ގްރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކ. މާލެ/ މއ. ނައިޓްވިލާ، އިބްރާހީމް (ގައްބަރޭ) ހޯދަން ފުލުހުން އިއުލާން ކުރިތާ ފަސް ދުވަސް ވެގެން ދިޔައިރު ވެސް އަދިވެސް އޭނާ ނުފެންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ގައްބަރޭ ހޯދަން ފުލުހުން އިއުލާން ކުރީ މިމަހުގެ 15ވަނަ ދުވަހުއެވެ. އޭނާ ހޯދަން އިއުލާން ކުރިތާ މިއަދަށް ފަސް ދުވަސް ވާނެއެވެ. ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލަކު "ހަތާވީސް" އަށް މިއަދު ވިދާޅުވީ ގައްބަރޭ އަދިވެސް ނުފެންނަ ކަމަށެވެ.

ގައްބަރޭއަކީ އެމްޑީޕީ ގައުމީ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރެވެ. އެނާއަކީ ރައީސް ނަޝީދުގެ “ފިކުރެއްގެ ދިރުމަށް” ތާއިދު ކުރާ މީހެކެވެ. އެމްޑީޕީ ރިޔާސީ ޕްރައިމަރީ ތެރޭގައި ހަމަނުޖެހުން އުފައްދަން އުޅުނު މީހުންގެ ތެރޭގައި ވެސް އޭނާ ހިމެނެއެވެ.

ފުލުހުން ބުނީ އޭނާ ހޯދަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށްޓަކައެވެ. ނަމަވެސްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަފްސީލެއް ނުލިބެއެވެ.

ބެލެވޭ ގޮތުގައި ފުލުހުން އޭނާ ހޯދަނީ މަޖިލިސް މެމްބަރަކު އަވަހާރަކޮށްލަން އިންޒާރުދިން ކަމުގެ މައްސަލައެއްގައެވެ.

ގައްބަރޭއަކީ ރާއްޖޭގައި ހިނގާފައިވާ ބައެއް މަރުގެ މައްސަލަތަކުގައި ވެސް ޝާމިލުވާ މީހެކެވެ. ރެކޯޑުތަކުން ދައްކާ ގޮތުން 2007 ވަނަ އަހަރު ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ހ. ކުބުރާ އަލީ އިޝާރު (ޗޯޓޭ) މަރާލުމުގައި ބައިވެރިވިކަމަށް ތަހުގީގުގައި އިއުތިރާފް ވެފައިވާ މީހެކެވެ. އަދި 2011 ވަނަ އަހަރުގެ އޭޕްރީލް މަހު މަޖިދީމަގާއި އަލިކިލެގެފާނު މަގު ގުޅުނު ހިސާބުގައި ސ. ހިތަދޫ ވަރުދީގޭ، އަހުސަން ބަޝީރުގެ ކަރަށް ހަމަލާދީ މަރާލި މައްސަލާގައި މާލެތެރޭގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރިކަމުގެ ތުހުމަތުގައި އޭނާ ހައްޔަރު ވެސް ކުރިއެވެ.

ފުލުހުން ބުނީ ގައްބަރޭއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުނުްގެ ސީރިއަސްް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ.

“މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ،” ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވެއެވެ.