ވަކިވެ ގަތުމުގެ ރޫހާއި ބަޣާވާތް ކުރުމުގެ ކުލަތައް އަބަދުވެސް ދިވެހިންގެ ތެރޭގައި ހުންނަ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހއ. ދިއްދޫގައި ރޭ ބޭއްވި “ތިލައުތުރު އެވޯޑް” ހަފްލާ ޝަރަފުވެެރި ކޮށްދެއްވާ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަކީ ޒަމާނުއްސުރެ މައްސަލަ ތަފާތު އެކި މައްސަލަތައް އޮންނަ ތަނެއް ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި ދާހިލީ އެތައް މައްސަލަތަކެއް ރާއްޖޭގައި އުފެދިފައިވާ ކަމަށެވެ.

”ވަކިވެ ގަތުމުގެ ރޫހް، ބަޣާވާތުގެ ކުލަވަރުތައް، އަބަދުވެސް އަޅުގަނޑުމެންގެ [ދިވެހިންގެ] ތެރޭގައި ހުރޭ. ނުވިސްނައިފި ނަމަ މިކަންކަމުން [އުފެދިފައިވާ މައްސަލަތައް] ލިބޭނެ ގެއްލުން އަޅުގަނޑުމެންނަށް ވަރަށް ބޮޑު،”ނަޝީދު ވިދާޅުވިއެވެ.

[caption id="attachment_51653" align="alignnone" width="2048"] ހއ. ދިއްދޫގައި ބޭއްވި “ތިލައުތުރު އެވޯޑް” ހަފްލާގެ ތެރެއިން: ފޮޓޯ / މަޖިލިސް[/caption]

ފެޑަރަލް ނިޒާމަކަށް ރާއްޖެ ބަދަލު ނުކޮށްފި ނަމަ ދިވެހިންނަށް ވަރަށް ހިތާމަވެރި މަންޒަރެއް ފެނިދާނެ ކަމަށް ވިދާޅުވެ، ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އިގްތިސޯދީ ތަނަވަސްކަމާއި އެކީގައި ފަލްސަފާއެއް ގަބޫލުކުރަން ފެށުމުން، ޒުވާނުންވެސް އެ ކާމިޔާބު ހޯދުމަށް ނިކުންނާނެ ކަމަށެވެ.

ނަޝީދުގެ ވާހަކަފުޅުގައި މުޅި ދައުލަތުގެ ދަރަނި 100 ބިލިއަން ހުރަސް ކުރާއިރު އެ ދަރަނިތަކުގެ ބޮޑުބައި ހޭދަ ކޮށްފައި ވަނީ މާލެ ސަރަހައްދަށް ކަމަށް ވިދާޅުވިއެވެ. ނަމަވެސް މާލެ ސަރަހައްދަށް ތަރައްގީ ގެނައުމަށް ނަގާ ދަރަނި އަދާކުރަން ތިލަދުންމަތީގައި އުޅޭ ރައްޔިތުން ވެސް ފައިސާ ދޭން ޖެހޭ ކަމަށާއި އެއީ އެކަން ވާން ޖެހޭނެ ގޮތް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”ހުޅުމާލޭގެ ދަރަންޏަކީ މާލެ ސިޓީ ކައުންސިލްގެ އެއްޗެއް. އެއީކީއެއް ތިލަދުންމަތީ ކައުންސިލާއި ނޫންނަމަ މި ދިއްދޫ ގެއެއްގައި އުޅޭ މީހަކާއި މާބޮޑު ގުޅުމެއް ހުރި ކަމެއް ނޫން،” ނަޝީދު ވިދާޅުވިއެވެ.

[caption id="attachment_51654" align="alignnone" width="1280"] ހއ. ދިއްދޫގައި ބޭއްވި “ތިލައުތުރު އެވޯޑް” ހަފްލާގެ ތެރެއިން: ފޮޓޯ / މަޖިލިސް[/caption]

އެމަނިކުފާނު ވިދާޅުވީ މިހާރު ކައުންސިލްތަކަށް ދީފައިވާ ބާރުތަކުގެ ވާހަކަތައް ގާނޫނުއަސާސީގައި ވެސް ހިމަނަން ޖެހޭނެ ކަމަށެވެ.

”ކަނޑަނާޅައިފި ނަމަ [ކައުންސިލްތަކަށް ދީފައިވާ ބާރު ގާނޫނުއަސާސީގައި ކަނޑައެޅުން] ބާކީވުމުގެ ތަސައްވަރެއް މީހުންގެ ހިތްތަކުގައި އުފެދިދާނެ،” މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ވަކިވެ ގަތުމުގެ ރޫހާއި ބަޣާވާތް ކުރުމުގެ ކުލަތައް ދިވެހިންގެ ތެރޭގައި އޮތް ކަމަށް ނަޝީދު ވިދާޅުވިއިރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވުމުން އެމަނިކުފާނު މުޅިން މަސައްކަތް ކުރެއްވީ އެމްޑީޕީއާ ވަކިވެގަނެގެންނެވެ. އެގޮތުން “ފިކުރެއްގެ ދިރުން” ގެ ނަމުގައި މުޅިން ވަކި ހަރަކާތެެއް ހިންގާ މިހާރު މަސައްކަތް ކުރަމުން އަންނަނީ “ދަ ޑިމޮކްރެޓްސް”ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށެވެ.