ރެޑްވޭވް މެގަމޯލް ކައިރީގައި ހަދާފައިވާ އުނިމާ ޕާކިން ޒޯނުން ކާރު ޕާކު ކުރާނެ ޖާގަ ކުއްޔަށްދިނުމަށް އާބަންކޯ އިން ހުޅުވާލައިފިއެވެ.
މިމަހުގެ 17ގައި އާބަންކޯ އިން ވަނީ ބީލަމުގެ އުސޫލުން 10 ޖާގަ ދޫކުރުމަށް ހުޅުވާލައިފައެވެ. ބީލަން ފެށޭ އަގަކީ 1500 ރުފިޔާއެވެ. އަދި އެ ޖާގަތައް ކުއްޔަށް ދިނުމަށް ކަނޑައެޅިވަފިވަނީ މީލާދީ ގޮތުން އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.
އާބަންކޯ އިން ބުނީ އެ ބީލަމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތު ތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއް ކަމުގައިވުމާއި އުމުރުން 18 އަހަރު ފުރިފައިވުމާއި އަދި އެ ފަރާތެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކާރަކަށް ޕާކު ކުރަން ބޭނުންވާ ކާރު ވުން ހިމެނެއެވެ. އަދި އެފަރާތަކީ އާބަންކޯ މިވަގުތު އެއްވެސް ޕާކިން ޖާގައެއް ކުއްޔަށް ހިފާފައިވާ ފަރާތެއް ކަމުގައި ވެގެން ނުވާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އާބަންކޯ އިން ބުނީ އެ ޖާގަތަކަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓު ދިނުމުގައި ބީލަމުގެ ގޮތުގައި ހުށަހަޅާ އަގަށް 80 ޕޮއިންޓު، އަދި އެ ނޭބާހުޑްގައި ދިރިއުޅޭ ފަރާތްތަކަށް 20 ޕޮއިންޓު ކަނޑައަޅާފައިވާނެ ކަމަށެވެ.
އާބަންކޯ އިން ބުނީ އެކަމުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުމާލޭގައި ފަސޭހަ ކަމާއި އަދި ހަމަހަމަ ކަމާއެކު ކާރު ޕާކު ކުރުމަށް މަގުފައި ކޮށްދިނުން ކަމަށެވެ. ޖާގައިގެ ދަތިކަމުގެ ސަބަބުން ވެހިކަލް ޕާކު ކުރުމަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް އާބަންކޯ އިން އަންނަނީ ގިނަގުނަ މަސައްކަތް ތަކެއް ކުރަމުންނެވެ.
އެގޮތުން ދިވެހިރާއްޖޭގެ އެއްމެ ފުރަތަމަ ސްމާޓް ޕާކިން ސޮލިއުޝަން އެ ކޯޕަރޭޝަނުން ވަނީ މި ހަފުތާ ތެރޭގައި ތައާރަފު ކޮށްފައެވެ. ފުރަތަމަ ސްމާޓް ޕާކިން ޒޯންގެ ގޮތުގައި ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދުގައިވާ ފިތުރޯނު ސްމާޓް ޕާކިން ޒޯނު ހުޅުވައި، އިތުރު ސްމާޓް ޕާކިން ޒޯނުތައް ތައާރަފު ކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން މިވަގުތު ދަނީ ކުރަމުންނެވެ.
އެކުންފުނިން ބުނީ ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ އިންގިލާބީ ބަދަލެއް ޕާކިންގެ ކަންކަމަށް ގެނައުމަކީ އެ ކުންފުނީގެ އުއްމީދެއް ކަމަށެވެ.