ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެއް ވަގުތެއްގައި، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ދިދަ ނެގުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. މިއީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އެމްޑީޕީގެ މެމްބަރުން ރަށްތަކަށް ކުރާ ދަތުރުތަކާ ގުޅުވައިގެން ހިންގި ހަރަކާތެކެވެ.

https://twitter.com/hathavees/status/1659588175449440259?s=20

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ މި ހަރަކާތަކީ އެމްޑީޕީގެ ހަރަކާތްތައް އިތުރު ގިޔަރެއްގައި ކުރިޔަށް ގެންދާނެ ހަރަކާތެއް ކަމަށެވެ.

"އެމްޑީޕީއިން މުޅި ރާއްޖެއަށް މިކުރާ 'ރާއްޖެދަތުރު'ގައި ޕާޓީގެ ދިދަ މިއަދު ހުރިހާ ރަށެއްގައި ނަގާ ކެމްޕޭން ޓީމުތައް ރުކުރުވާލުމުގެ މަސައްކަތް ފެށިއްޖެ. އިރާދަކުރެއްވިއްޔާ އިންތިހާބު އެމްޑީޕީ އެއްބުރުން ކާމިޔާބު ކުރާނަން،" ފައްޔާޒު ވިދާޅުވިއެވެ.

https://twitter.com/faya_i/status/1659540117436899330?s=20

އެމްޑީޕީގެ ދިދަ ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު ނެގިއިރު އެ ޕާޓީގެ އެކި ޓީމުތައް އިއްޔެގެ ވަގުތެއްގައި ވަނީ ރާއްޖޭގެ އެކި ރަށްތަކަށް ގޮސްފައެވެ. އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ ނާއިބު އިބްރާހީމް ވަހީދު (އިބްރޭ) ވިދާޅުވީ ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްޑީޕީގެ 1000 އެއްހާ މީހުން އުޅޭނެ ކަމަށެވެ.

މި ދަތުރުތަކުގައި ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންނާއި ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ގައުމީ މަޖިލީހުގެ މެންބަރުން ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. ދިދަ ނެގުމުގެ ހަރަކާތުގެ އިތުރުން ޕޯސްޓަރު ހަރު ކުރުމުގެ ހަރަކާތްތަކެއް ވެސް ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްޑީޕީން ކުރިޔަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީން މަސައްކަތް ފެށިއިރު ޕާޓީގެ ރައީސް، އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި އާއްމު މެންބަރުންތައް އަންނަނީ އެމްޑީޕީން ވަކިވަމުންނެވެ. ނަމަވެސް އަދިވެސް ނަޝީދު ހުންނެވީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައެވެ.

ވަކިވި މެންބަރުން އަންނަނީ މުޅިން އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އެ މެންބަރުން ވިދާޅުވާ ގޮތުގައި ޕާޓީގެ ނަމަކީ ނަޝީދު އިސްވެ ހުންނަވައިގެން ފެއްޓެވި ހަރަކާތުގެ ނަން ކަމަށްވާ “ފިކުރެއްގެ ދިރުން” އެވެ.