ދިވެހި ދައުލަތުން ބޮޑު ބަދަލެއް ދޭންޖެހުނު “ނޫމަޑި މައްސަލާގައި” މިހާރުގެ މާލެ ސިޓީ ކައުންސިލްގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބު ކުރެއްވި އެ ހުކުމުގައި ބުނެފައި ވަނީ އާބިޓްރޭޝަނަށް ހުށަހަޅާފައިވާ ބަޔާނަކީ މުއިއްޒު ދެއްވި ބަޔާނެއްކަން ދައުލަތަށް ކަށަވަރު ކުރުމަށް މަސައްކަތް ކޮށްފައި ކަމަށެވެ. އަދި އޭގައިވާ ސޮއިއަކީ ވެސް މުއިއްޒު ކުރައްވާފައިވާ ސޮއިއެއްކަން ވެސް ދައުލަތުން ކަށަވަރު ކޮށްފައި ނުވާ ކަމަށް ބުނެފައިވެއެވެ.
ސަރުކާރުން ނޫމަޑިއާ ހަވާލު ކޮށްފައިވާ މަޝްރޫއު ޝެޑިއުލާއި އެއްގޮތަށް ކުރިޔަށް ނުދާ ކަމަށް ދަައުލަތުން ބުނިއިރު އެފަދަ ޝެޑިއުލެއް އޮތްކަން ވެސް ދައުލަަތަށް ބުނެ ނުދެވޭ ކަމަށް ހުކުމްގައިވެއެވެ. އެހެންކަމުން ގާޒީ ހުކުމް ކުރެއްވީ މުއިއްޒުގެ މައްޗަށް ކޮށްފައިވާ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑުން ސާބިތުނުވާ ކަމަށެވެ.
މައްސަލައިގެ ހުލާސާ:
ރައީސް ޔާމީންގެ ވެރިކަން ނިމުނުފަހުން، ނޫމަޑީގެ ފަރާތުން ދިވެހި ސަރުކާރާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ޑރ. މުއިއްޒު ހުށަހަޅައި، ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަންގައި އޭނާ ވަނީ ބަޔާން ދެއްވާފައެވެ. ނަމަވެސް ވަޒީރުކަމުގައި އޭނާ ހުންނެވިއިރު އެ މައްސަލައިގައި އޭނާ ވަނީ ދައުލަތް ދިފާއު ކުރައްވާފައިވާފައެވެ.
އެގޮތުން ނޫމަޑީގެ މައްސަލަ 11 ޑިސެމްބަރު 2017 ގައި އާބިޓްރޭޝަނަށް ހުށަހެޅުމުން ދައުލަތުން އެ މައްސަލައިގައި ކުރިއަށްދާނެ ގޮތާއި، ނެގޭނެ ދިފާއުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ނިންމުންތައް ނިންމާފައި ވަނީ ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން ޑރ. މުއިއްޒުގެ ބައިވެރިވުމާއެކުގައި ކަމަށް އެޓަރނީ ޖެނަރަލްގެ އޮފީހުން ވަނީ ބުނެފައެވެ.
ވަޒީރުކަމުގެ މަގާމުން ވަކިވެވަޑައިގަންނަވަންދެން އެ މައްސަލަ ރައްދުވާ މިނިސްޓްރީގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މުއިއްޒުގެ ދައުރެއް އާބިޓްރޭޝަން މައްސަލަތަކުގައި އޮތް ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
ނަމަވެސް 17 ނޮވެމްބަރު 2018 ގައި މިނިސްޓަރުކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށްފަހު 14 ޖޫން 2019 ގައި ނޫމަޑީގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހަޅާ ހެއްކެއްގެ ގޮތުގައި މުއިއްޒު ދެއްވި ބަޔާނުގައި ކުރިން އަމަލުކުރެއްވި ގޮތާ ދިމާ އިދިކޮޅަށް ދައުލަތާ ދެކޮޅަށް ވާހަކަ ދައްކަވާފައިވާ ކަމަށް އޭޖީ އޮފީހުގެ ބަޔާނުގައިވެއެވެ.
އެގޮތުން ނޫމަޑި ފޭސް 1 އެއްބަސްވުން ބާތިލުކޮށްފައި ވަނީ އޭރުގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ބޭނުންވާތީ ކަމަށް ވިދާޅުވެ، އާބިޓްރޭޝަނަށް ބަޔާން ދެއްވުމަށްފަހު، އަލުން ބަޔާން ބަދަލުކުރައްވާފައިވާކަން ފާހަގަކުރެވޭ ކަމަށް ބުނެފައިވެއެވެ.
ނޫމަޑި މައްސަލާގައި ދައުލަތާ ދެކޮޅަށް އެ މައްސަލަ ނިމިގެން ދިއުމުން، 800 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބަދަލުގެ ގޮތުގައި ދޭންޖެހުނުއެވެ.