ދިހަ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން އެކަހެރިވެފައި އޮތުމަށް ފަހު، ހަނގުރާމައިގެ ހާލަތު ގޯސްވެފައިވާ ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު ވަނީ އަރަބި ލީގުގެ ސަމިޓްގައި ބައިވެރިވަޑައިގަންނަވާފައެވެ.

އަސަދު ބައިވެރިވެވަޑައިގެންނެވީ ސައުދީ އަރަބިއްޔާގެ ސިޓީއެއް ކަމަށްވާ ޖިއްދާގައި ކުރިއަށްދިޔަ އަރަބި ލީގުގެ 32 ވަނަ ސަމިޓުގައެއެވެ. މިއީ އަރަބި ލީގުން ސީރިއާ ސަސްޕެންޑް ކުރި ފަހުން އޭނާ ސަމިޓުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. ސީރިޔާ ސަސްޕެންޑުކުރީ 2011 ވަނަ އަހަރުއެވެ.

ސަމިޓްގައި އަސަދު ވަނީ އަރަބި ލީގުގެ ސަމިޓަކީ މި ސަރަޙައްދުގައި އުފެދިފައިވާ ކާރިސާތަކުން އަރައިގަތުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއްގެ ގޮތުގައި ސިފަކުރެއްވާފައެވެ. ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ސީރިޔާގެ އުތުރުގައި އެތައް ސަތޭކަ ބަޔަކު ވަނީ އަސަދު ސަމިޓްގައި ބައިވެރިވިވުމާ ދެކޮޅަށް މުޒާހަރާކޮށްފައެވެ.

އަސަދު ވިދާޅުވީ އެ ސަމިޓަކީ ހަނގުރާމައިގެ ބަދަލުގައި ސުލްހަ އާއި ތަރައްގީ އާއި ތަނަވަސްކަން ކުރިއަރުވައި އަރަބި ގައުމުތައް އެއްބައިވަންތަވެ، ސުލްހަމަސަލަސްކަމާއި ތަރައްގީ އާއި ތަނަވަސްކަން ކުރިއެރުވުމަށް އާ މަރުހަލާއެއް ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

https://twitter.com/dw_espanol/status/1659487809462214656

ސީރިޔާ އަކީ އަބަދުވެސް އަރަބި ދުނިޔޭގެ ބައެއް ކަމަށާއި ނަމަވެސް އަރަބި ގައުމުތަކުގެ ދާހިލީ ކަންކަމަށް ނުފޫޒު ނުފޯރުވުމަށް އޭނާ ގޮވާލެއްވިއެވެ. އަސަދު ވިދާޅުވީ ކޮންމެ ގައުމެއްގެ ވެސް ރައްޔިތުންނަކީ އެ ދައުރަކަށް އެންމެ އެކަށޭނެ ބަޔަކަށް ވާތީ، އެ ގައުމެއްގެ ރައްޔިތުންނަށް އަމިއްލަ ކަންކަން ބެލެހެއްޓުމުގެ ފުރުސަތު ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ސީރިޔާގެ ހަނގުރާމަވެރިންނަށް ތާއީދުކޮށް، އެ ގައުމުގެ އުތުރުގެ އެކި ހިސާބުތަކަށް ތުރުކީ ސިފައިން ހަރަކާތްތެރިވަމުންދާ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާނަށް އަމާޒުކުރައްވައި އަސަދު ވަނީ "އުސްމާނީ ވިސްނުން ފުޅާކުރުމުގެ ނުރައްކާ" ފާހަގަކުރައްވާފައެވެ. އެ ވިސްނުން އޭނާ ސިފަކުރެއްވީ ދިމިޝްގާއި އެހެނިހެން އަރަބި ގިނަ ދައުލަތްތަކުން ދުޝްމަނެއްގެ ގޮތުގައި ދެކޭ ޖަމާއަތެއް ކަމަށްވާ މުސްލިމް ބްރަދަހުޑްގެ ނުފޫޒުގެ ސަބަބުން ކަމަށެވެ.

https://twitter.com/izharnephrol/status/1659521722524090368

އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި އޮންނަ ސީރިއާގެ ހުޅަނގު އުތުރުގެ އަވަށެއް ކަމަށްވާ އަޒާޒްގައި އެތައް ސަތޭކަ ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާކުރަމުން ދިޔައީ "ރައްޔިތުން ބޭނުންވަނީ ވެރިކަން ވެއްޓުމަށް" ކަމަށް ބުނެ އަޑުއުފުލަމުންނެވެ.

މުޒާހަރާގައި ޖަހާފައިވާ ބެނާއެއްގައި ލިޔެފައި ވަނީ "ސީރިއާ އަކީ ކުށްވެރިއެއް ކަމުގައިވާ އަސަދަށް ތަމްސީލު ނުކުރެވޭނެ" ކަމަށެވެ.

ބައެއް ތަޖުރިބާކާރުން މާނަކުރި ގޮތުގައި ސީރިއާ އަރަބި ލީގަށް އަލުން ވަނުމަކީ އަސަދު އެކަހެރިވުން ނިމުމަކަށް އަންނާނެ ކަމުގެ އިޝާރާތެއް ކަމަށާއި ސަރަހައްދީ "އެކްޓަރުން" އޭނާގެ ސަރުކާރު ދެމިއޮތުމާ މެދު ދެކޭ ގޮތް ބަދަލުވާކަން ދައްކުވައިދޭ ކަމަށެވެ. ސަމިޓް ބޭއްވި ސައުދީ އަކީ ކުރިން ސޫރިޔާ ހަނގުރާމައިގައި އަސަދުގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ހަތިޔާރު އެޅި އިދިކޮޅު ޖަމާއަތްތަކަށް އެންމެ ބޮޑަށް ތާއީދުކުރާ ގައުމެކެވެ.