އާބަންކޯގެ ފަރާތުން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ކޮންޓެއިނަރު ޕާކުން ދެ ކޮމާޝަލް ސްޕޭސް ދޫކުރުމަށް ހުޅުވާލައިފިއެވެ.
އާބަންކޯ އިން ބުނީ ކޮންޓެއިނަރު ޕާކުން ދޫކުރުމަށް ހަމަޖެހިފައިވަނީ އެތަނުގެ ގްރައުންޑް ފްލޯގައި ކެފޭ އަދި ފާސްޓްފުޑް އައުޓްލެޓް ހިންގުމަށް ކަމަށެވެ.
އެ ތަންތަން ހިންގުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ ކުންފުންޏަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.
ފާސްޓްފުޑް އައުޓްލެޓް ހިންގުމަށް ދޫކުރަން ހަމަޖެހިފައި ވަނީ 1188 އަކަފޫޓުގެ ކޮންޓެއިނާއެކެވެ. އަދި ކެފޭ ހިންގުމަށް ދޫކުރަން ނިންމާފައި ވަނީ 1165 އަކަފޫޓުގެ ކޮންޓެއިނާއެކެވެ.
މި ދެތަން ވެސް ދޫކުރުމަށް ހަމަޖެހިފައި ވަނީ 5 އަހަރުގެ މުއްދަކަށެވެ. އެގޮތުން ފުރަތަމަ އަހަރު 2 އެތަނުގެ ކުލީގެ ގޮތުގައި ހަމަޖައްސާފައި ވަނީ ކޮންމެ އަކަފޫޓަކަށް 15 ރުފިޔާގެ ރޭޓުންނެވެ. އަދި ބާކީ ހަތަރު އަހަރު އަކަފޫޓަކަށް 25 ރުފިޔާގެ ރޭޓުންނެވެ.
މި ކެފޭ އާއި ފާސްޓްފުޑް އައުޓްލެޓް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 5،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އާބަންކޯ އިން ބުންޏެވެ.
އަދި ޕްރޮޕޯސަލް އޯޕަނިން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރު 13:00ން 14:00 އަށް އާބަންކޯގެ އެގްޒިބިޝަން ސެންޓަރުގައެވެ.
ރެޑްވޭވް މެގަމޯލް ފަހަތުގައި ހަދާފައިވާ ކޮންޓެއިނާ ޕާކުގައި ޖުމްލަ 5 ތަނެއް ހިންގުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ. އެއީ މިހާރު ދޫކުރުމަށް ހުޅުވާލާފައިވާ ކެފޭ އަދި ފާސްޓް ފުޑް އައުޓްލެޓްގެ އިތުރަށް ދެ ކޯ ވޯކިން ސްޕޭސްއާއި ކޮލެބޮރޭޓިވް ރޫމެކެވެ.