ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިއްޖެ ކަމަށް ބުނާ މައްސަލާގައި "އިލްމުވެރިންގެ ގުޅުމުން" ކުރިޔަށް ގެންދާ މައުލޫމާތު އެއްކުރުމުގެ ސިލްސިލާގެ ތެރެއިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެ ގުޅުމުގެ އިލްމުވެރިންތަކެއް ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި އެ ބައްދަލުކުރެއްވުމަކީ އީއީޒެޑްގެ މައްސަލާގައި ސަރުކާރަށް ހުށައަޅަން ހުރި ސުވާލުތައް ހުށައެޅުމަށާއި ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރަން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ބުނެފައިވެއެވެ.

އެގޮތުން އެ ބައްދަލުވުމުގައި އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ކަމަށް ބުނާ ސިޓީ ރައްޔިތުން މަޖިލީހުގެ 241 ކޮމެޓީއަށް ހިއްސާ ކުރުމަށް އެދިފައެވެ. އަދި ރާއްޖޭ ހާއްސަ އިގްތިސޯދީ ސަރަހައްދު ކަމަށް ގާނޫނުގައި ބަޔާންކޮށްފައި ސަރަހައްދާ މެދު، އިޓްލޮސްއިން ނިންމާފައިވާ ނިންމުން މުރާޖާ ކުރުމަށްވެސް ވަނީ އެދިފައެވެ.

https://twitter.com/ilmugeGulhun/status/1658417872530718726?s=20

މީގެއިތުރުން އިލްމުވެރިންގެ ގުޅުމުގެ އިސްނެގުމާއެކު، އީއީޒެޑް މައްސަލައިގައި ސަރުކާރުގެ މައުގިފާ ދެކޮޅު ފަރާތްތަކާއެކު ސަރުކާރުން ޕަބްލިކް ޑިބޭޓަކަށް ގޮސް ދިނުމަށްވެސް ވަނީ ހުށަހަޅާފައެވެ.

މި މައްސަލާގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް އަންނަނީ ހަރަކާތްތަކެއް ހިންގުމަށް ރާވަމުންނެވެ. އެގޮތުން މިހާތަނަށް ދެ ނޫސްވެރިންގެ ބައްދަލުވުމެއް އެ ފަރާތްތަކުން ބާއްވާފައިވާއިރު ބޮޑު ހިނގާލުމެއް ބާއްވަން ވެސް އަންނަނީ ތައްޔާރުވަމުންނެވެ.
ފޯޅަވަހި ކޯލިޝަންގައި ހިމެނޭ ފަރާތްތައް:
އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހިންގަވަމުން އަންނަ “ފިކުރެއްގެ ދިރުން” އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނާއިބު ޑރ. މުނައްވަރާއި ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝުކޫރު ހިމެނިވަޑައިގަންނަވައެވެ.
މައްސަލައިގެ ހުލާސާ:
ޗާގޯސް އާއި ރާއްޖެއާ ދެމެދު 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރައެވެ. އެ މައްސަލާގައި ކަނޑުގެ އިން ވަކިކޮށްދިނުމަށް މައްސަލަ ހުށަހެޅީ ޗާގޮސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ބުނާ މޮރިޝަސްއިންނެވެ. އިޓްލޮސްގައި ވެސް އެންމެ ބޮޑަށް ދެ ގައުމުގެ މެދުގައި ހިޔާލު ތަފާތުވެގެން ދިޔައީ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރަން ފަށާ ހިސާބެވެ.

މޮރިޝަސް އިން ބުނަނީ އިން ބަހަން ޖެހޭނީ ބްލެންހެމް ރީފުން ފެށިގެން ކަމަށެވެ. އެކަމަކު އެއީ މޮރިޝަސް އައްސޭރި ފަށުގެ ބައެއް ނޫން ކަމަށް ބުނެ ރާއްޖެ އިން ވަނީ އެކަން ސާބިތު ކުރުމަށް ގިނަ ހެކިތަކެއް ހުށަހަޅައިފައެވެ.

ރާއްޖެ އިން ވަނީ މޮރިޝަސް އިން ކަނޑައަޅަން ހުށަހަޅާފައިވާ ބޭސް ޕޮއިންޓަކީ މީހުންނަށް އުޅެވޭ ގޮތަށް އޮތް ހިކިފަސް ތަނެއް ނޫން ކަމަށް ބުނެފައެވެ. އެ ހުރިހާ ހެކިތަކުގެ މައްޗަށް ބެލުމަށް ފަހު އިޓްލޮސް އިން މޮރީޝަސް އިން ހުށަހެޅި ހުށަހެޅުންތައް ބަލައިނުގަތުމަށް ނިންމިއެވެ.

މިދިޔަ މަހުގެ 28ވަނަ ދުވަހު އިޓްލޮސް އިން ނިންމި މައްސަލާގައި ވަނީ ރާއްޖޭގެ ހުށަހެޅުންތަކަށް ތާއީދުކޮށްފައެވެ. އަދި ބްލެންހަމް ރީފް އަކޯ ބޭސް ޕޮއިންޓު ނޫން ކަމަށް އޮޓްލޮސް އިން ނިންމިއެވެ.

އެގޮތަށް ނިންމުމުން ރާއްޖެ އަށް 47،232 އަކަކިލޯމީޓަރު ލިބެއެވެ. މޮރީޝަސް އަށް ލިބުނީ 45،331 އަކަކިލޯ މީޓަރެވެ. ބްލެންހެމް ރީފް އަކީ ބޭސް ޕޮއިންޓު ކަމަށް ނިންމި ނަމަ މޮރިޝަސް އަށް 4،687 އަކަކިލޯމީޓަރު އިތުރަށް ލިބުނީހެވެ.