ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ޖުލައި މަހު ހުވަދޫ އަތޮޅުގައި ފަށައިގަނެވޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

އަސްލަމް އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ހުވަދޫ އަތޮޅުގެ އާރްޓީއެލްގެ ހިދުމަތް ފެށޭނެ ތާރީހާ ގުޅޭ ގޮތުން ގެމަނަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސައީދު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ހުވަދޫގައި އާރްއާރްޓީއެލް ހިދުމަތް ދިނުމުގައި އަތޮޅުގެ ރައްޔިތުންގެ ވިސްނުން ހުރި ގޮތް ބެލުމަށް އެ މިނިސްޓްރީގެ ޓީމަކުން އެ އަތޮޅަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.

"މަސައްކަތްކުރަމުން ގެންދަނީ ޖުލައިމަސް ފުރަތަމަ ހަފްތާގައި އާރްޓީއެލްގެ ހިދުމަތް ގއ. ގދ. ގައި މަސައްކަތް ފަށައިގަތުމަށް،" އަސްލަމް ވިދާޅުވިއެވެ.

[caption id="attachment_51730" align="aligncenter" width="1600"] މިއަދުގެ ޖަލްސާގައި މިނިސްޓަރު އަސްލަމް، މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ[/caption]

އޭނާ ވިދާޅުވީ އެންމެ ފުރަތަމަ ހިދުމަތް ފަށައިގަންނާނީ ހަތް އުޅަނދާއެކު ކަމަށެވެ. އެކަމަކު ޖުލައި މަސް ނިމޭއިރަށް ޖުމްލަ އަށް އުޅަނދަށް އިތުރުކުރެވޭނެ ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު އަތޮޅު ހުވަދު އަތޮޅުގައި މީހުން ދިރިއުޅޭ 19 ރަށް އޮވެއެވެ. އެ އަތޮޅު ބޮޑުވުމުގެ ސަބަބުން އިދާރީ ގޮތުން ދެ ދާއިރާއަކަށް ވަނީ ބަހާފައެވެ. އެއީ ގއ. އަތޮޅާއި ގދ. އަތޮޅެވެ. މުޅި ހުވަދު އަތޮޅުގައި 4 އެއާޕޯޓް ހިންގަމުންދާއިރު، އެ އަތޮޅުގެ އާބާދީއަކީ 36،000 ވުރެ ގިނައެވެ.

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވާކްއަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުން އަދި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕޭޝަލް ޕްލޭން (2020-2040) ގައި ހިމެނޭ 3 ޒޯންއާއި 6 ރީޖަން ގުޅުވައިދިނުމަށް ފަރުމާކޮށްފައިވާ ވިއުގައެކެވެ. އެގޮތުން ފެރީ ނެޓްވޯކްއިން 6 ރީޖަންގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅައިލެވޭއިރު، އެއް ރީޖަން އަނެއް ރީޖަންއާއި ވެސް ގުޅިގެންދާނެއެވެ. މި ގޮތަށް ފަސިންޖަރުން އުފުލާ ފެރީ ގުޅުވައިލެވިގެންދާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ “ކޮމިއުޓް ލިންކް،” “ނަން-ކޮމިއުޓް ލިންކް،” އަދި “ހައިވޭ ލިންކް” މެދުވެރިކޮށެވެ.

ކޮމިއުޓް ލިންކްއަކީ އެ ރީޖަންއެއްގައި ހިމެނޭ ރަށްތައް ގުޅުވައިދޭ، ޢާންމުކޮށް ކުރަންޖެހޭ މަސައްކަތް ނުވަތަ ޒަރޫރީ ބޭނުންތަކަށް ކުރާ ކުރު ދަތުރުތަކަށް ހާއްސަ ކުރެވިފައިވާ ލިންކްއެވެ. ނަން-ކޮމިއުޓް ލިންކްއަކީ ދެ ރަށެއްގެ ދެމެދުގައި ކުރާ، ދިގު ދަތުރުތަކަށް ހާއްސަކޮށްފައިވާ ލިންކްއެވެ. އަދި ހައިވޭ ލިންކްއަކީ އެއް ރީޖަން އަނެއް ރީޖަންއާ ގުޅުވައިދޭ މައި ދަތުރުފަތުރުގެ ހަބްއެވެ.

އާރުޓީއެލް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. އެ މަޝްރޫއުގެ ފުރަތަމަ ފޭސް އެކެއްގައި ހިމެނެނީ ހއ، ހދ، އަދި ށ، އަތޮޅުގެ 41 ރަށެކެވެ.

މި މަޝްރޫއު އަކީ ގާތްގަނޑަކަށް 800 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. މި މަޝްރޫއު ނިމުމުން ދަތުރުފަތުރުގެ ނިޒާމުގައި ބޭނުން ކުރުމަށް 80 ވަރަކަށް ލޯންޗު ބޭނުން ކުރެވިގެން ދާނެ ކަމަށް އެމްޓީސީސީ އިން މައުލޫމާތުދެއެވެ.

ފެރީ ނެޓްވޯކުގައި ބޭނުންކުރާނީ 47 ފޫޓުގެ ލޯންޗުތަކެކެވެ. އެ ލޯންޗުތަކުގައި 40-50 މީހުންގެ ކެޕޭސިޓީ ހުންނާނެއެވެ. އާއްމު ގޮތެއްގައި 14 ލޯންޗެއް އެކަމަށް ބޭނުން ކުރާއިރު އެއްވެސް ލޯންޗަކަށް މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި އަބަދުވެސް ބެކަޕްގައި ތިން ލޯންޗު އޮންނާނެއެވެ.