ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި ބޭއްވި ހުރިހާ ޖަލްސާ އަކަށް ހާޒިރުވެވަޑައިގެންނެވީ އެންމެ ފަސް މެންބަރުންކަން މަޖިލީހުގެ ހާޒިރީ ރިޕޯޓުން ދައްކައިފިއެވެ.

މިދިޔަ އޭޕްރީލް މަހުގެ 27ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ފުރަތަމަ ދައުރު ނިންމާލުމަށްފަހު މަޖިލިސް ޗުއްޓީ އަށް ދިޔައިރު 37 ޖަލްސާއެއް ވަނީ ބާއްވައިފައެވެ.

މި ހުރިހާ ޖަލްސާއަކަށް ވަޑައިގެންފައި ވަނީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްގެ އިތުރުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ.

މަޖިލީހުގައި މިވަގުތު ފަސް ސިޔާސީ ޕާޓީއެއްގެ މެންބަރުން ތިއްބަވާއިރު ނިމިދިޔަ ދައުރުގެ ހުރިހާ ޖަލްސާ އަކަށް ހާޒިރުވެވަޑައިގެންފައި މި ވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ދެ މެންބަރަކާއި ޕީޕީއެމްގެ މެންބަރަކާއި ޕީއެންސީގެ މެންބަރެކެވެ. ދެން ހުންނެވީ އަމިއްލަ މެންބަރެކެވެ.

މަޖިލީހުގެ ޖަލްސާތައް ބާއްވަނީ ކޮންމެ ހަފްތާއެއްގެ ތިން ދުވަހުއެވެ. އެއީ ހޯމަ، އަންގާރަ އަދި ބުދަގައެވެ. ކޮންމެ އަހަރެއްގައި ވެސް މަޖިލިސް ކުރިއަށް ގެންދަނީ ތިން ދައުރަކަށް ބަހާލައިގެންނެވެ. އަހަރުގެ ފުރަތަމަ ދައުރު ފެށޭނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލްގެ ނިޔަލަށެވެ. ދެ ވަނަ ދައުރު ހިނގާނީ މޭ މަހުގެ މެދުތެރެއިން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. އެންމެ ފަހު ދައުރު، ތިން ވަނަ ދައުރު ހިނގާނީ އޮގަސްޓް މަހުގެ މެދުތެރެއިން ފެށިގެން ނޮވެމްބަރުގެ ނިޔަލަށެވެ.