ރިޔާސީ އިންތިހާބަށް ފިކުރެއްގެ ދިރުމުގެ ފަރާތުން ރިޔާސީ ކެންޑިޑޭޓަކު ނެރޭނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އިވާ ވިދާޅުވެއްޖެއެވެ.

ނަޝީދު ފެކްޝަނުން ވަކި ސިޔާސީ ޕާޓީއެއް ހަދަން ނިންމާފައިވާކަން އިއުލާން ކުރެއްވުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އިވާ ވިދާޅުވީ ރިޔާސީ އިންތިހާބަށް ފިކުރެއްގެ ދިރުން އޮތީ ވަރަށް ތައްޔާރަށް ކަމަށެވެ.

"އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ ފިކުރެއްގެ ދިރުމެއްގެ ކެންޑިޑޭޓަކު ނެރޭނަން. އަޅުގަނޑުމެން މި ތިބީ ވަރަށް ތައްޔާރަށް. އިއްތިހާދުވާންޖެހޭ ޕާޓީއަކާ އެކު އިންތިހާދުވާން ޖެހޭ ހާލަތެއްގައި އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ އިއްތިހާދުވާނަން،" އީވާ ވިދާޅުވިއެވެ.

އެ ޕްރެސް ކޮންފަރެންސްގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވެސް ވިދާޅުވީ އަންނަ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ފިކުރެއްގެ ދިރުމުގެ ކެންޑިޑޭޓަކު ހުންނާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި ރައްޔިތުންގެ ފަރާތުން އެދޭ އެދުމަކީ ތިބޭފުޅުންގެ އުންމީދުގެ ހިތްވަރުގައޭ އަޅުގަނޑުމެން ނުކުންނަނީ. އެ އުންމީދު ހާސިލުކުރުމަށްޓަކާ ތިބޭފުޅުންގެ އެއްބާރުލުން އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުންވޭ. މި މަސައްކަތުގައި ތިބޭފުޅުން އަޅުގަމެންނާއެކީ ސާބިތުކަމާއެކު ދެމި ތިއްބަވާށޭ،" އިލްޔާސް ލަބީބު ވިދާޅުވިއެވެ.

ފިކުރެއްގެ ދިރުމުން މިއަދު ވަކިވެފައި ވަނީ 12 މަޖިލިސް މެމްބަރުންނެވެ. އޭގެ އިތުރުން އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ހުވަދޫ ޕްރޮވިންސްގެ ރައީސް އަދި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެން އަމްރު ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.