ބަޔަކު ނުކުމެ ޕާޓީއެއް ހެދިޔަސް، ރައްޔިތުން ގުނބޯނުހެއްދޭނެ ކަމަށް ވިދާޅުވެ، ރައީސް ނަޝީދުގެ ފެކްޝަނަށް މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ފަލާހު ފާޑުވިދާޅެއްވެއްޖެއެވެ.

ރައީސް ނަޝީދު ފެކްޝަނުން އުފައްދަވާ “ދަ ޑިމޮކްރެޓްސް”ގެ އުފެއްދުމުގެ ހުއްދައަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގައި އިއްޔެ އެދިވަޑައިގެންނެވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

އެ ޕާޓީއަށް ނިސްބަވްތެވަޑައިގަންނަވާ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ހުށަހެޅުއްވި ގަރާރަށް ވާހަކަ ދައްކަވަމުން ފަލާހު މަޖިލީހުގައި މިއަދު ވިދާޅުވީ އާ ވިސްނުމުގައި ކަމަށް ބުނެ، އާ ޕާޓީއެއް ހެދިކަމުގައި ވިޔަސް އެ މެމްބަރުން ކަންކުރިގޮތް ރައްޔިތުން އޮޅުވާނުލެވޭނެ ކަމަށެވެ.

"ރައްޔިތުން ގުނބޯ ހައްދަން މި ތަނުން ބަޔަކު ނިކުމެ ޕާޓީއެއް ހެދިޔަސް ރާއްޖޭގެ ރައްޔިތުންނަށް އެނގޭނެ އެމީހުން ކަން ކޮށްފައި ހުރި ގޮތް" ފަލާހު ވިދާޅުވިއެވެ. ފަލާހުގެ ކުރިން ވާހަކަ ދެއްކެވި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ) ވެސް ވަނީ ދި ޑިމޮކްރެޓް އަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައެވެ.

ގަޕޯ ވިދާޅުވީ ކޮންމެ ބަޔަކަށް ވެސް ޕާޓީއެއް ހެދި ދާނެ ކަމަށާއި އެކަމަކު ރައްޔިތުންނަށް ހިދުމަތް ކޮށްދެވޭނީ އެ އަޒުމުގައި ތިބި ބަޔަކަށް ކަމަށެވެ. ނަމަވެސް ޕްރައިމަރީގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމުން މޮޅުވި ކެނޑިޑޭޓް ފަހަތަށް އެރުން ލާޒިމް ކުރާ ކަމަށެވެ.

"ޕްރައިމަރީއަކުން ފެއިލްވީމަ ނިކުމެ ޕާޓީއެއް ހަދައިގެން، އަމިއްލަ ޕާޓީއެއް ހިންގުމުގެ ނިޔަތުގައި ރިޔާސީ އިންތިހާބަށް ނުކުންނަ މީހެއްގެ ފަހަތުންނެއް އެމްްޑީޕީގެ މީހުންނެއް ނުދާނެ،" ގަޕޯ ވިދާޅުވިއެވެ.

ރައީސް ނަޝީދު ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވުމުން، އެމަނިކުފާނަށް ޓިކެޓް ހޯއްދެވުމަށް މަސައްކަތް ކުރެއްވި 12 މެމްބަރަކު އެމްޑީޕީއާ ވަކިވެ، ވަކި ޕާޓީއެއް ހަދަން އިއުލާން ކުރީ ރައީސް ނަޝީދުގެ 56 އުފަން ދުވަހު، މެއި 17، 2023ގައެވެ.