ރ. ދުވާފަރު ކައުންސިލްގައި ހިނގާދިޔަ ހިޔާނާތުގެ މައްސަލައާ ގުޅިގެން ދައުވާ ކޮށްފައިވާ ފަރާތްތަކާއެކު ދައުލަތުން އިއުތިރާފު އެއްބަސްވުމެއް ހެދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

މި މައްސަލާގައި 8 މީހަކަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ޕީޖީ އަށް ފޮނުވައިފައެވެ.

އެގޮތުން މިދިޔަ މާޗު މަހުގެ ދެވަނަ ދުވަހު އޭސީސީ އިން ދައުވާ ކުރުމަށް އެދި ފޮނުވާފައިވާ 8 މީހުންގެ ތެރޭގައި އެކައުންސިލް ރައީސް ހަސަން ހަކީމާއި ކައުންސިލްގެ ނާއިބު ރައީސް އިޒްމީލް އަހުމަދު ހިމެނިވަޑައިގަންނަވާ ކަމަށެވެ. އަދި ކައުންސިލްގެ ކުރީގެ މެންބަރު އަހްމަދު ސަމޫހު އަދި ކައުންސިލް މެންބަރު މުހައްމަދު ޝާމުގެ އިތުރުން ކައުންސިލް މެންބަރު ޒުހުދާ އާދަމް އަދި އާމިނަތު ސަލާހުގެ މައްޗަށް ވެސް ދައުވާ ކޮށްދިނުމަށް އެދިފައިވާ ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީ އިން ބުނީ ދައުވާ ކޮށްދިނުމަށް އެދުނު އިތުރު މީހުންގެ ތެރޭގައި އެކައުންސިލްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު ނާސިހު އަދި ދުވާފަރު ކައުންސިލް އިދާރާގެ ކުރީގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލީފުޅު ހިމެނޭ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ ޕީޖީގެ ވިސްނުން ހުރީ އެފަދަ އެހެން މައްސަލަތަކާއި އެއްގޮތަށް އެ މައްސަލާގައިވެސް އިއުތިރާފު އެއްބަސްވުމެއް ހެދުމަށް ކަމަށެވެ.
މައްސަލައިގެ ހުލާސާ:
މިދިޔަ އަހަރުގެ ޖުލައި މަހު އެލްޖީއޭއިން އާންމުކުރި އިންޑެކްސް ރިޕޯޓުން ފެންމަތިވި ހިޔާނާތުގެ އެ މައްސަލައާ ގުޅިގެން އެރަށު ކައުންސިލް މެންބަރުން ސަސްޕެންޑު ކުރުމުން ކައުންސިލް ވަގުތީ ގޮތުން ހިންގުމާއި ހަވާލު ކޮށްފައި ވަނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއާއެވެ.

އެލްޖީއޭ އިން ދުވާފަރު ކައުންސިލް ސަސްޕެންޑު ކުރީ އެ އޮތޯރިޓީ އިން އިއްޔެ ބޭއްވި ޖަލްސާއެއްގައެވެ.

ދުވާފަރު ކައުންސިލްގެ މެންބަރުން ވަނީ ގާނޫނުތަކާއި ހިލާފަށް އެ ކައުންސިލްގެ މެންބަރުންގެ އަމިއްލަ ބޭންކު އެކައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާ ކޮށްފައެވެ. އެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި ދުވާފަރު ކައުންސިލަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޓީމެއް ވެސް އެރަށަށް ގޮސްފައިވެއެވެ.

އަދި އެ ކޮމިޝަނުން ކޮށްފައިވާ ތަހުގީގު ނިންމާ މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް އޭސީސީން ވަނީ މައްސަލަ ފޮނުވައިފައެވެ. ނަމަވެސް އަދި އެކަމުގެ ތަފްސީލެއް އެ ކޮމިޝަނުން ހާމައެއް ނުކުރެއެވެ.

ދުވާފަރު ކައުންސިލުގެ އިންކުއަރީ ރިޕޯޓުގައި ކައުންސިލްގެ ގިނަ އަދަދެއްގެ ފައިސާ ކައުންސިލް މެންބަރުންނާއި މުވައްޒަފުންގެ އަމިއްލަ އެކައުންޓަށް ޖަމާ ކޮށްފައިވާ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. މިގޮތުން ބީލަމަކަށް ނުލާ މުދަލާއި ހިދުމަތް ހޯދާފައިވާއިރު މިސްކިތުގައި އޭސީ ހަރު ކުރުމަށް ކުރި މަސައްކަތުގެ ފައިސާ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅުގެ އެކައުންޓަށް ޖަމާ ކޮށްފައިވެއެވެ.

އެއީ 35،000 ރުފިޔާއެވެ. ކުޅިވަރު ތަކެތި ގަތުމަށް ކައުންސިލް މެންބަރު މުހައްމަދު ޝާމްގެ އެކައުންޓަށް 38،720 ރުފިޔާ ޖަމާ ކޮށްފައިވާއިރު ހިނަވާގެ މަރާމާތު ކުރުމަށް ކައުންސިލް މެންބަރު އާމިނަތު ސަލާހުގެ އަމިއްލަ އެކައުންޓަށް 35،000 ރުފިޔާ ޖަމާ ކޮށްފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.

މީގެއިތުރުން ވެސް ކައުންސިލް މެންބަރުންނާއި އެސިސްޓެންޓް ޑިރެކްޓަރުގެ އެކައުންޓަށް ލައްކައިން ކައުންސިލްގެ ފައިސާ ޖަމާ ކޮށްފައި އެބަހުއްޓެވެ.