ހުޅުމާލޭގެ މަގުތަކުގައި ހުރި ފިތުރޯނު ގަސްތައް ކެނޑުމަށްފަހު، ހަމަ އެ ގަސްތައް ހުރި ތަނުގައި އެގްޒޯޓިކް ޕްލާންޓުތަކެއް އިންދުމުގެ މަސައްކަތް އާބަންކޯ އިން ފަށައިފިއެވެ.
އާބަންކޯ އިން މިއަދު ބުނީ ހުޅުމާލެ އަކީ ތިމާވެއްޓާ ރައްޓެހި އަދި ފެހި ތަނަކަށް ހެދުމަށް އެކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިންދާފައިވާ ބައެއް ގަސްތައް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން ކަނޑަމުން އަންނަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހައްދާފައިވާ ބޮޑު ފިތުރޯނުގަސްތައް ކަމަށް އެ ކުންފުނިން ބުނެއެވެ.
"މި ގަސްތައް ކެނޑިކަމުގައި ވީނަމަވެސް، މި ގަސްތަކުގެ ބަދަލުގައި ހަމަ އެތަނުގައި މި ކުންފުނީގެ ފަރާތުން އަންނަނީ ގަސް އިންދަމުންނެވެ. އެގޮތުން ބައެއް ސަރަހައްދުތަކުން ފިތުރޯނު ގަސްތައް ކަނޑާފައި ވާނީ ވެސް ކޮންމެ ދެ ފިތުރޯނު ގަހެއްގެ މެދުގައި ހަމަ އެގޮތަށް ހެދޭނެ އެގްޒޯޓިކް ޕްލާންޓެއް ހެއްދުމަށް ފަހުގައެވެ." އާބަންކޯ އިން ބުންޏެވެ.
އެ ކުންފުނިން ބުނީ ފިތުރޯނު ގަސްތައް ކަނޑާއިރުވެސް އެ ކުންފުނިން މަސައްކަތް ކުރަނީ އޭގެ ސަބަބުން ތިމާވެއްޓަށް ގެއްލުމެއް ނުލިބޭނެ އަދި ހުޅުމާލޭގެ ފެހި ކަމާއި، ހިތްފަސޭހަކަން ނުގެއްލޭނެ ގޮތަކަށް އެކަން ކުރުމަށް ކަމަށެވެ. ނިރޮޅުމަގުގައި ހުރި ހުރިހާ ފިތުރޯނުގަސްތަކުގެ ބަދަލުގައި އެހެން ގަސްތައް ޖަހައި ފިތުރޯނު ގަސްތައް މިހާރު ވަނީ ކަނޑާފައެވެ. އަދި ފިތުރޯނު މަގުގެ އެއްބައިގައި ވެސް ހަމަ އެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެ މަސައްކަތް ޕްލޭން ކުރެވިފައިވާ ގޮތުން ކުރިއަށް އޮތް ތިން އަހަރު ތެރޭގައި މުޅި ހުޅުމާލެ އިން ފިތުރޯނުގަސްތައް ކަނޑައި އެހެން ގަސްތައް އިންދާ ބޮޑުކުރެވޭނެ ކަމަށް އާބަންކޯ އިން ބުންޏެވެ.

ފިތުރޯނުގަސް ޖެހީ ކީއްވެ؟
ހުޅުމާލެ އަލަށް ތަރައްގީކުރެވިގެން އައި އިރު އެތަނަކީ ހިއްކާފައިވާ ވެލިގަނޑެކެވެ. ބިން ވަރުގަދަ ކުރުމަށް ކުރަން ޖެހޭނެ ގިނަ ކަންތައްތަކެއް ހުރި އިރު، ފިތުރޯނުގަސް ހުޅުމާލޭގެ ހުރިހާ ސަރަހައްދެއްގައި ޖެހުމަކީ އެކަމަށްޓަކާ ކުރެވުނު ކަމެކެވެ. އެގޮތުން ފިތުރޯނުގަހުން ވާ ބައެއް ފައިދާތަކަށް ބަލާއިރު، ބާރު ވައިން ރަށް ސަލާމަތްކުރުމާއި، މޫލައި އަވަހަށް ހެދިގަންނަ ގަހަކަށް ވާތީ ފަސްގަނޑު ވަރުގަދަވުމާއި، ހިޔާވުން ފަދަ ކަންކަން ހިމެނެއެވެ.
އޭރު ގަސްތައް އިންދި އިރު ވެސް ހުޅުމާލޭގެ ގްރީނިން ޕްލޭން އޮތީ މިހާރު މި އިމްޕިމެންޓް ކުރެވޭ ގޮތަށެވެ. އެގޮތުން ގްރީނިންގެ ފޭސް 1 ގައި ފިތުރޯނުގަސްތައް ޖަހައި ވަކި ވަރަކަށް އެ ބޮޑުވެ ރަށް ތަރައްގީވެ އާބާދުވުމުން އެ ގަސްތައް ބަދަލު ކުރުމަށް ޕްލޭންގައި އޮތެވެ. އަދި މިހާރު އެ ގަސްތައް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާއިރު އެއީ އެ ޕްލޭންގެ ދެވަނަ ފިޔަވައްސެވެ.

ގަސް ކަނޑަނީ ކީއްވެ؟
ފިތުރޯނު ގަސްފަދަ ބޮޑު ހިޔާވާ ގަސްތައް އިންދުމުގެ ފައިދާތަކެއްވީ ނަމަވެސް، އޭގެ ސަބަބުން ވާ ގެއްލުންތައް ވެސް އެބަހުއްޓެވެ. އެގޮތުން އެފަދަ ބޮޑުކޮށް ހެދޭ ގަސްތަކަކީ ވަރަށް ޖާގަ ބޮޑު ހުސް ސަރަހައްދުތަކުގައި ހެއްދޭ ކަހަލަ ގަސްތަކަށްވާއިރު، ހުޅުމާލެ ތަރައްގީވަމުން އައިއިރު، މަގުތައް ހެދުމާއި، އިމާރާތްތައް ހެދުމުގެ ސަބަބުން ފިތުރޯނު ގަސްތައް ހެއްދިފައި ހުރި އާންމުންނާ ގާތުން އެފަދަ ސަރަހައްދުތަކުގައެވެ.
ހުޅުމާލޭގެ މަގުތަކަކީ ތާރު އަޅައިގެން ހަދާފައިވާ މަގުތަކަށްވާއިރު، ހުޅުމާލޭގައި މިހާރު ފިތުރޯނު ގަސްތައް އިންދާފައިވަ ސަރަހައްދުތަކުން އޭގެ ސަބަބުން ވާ ގެއްލުންތައް އަންނަނީ ފެންނަމުންނެވެ.
އެގޮތުން އެ ސަރަހައްދުތަކުގެ މަގު ހަލާކުވެ ތާރުގަނޑު ކަނޑައިގެން ދިއުމާއި، ޕޭމަންޓުތަކުގެ ގައުތައް ވެސް ނެގި މަގުގެ ބޭނުންކުރުން ދަތިވާކަން ވަނީ ފާހަގަވެފައެވެ. ކުންފުނީގެ ފަރާތުން ގަސްތައް ކެނޑުމުގައި ބޮޑަށް ބަލަނީ އެފަދަ ސަރަހައްދުތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށެވެ. އަދި އެ ގަސްތައް ކެނޑިކަމުގައިވީ ނަމަވެސް، އޭގެ ސަބަބުން ހުޅުމާލެ އަށް ލިބޭ އެއްވެސް ފައިދާއެއް ނުގެއްލޭނެ ގޮތަށް އިތުރު ގަސްތައް ކުންފުނީގެ ފަރާތުން އަންނަނީ އިންދަމުންނެވެ.