މީހަކު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ފުލުހުން ހޯދަމުންދިޔަ އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާ ގައްބަރޭ، އަމިއްލައަށް ފުލުހަށް ހާޒިރުވެ، ހައްޔަރުވުމުން އޭނާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

މަޖިލިސް މެމްބަރަކު މަރާލަން އިންޒާރުދިންކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ގައްބަރޭގެ ބަންދަށް 30 ދުވަސް ޖަހައިދިނީ ކްރިމިނަލް ކޯޓުންނެވެ. މުއްދަތު ޖެހީ ވެސް މިއަދުއެވެ. އޭނާ ހޯދުމަށް ފުލުހުން ފޮޓޯ އާންމު ކުރީ މީގެ ހަފްތާއެއްހާ ކުރިން، މި މަހުގެ 15 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ ގްރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށެވެ.

ގައްބަރޭއަކީ ރާއްޖޭގައި ހިނގާފައިވާ ބައެއް މަރުގެ މައްސަލަތަކުގައި ވެސް ޝާމިލުވާ މީހެކެވެ. ރެކޯޑުތަކުން ދައްކާ ގޮތުން 2007 ވަނަ އަހަރު ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ހ. ކުބުރާ އަލީ އިޝާރު (ޗޯޓޭ) މަރާލުމުގައި ބައިވެރިވިކަމަށް ތަހުގީގުގައި އިއުތިރާފް ވެފައިވާ މީހެކެވެ. އަދި 2011 ވަނަ އަހަރުގެ އޭޕްރީލް މަހު މަޖިދީމަގާއި އަލިކިލެގެފާނު މަގު ގުޅުނު ހިސާބުގައި ސ. ހިތަދޫ ވަރުދީގޭ، އަހުސަން ބަޝީރުގެ ކަރަށް ހަމަލާދީ މަރާލި މައްސަލާގައި މާލެތެރޭގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރިކަމުގެ ތުހުމަތުގައި އޭނާ ހައްޔަރު ވެސް ކުރިއެވެ.