ފާއިތުވި އެއްވެސް ސަރުކާރަކުން މަސްވެރިންނަށް ގާއިމުނުކުރާހާ ވަސީލަތްތައް މި ސަރުކާރުން ގާއިމްކުރަމުންދާ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.
އިސްމާއިލް އެހެން ވިދާޅުވީ ހުވަދު އަތޮޅުގެ މަސްވެރިން ބާނާ މަސް ކިރުވުމަށް ހާއްސަކޮށްގެން، އެ ކުންފުނިން ގެނައި ބޯޓުގެ އޮޕަރޭޝަން ރަސްމީކޮށް މިއަދު ފެށުމަށް ގދ. ފަރެސްމާތޮޑޫގައި ބޭއްވި ރަސްމިއްޔާތަށް ފަހު "ހަތާވީސް"އާ ވާހަކަ ދައްކަމުންނެވެ.
https://twitter.com/hathavees/status/1659240690092765184?s=46&t=xapWNGbbfBd0uN9xb5fzNA
މިފްކޯ ސީއީއޯ ވިދާޅުވީ މިއަދު އަލަށް މަސްކިރަން ފެށި “ޖަޒީރާ 103”އަކީ ހުވާދޫ އަތޮޅުގެ މަސްވެރިންނަށް މަސްކިރުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދު ފުއްދުން ކަމަށެވެ. އެ ބޯޓަކީ މިފްކޯގައި މިހާތަނަށް މަސް ފްރީޒް ކުރެވޭނެ އެންމެ ބޮޑު އެއް ބޯޓެވެ.
"400 ޓަނުގެ ޖާގަ ގާއިމް ކުރެވިފައި އެބަހުރި. އެހެން ބޯޓުތަކާއި ހިލާފަށް މި ބޯޓުގެ ދެ ފަރާތުން މި ޒަމާނުގެ އެންމެ ފަހުން ޖެނެރޭޝަންގެ ދޯނި ފަހަރު އެއް ފަހަރާ ދެ ދޯނި މަސްކިރުވޭނެ. ދެ ކްރޭނު ބޯޓުގައި ހަރުކުރެވިފައި ހުންނާނެ،" އިސްމާއިލް ވިދާޅުވިއެވެ.
އިސްމާއިލް ވިދާޅުވީ މަސްވެރިންް ބާނާ މަހަށް ހަމަ އަގު ހޯދަން ކުރާ މަސައްކަތުގައި މިފްކޯ ދެމިއޮންނާނެ ކަމަށެވެ.
"އަޅުގަނޑު ޗެލެންޖްކޮށްފައި މިދަންނަވަނީ އެއްވެސް ސަރުކާރެއްގައި ގާއިމްނުކުރެވޭހާ ވަސީލަތްތައް މިފްކޯއިން މިކުރާ މަސައްކަތުގެ ތެރެއިން ނިންމާލެވޭނެ" އިސްމާއިލް ވިދާޅުވިއެވެ.
ފައުޒީ ވިދާޅުވީ ޖަޒީރާ ބޯޓުގެ ތިން ބޯޓެއްގެ މޮޑިފިކޭޝަން މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި ވަރަށް އަވަހަށް އެ ބޯޓުތައް އޮޕަރޭޓް ކުރެވެން ފެށޭނެ ކަމަށެވެ. ދެކުނު މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލަމުން އިސްމާއިލް ވިދާޅުވީ ކޫއްޑޫގައި މިހާރު ހުރި 2000 ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ އިތުރުން 4000 ޓަނުގެ ކޯލްޑް ސްޓޯރް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ކޫއްޑޫގެ ބަނދަރަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ މަސައްކަތްވެސް މިފްކޯއިން ދަނީ ކުރަމުންނެވެ. އެ ބަނދަރަށް އިތުރު 400 ފޫޓްގެ ޖާގަ އިތުރު ކުރުމަށް އަމާޒު ހިފާފައިވާކަން އޭނާ ވިދާޅުވިއެވެ. މިފްކޯއާ އެސްޓީއޯއާ ގުޅިގެން ކޫއްޑޫގެ މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ދަންފަޅިއަކަށް 120 ޓަނުގެ ބްރެއިން ފްރީޒް ކުރެވޭ ސިސްޓަމެއް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ކުރެވެމުންދާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިތުރު މާކެޓްތަކަށް މަސް އެކްސްޕޯޓް ކުރުމަށް ފަސޭހަކުރުމުގެ ގޮތުން ކޫއްޑޫގައި އިތުރު 50 ރީފާ ކޮންޓެއިނާގެ އޮޕަރޭޝަނެއް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އެއީ 1250 ޓަނުގެ ޖާގައިގެ ރީފަ ކޮންޓެއިނާ ޔާޑެކެވެ. އިސްމާއިލް ވިދާޅުވީ އެ ވަސީލަތްތައް ގާއިމްކުރެވިގެން ދިޔުމުން ގައުމީ ޝިޕިން ލައިންއިން ކޫއްޑޫ ބަނދަރުގައި ކޮންޓެއިނަރުގައި މަސް ކޮންޓެއިނާ ބޭރުކުރެވިގެން ދާނެ ކަމަށެވެ. އެއީ އިގްތިސާދީ ގޮތުން މަންފާ ލިބޭނެ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. ގދ. ތިނަދޫގައި 120 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރް އަކާއި 100 ޓަނުގެ ބްރެއިން ފްރީޒިން ސިސްޓަމެއް ގާއިމްކުރުމުގެ އަމަލީ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.