހައްމަދެއް، ތުއްތުމަނިކެއް އެހެން މީހެއް..." ޔައުގޫބު ނަޝީދަށް ރައްދު ދެއްވައި ވަޓްސްއެޕް ގްރޫޕުގައި ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދަށް ތާއިދުކުރާ "ފިކުރެއްގެ ދިރުން" މެމްބަރުން އެމްޑީޕީން ވަކިވެ، "ދަ ޑިމޮކްރެސްޓް" ނަމުގައި ސިޔާސީ ޕާޓީއެއް ހަދަން އުޅޭތީ، މަޖިލީހުގެ އެހެން މެމްބަރުން ވެސް ނަޝީދަށް ދަނީ ފާޑުކިޔުން އަމާޒު ކުރަމުންނެވެ.

[caption id="attachment_51737" align="alignnone" width="1024"] އަލީ ނިޔާޒާއި ނަޝީދާ ދެމެދު ބަހުގެ ހަމަލާ ރައްދުވި ޗެޓްލޮގް[/caption]