ހއ. ދިއްދޫ ޖޫނިއާ ކޮލެޖާއި ރ. އަލިފުށީގައި ސަރުކާރުގައި އިމާރާތް ކުރަމުން އަންނަ ޓިވެޓު ސެންޓަރުގެ ބައެއް ވަޒީފާތަކަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ދެ ތަނުގެ ޕޯސްޓް ކޮންސްޓްރަކްޝަން ސްޓޭޖުން އޮޕަރޭޝަނަލް ސްޓޭޖަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އިންސްޓިޓިއުޓް އެކަށީގެންވާ ފެންވަރަކަށް ހިންގުމަށްޓަކައި ދެ މެނޭޖަރުން ނެގުމަށް އިއުލާން ކޮށްފައިވާ ކަމަށެވެ.
އެ ތަންތަނަށް ނަގާ މެނޭޖަރުންގެ މައިގަނޑު މަސައްކަތަކީ އެތަންތަން ހުޅުވުމަށްޓަކައި ޕްރީ އޯޕަނިން ސްޓޭޖުގައި ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގައި މޮނިޓާ ކުރުމާއި، އޮޕަރޭޝަނަލް ޕްލޭނެއް ތައްޔާރުކޮށް ތަންފީޒު ކުރުމާއި، އިންސްޓިޓިއުޓްގެ މަސައްކަތް ދުވަހުން ދުވަހަށް ހިންގުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުމާއި، ފަންނީ ލަފާ ފޯރުކޮށްދިނުމާއި، މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށޭނަ މާހައުލެއް ގާއިމްކޮށްދިނުމުގެ އިތުރަށް އިންސްޓިޓިއުޓްގެ އިދާރީ ހިންގުމުގެ މަސައްކަތްތަކާއި ކިޔަވައިދިނުމުގެ އެންމެހާ ކަންކަން ހިންގާ ބެލެހެއްޓުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މެނޭޖަރުންގެ މަޤާމަށްއެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އަންގާރަ ދުވަހުގެ މެންދުރުފަހު 13:30ގެ ކުރިންނެވެ.
މެނޭޖަރުންގެ އިތުރުން މި ދެ އިންސްޓިޓިއުޓަށް އެޑްމިން އޮފިސަރުން ނެގުމަށް މިއަދު ވަނީ އިއުލާން ކޮށްފައެވެ. އެޑްމިން އޮފިސަރުންގެ މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ 28ވަނަ ދުވަހުގެ މެންދުރު 13:30 އެވެ. އެ މަގާމުތަކަށް ހޮވޭ ފަރާތްތަކުން ފުރަތަމަ 4-6 ހަފްތާގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގައެވެ. އަދި އިންސްޓިޓިއުޓްގެ ވޯކް އޭރިއާ ސެޓަޕް ނިމުމާއެކު މަސައްކަތްތައް އިންސްޓިޓިއުޓުގެ އިމާރާތަށް ބަދަލުވެގެން ދާނެއެވެ.