އިންޑިއާގައި އަންނަ މަހު ފަށައި ސާފް ޗެމްޕިއަންޝިޕުގައި ފީފާ ރޭންކިންގެ 99 ވަނައިގައި އޮތް، ހުޅަނގު އޭޝިއާގެ ގަދަ ބާރެއް ކަމަށްވާ ލުބްނާން އާއި ރާއްޖެ އެއް ގުރޫޕަކަށް ލައްވާލައިފިއެވެ.

ބެންގަލޫރުގައި އަންނަ މަހުގެ 21 ގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕުގެ ގުރު އިއްޔެ ނަގާފައިވާ އިރު، ރާއްޖެ ލައްވާލާފައި ވަނީ ގުރޫޕް "ބީ" އަށެވެ. އެ ގުރޫޕުގައި ރާއްޖެއާ އެކު ހިމެނެނީ ބޫޓާން އާއި ބަންގްލަދޭޝް އަދި ލުބްނާންއެވެ. ގުރޫޕް "އޭ" ގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި ޕާކިސްތާން އަދި ނޭޕާލްގެ އިތުރުން ކުވައިތުއެވެ.

ދުނިޔޭގެ ރޭންކިންގައި ލެބަނާން އާއި އެންމެ ގާތްކުރާ ސާފްގެ މެމްބަރު ގައުމަކީ، އަށް ފަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޯށްފައިވާ އިންޑިއާއެވެ. އެ ޓީމު އޮތީ ފީފާ ރޭންކިންގެ 101 ވަނައިގައެވެ. ރާއްޖެ އޮތީ 154 ވަނައިގައެވެ.

ދުނިޔޭގެ ރޭންކިން 99 ވަނައިގައި އޮތް ލެބަނަން އިން ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރަން ދިން ދައުވަތު ގަބޫލުކުރިއިރު، އެ ޓީމުން ޖޫން މަސް ތެރޭގައި އިންޑިއާގައި ބާއްވާ އިންޓަ-ކޮންޓިނެންޝިއަލް މުބާރާތުގައި ވެސް ކުޅޭނެއެވެ. ސާފްގެ ކުރިން ޖޫން 9-18 އަށް ކުޅޭ އެ މުބާރާތުގައި ބައްދަލުކުރަނީ އިންޑިއާ އާއި ލެބަނަންގެ އިތުރުން ވަނުއާޓޫ އަދި މޮންގޯލިއާއެވެ.

މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން މި މަހުގެ 21 ވަނަ ދުވަހު ޕްރެކްޓިސް ފަށާއިރު، މިއަދު ވަނީ އެ މުބާރާތަށް ތައްޔާރުވާ 30 ކުޅުންތެރިންގެ ގައުމީ ސްކޮޑު އިއުލާންކޮށްފައެވެ. އެ ސްކޮޑުގައި ރާއްޖޭގެ އެއްވަނަ އަލީ އަޝްފާގު (ދަގަނޑޭ) އަނިޔާގެ ސަބަބުން ހިމަނާފައެއް ނުވެއެވެ.

އިންޑިޔާއިން މި މުބާރާތް އަށް ފަހަރު ކާމިޔާބުކޮށް ފައިވާއިރު، ދިވެހި ރާއްޖެއިން ވަނީ މި މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައެވެ. ފުރަތަމަ މި މުބާރާތް ރާއްޖެއިން ކާމިޔާބުކުރީ 2008 ވަނަ އަހަރުއެވެ. ދެވަނަ މުބާރާތް ކާމިޔާބު ކުރީ 2018 ވަނަ އަހަރުއެވެ.

މި ފަހަރު ރޭވިފައިވާ ގޮތަށް އަށް ގައުމުގެ މެދުގައި އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ކުޅެފައިވަނީ 2013 ވަނަ އަހަރު ނޭޕާލުގައި ހޯސްޓްކުރި މުބާރާތުގައެވެ.

އެންމެ ފަހުން، 2021 ވަނަ އަހަރު ރާއްޖޭގައި ހޯސްޓްކުރި ސާފް ޗެމްޕިއަންޝިޕްގައި ކުޅެފައިވަނީ ފަސް ގައުމުންނެވެ. ލީގު ބުރެެއް ކުޅެފައި، ފައިނަލުގައި ކުޅުނީ ލީގު ބުުރުގެ އެއް ވަނަ އާއި ދެ ވަނައެވެ.