ސަރުކާރަށް ފާޑުވިދާޅުވެ، ޓްވީޓު ކުރި މައްސަލާގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުގުނީ މަގާމުން ވަކިކޮށްފިއެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މިއުވާން މުހައްމަދު "ހަތާވީސް"އަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މުގުނީ ވަކިކުރެއްވީ މިއަދު ކަމަށެވެ. އޭނާ ވަކިކުރެއްވި ސީދާ ސަބަބެއް މިއުވާން ވިދާޅެއް ނުވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރަށް ފާޑުވިދާޅުވެ، މުގުނީ ކުރެއްވި ޓްވީޓެއްގައި ރައީސް ސޯލިހަށް “ވަގަށް” ގޮވައިފައިވެއެވެ. އެ ޓްވީޓުގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ސައީދާއި ސްޓެލްކޯގެ އެމްޑީ އަހްމަދު ޝަރީފާއި އާރްޑީސީގެ އެމްޑީ މޫސާ އަލީ މަނިކުގެ އިތުރުން އާބަންކޯގެ އެމްޑީ އަހްމަދު އާތިފަކީ ވެސް “ވަގުން” ކަމަށް ވިދާޅުވެފައިވެއެވެ.

ރައީސް ދެއްވި ސިޔާސީ މަގާމެއްގައި ހުންނަވައި މުގުނީ ވިދާޅުވީ މި ސަރުކާރު ނިމެން ދެން އޮތީ ހަތަރު މަސް ދުވަސް ކަމަށެވެ.

މުގުނީ ވަނީ ފަހުން އެ ޓްވީޓު ޓިލީޓް ކުރައްވާފައެވެ.

https://twitter.com/rashydahmed/status/1657310852637409281?s=20

އެ ޓްވީޓާ ގުޅޭ ގޮތުން "ހަތާވީސް"އިން ސުވާލު ކުރުމުން، އޭނާ ވިދާޅުވީ އެއީ އޭނާ ކުރެއްވި ޓްވީޓެއް ނޫން ކަމަށެވެ. އަދި އެއީ ބަޔަކު ހަދައިގެން އުޅޭ “ފޭކް” ޓްވީޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރު ފެށުނުއިރު، މުގުނީ ހުންނެވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށެވެ. ސަރުކާރުން ފަހުން ވަނީ އޭނާ އެ މަގާމުން ވަކިކުރައްވައި، ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރައްވާފައެވެ.