ހުވަދު އަތޮޅުގެ މަސްވެރިން ބާނާ މަސް ކިރުވުމަށް ހާއްސަކޮށްގެން، ގެނައި ބޯޓުގެ އޮޕަރޭޝަން ރަސްމީކޮށް މިއަދު ފަށައިފިއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕްލެސް (މިފްކޯ)އިން ރާއްޖެ ގެނައި "ޖަޒީރާ 103" އިން މަސް ކިރުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައި ވަނީ ގދ. ފަރެސްމާތޮޑާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ "ޖަޒީރާ 103"އަކީ ޒަމާނީ ފަސޭހަތަކާ އެކު، ބޯޓުގެ ދެ ފަރާތުން މަސް ކިރުވޭ ގޮތަށް ކެރޭނު ހަރުކޮށްފައިވާ ބޯޓެއް ކަމަށެވެ. އެ ބޯޓުގައި 120 މެޓްރިކްޓަނުގެ މަސް ގަނޑުކުރެވޭނެ ކަމަށާއި އަދި 420 މެޓްރިކްޓަނުގެ މަސް ރައްކާކުރެވޭނެ ބޯޓެއް ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހުވަދު އަތޮޅުގައި މަސް ކިރުވުމަށް ގެނެސްފައިވާ ބޯޓަކީ ނިމިދިޔަ މަސްވެރިންގެ ދުވަހުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް، ގެނެސްފައިވާ ބޯޓެއް ކަމަށެވެ.

"އާދެ މިއަދު މި ބޭއްވޭ ހަފްލާއަކީ އެމަނިކުފާނު ދެއްވި ޔަގީންކަމުގެ ހަގީގީ ކުލަ ޖެހިގެންދާނެ ހަފްލާއެއް. މިއީ ހުވަދު އަތޮޅުގެ މަސްވެރިން ބާނާ މަސް ކިރުވުމަށް "ޖަޒީރާ 103" ހާއްސަ ކުރެވިގެންދާ ރަސްމިއްޔާތު،" މިފްކޯގެ ސީއީއޯ ވިދާޅުވިއެވެ.

[caption id="attachment_51488" align="alignnone" width="2560"] އަލަށް ގެނައި ބޯޓުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ގދ. ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ހަތާވީސް ފޮޓޯ/ އަހުމަދު ރަޝީދު[/caption]

މަސްވެރިން ބާނާ މަސް ގަތުމަށްޓަކާ އުތުރުގެ ރަށްތަކަށް ހާއްސަކޮށްގެން "ޖަޒީރާ 102"ގެ ނަމުގައި 2021 ވަނަ އަހަރު ބޯޓެއް ގެނެސް އޮޕަރޭޝަން ފަށާފައިވެއެވެ.

މިފްކޯއިން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން މަސް ކިރުވުމަށް އިތުރު ތިން ބޯޓެއް ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ފަރެސްމާތޮޑާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މިފްކޯއިން މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކޮށްފައިވާ މިންވަރު ސާފުކޮށްދެއްވާފައެވެ.

މިފްކޯގެ ބޯޓުތަކުގައި މަސް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކޮށްފައިވާ މިންވަރު:

2018 އަހަރު، މިފްކޯގެ ބޯޓުތަކުގައި މަސް ރައްކާކުރުމުގެ ކެޕޭސިޓީއަކީ 1727 މެޓްރިކް ޓަން
މިދިޔަ އަހަރުގެ ނިޔަލަށް މިފްކޯގެ ބޯޓުތަކުގެ ކެޕޭސިޓީއަކީ 4707 މެޓްރިކް ޓަނަށް އިތުރުކޮށްފައިވޭ
އަލަށް ގެނެވޭ ބޯޓުތަކާ އެކު، މަސް ރައްކާ ކުރެވޭ ކެޕޭސިޓީ 5887 މެޓްރިކް ޓަނަށް އިތުރުވާނެ
ފަސް އަހަރު ތެރޭގައި މަސް ގަތުމުގެ ކެޕޭސިޓީ އިތުރު މި ވަނީ 241 ޕަސެންޓަށް