އާބަންކޯގެ ސްމާޓްކޮމް ބްރޭންޑްގެ ދަށުން ދާދި ފަހުން ތައާރަފުކުރި ސްމާޓް ޕާކިންގ ސޮލިއުޝަން ހިމެނޭ ފިތުރޯނު ސްމާޓް ޕާކިންގ ޒޯނުން ބީލަމުގެ އުސޫލުން ޕާކިން ޖާގަ ކުއްޔަށް ދޫކުރުމަށް އިއުލާނު ކޮށްފިއެވެ.
ހުޅުމާލޭ ފެރީ ޓާމިނަލް ކާރީގައި ގާއިމުކޮށްފައިވާ މި ޕާކިން ޒޯނުން ދިގު މިނުގައި 4.8 މީޓަރުއަދި ފުޅާ މިނުގައި 2 މީޓަރު ހުންނަ 23 ކާރު ޕާކިން ޖާގަ ވަނީ ހުޅުވާލާފައެވެ. 3 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ މި ޕާކިން ޖާގަ ތަކުގެ ބީލަން ފެށޭ އަގަކީ 1500 ރުފިޔާ އެވެ.
އާބަންކޯގެ އިއުލާނުގައި ވާގޮތުން ބީލަން ހުށަހަޅާ ފަރާތުގައި ހުނަންޖެހޭ މައިގަނޑު ޝަރުތު ތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައި ވުމާއި، ޕާކު ކުރަން ހުށައަޅާ އުޅަނދަކީ ބީލަން ހުށަހަޅާ ފަރާތުގެ ނަމުގައި ގްރޭޓާ މާލޭ ސަރަހައްދުގައި ދުއްވުމަށް ރަޖިސްޓްރީ ކުރެވިފައިވާ އުޅަދަކަށްވުން ހިމެނެއެވެ.
އަދި މީގެ ކުރިން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަނުން އެއްވެސް ޕާކިން ޖާގައެއް ކުއްޔަށް ހިފާފައިވާ ފަރާތަކަށް ނުވުން ހިމެނެއެވެ.
މީގެ އިތުރުން ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ޕޮއިންޓު ދިނުމުގައި ބީލަމުގެ ގޮތުގައި ހުށަހަޅާ އަގަށް 80 ޕޮއިންޓު، އަދި ފިތުރޯނު މަގުގައި ދިރިއުޅޭ ފަރާތްތަކަށާއި ކުރިން ފިތުރޯނު ޕާކިންގ ޒޯނުން ހުޅުވާލި ބީލަން ކާމިޔާބު ކުރި ފަރާތްތަކަށް 20 ޕޮއިންޓު ކަނޑައަޅާފައި ވެއެވެ.
ސްމާޓް ޕާކިން:
ދިވެހިރާއްޖޭގައި މުޅިން އަލަށް ތަޢާރަފުކުރާ ސްމާޓް ޕާކިންގެ ސަބަބުން ޕާކު ކުރުމުގެ ކަންކަމަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް އައުމަކީ ޝައްކެއް ހުރި ކަމެއް ނޫން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ސްމާޓް ޕާކިންގައި ޕާކިން ޖާގަ ރިޒާވް ކޮށްގެން ޕާކު ކުރަން އަންނަ ކާރުތަކުގެ ނަމްބަރު ޕްލޭޓްތައް ކެމެރާއެއް މެދުވެރިކޮށް ރީޑްވެގެން ހުޅުވޭ އޮޓޯ ބޫމް ގޭޓެއް ސްމާޓް ޕާކިން ޒޯންގައި ހަރު ކުރެވިފައި ހުންނާނެއެވެ. އަދި ޕާކު ކުރާ އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސީސީޓީވީ ކެމެރާ އެ ޕާކިން ޒޯންގައި ހަރުކުރެވިފައި ހުންނާނެއެވެ. އަދި ޒޯންގެ އެތެރޭގައިވާ ޕާކިން ޖާގަތައް ފެންނަ ގޮތަށް ހުންނަ ޑިޖިޓަލް ބޯޑެއް ޒޯންގެ ބޭރުގައި ހަރުކުރެވިފައި ހުންނާނެއެވެ.
މީގެ އިތުރުން، ހަމަ އެކަނި ކާރު ޕާކިން އަށް ކަނޑައެޅިފައިވާ އެ ސްމާޓް ޕާކިން ޒޯންގައި ކުރު މުއްދަތަށް ޕާކު ކުރަން އަދި ދިގު މުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޖާގަ ތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޖާގަތައް ހުންނާނެ ކަމަށް އާބަންކޯ އިން ބުނެއެވެ.
ޕާކު ކުރުމުގެ ކަންކަން ލުއި ފަސޭހަ ކުރުމަށްޓަކައި ޕާކިން އެޕްލިކޭޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އެ އެޕްލިކޭޝަން ވެގެންދާނީ ޕާކު ކުރުމުގެ ކަންކަން ވަރަށް ބޮޑަށް ލުއި ފަސޭހަ ވެގެންދާނެ ކަމަކަށް ކަމަށް އާބަންކޯ އިން ބުންޏެވެ.
އައިއޯއެސް އަދި އެންޑްރޮއިޑް ޑިވައިސް ތަކުގައި ބޭނުން ކުރެވޭ އެ އެޕް ބޭނުން ކުރާ ފަރާތްތަކަށް ސްމާޓް ޕާކިން ޒޯންގައި ހުންނަ ހުސް ޕާކިން ޖާގަތައް، އަދި ޕާކު ކުރެވޭ އަގުތައް ވަގުތުން ފެންނަން ހުންނާނެއެވެ. އަދި ފަސޭހަކަމާއެކު އެޕް މެދުވެރިކޮށް ޖާގަ ރިޒާވްކޮށް ފައިސާ ދައްކާލެވޭނެއެވެ. އަދި ޕާކިން ޖާގަ ހުސްވުމުން ނޮޓިފިކޭޝަންތަކާ، ޕާކިން ޖާގަޔާ ހަމަޔަށް ނެވިގޭޓުކޮށްދިނުމާ، ބޭނުން ކުރާ ފަރާތުގެ ޕްރޮފައިލް ވެސް އެ އެޕް ގެ ޒަރީއާއިން ފެންނާނެ ކަމަށް އާބަންކޯ އިން ބުންޏެވެ.