ހުޅުމާލޭގެ ކާރޫބާރު ބޮޑެތި 8 ސަރަހައްދެއްގައި ޓްރެފިކް ލައިޓުތައް ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އާބަންކޯ އިން ބުނެފިއެވެ.

އާބަންކޯ އިން ބުނީ ހުޅުމާލޭގެ އާބާދީ އިތުރުވެ ކާރުބާރު ބޮޑުވުމާއި ގުޅިގެން އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯދައިދިނުމަށް ކަމާބެހޭ ވުޒާރާތަކާއި ގުޅިގެން އާބަންކޯ އިން މިހާރު އަންނަނީ މަސައްކަތް ކުރަމުން ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

މިގޮތުން ފުލުހުންނާއި ގުޅިގެން މަގުތަކުގެ ރައްކާތެރިކަން އިތުރުކޮށް ދުއްވާ އުޅަނދުތަކުގާއި އުޅޭ ފަރާތްތަކާއި ހިނގާފައި އުޅޭ ފަރާތްތަކަށް ފަސޭހަ ވާނެ އަދި ރައްކާތެރި ގޮތްތަކެއް ހޯދައިދިނުމަށް ފުރިހަމަ ޕްލޭންއެއް އެކުލަވާލާ މަސައްކަތްތައް ފެށިފައިވާ ކަމަށް އާބަންކޯ އިން ބުންޏެވެ.
މިގޮތުން، ވަގުތުން ގެނެވެން ހުރި ބަދަލުތައް ދެނެގަނެ، އެކްސިޑެންޓް ނުވަތަ ހެޑް އޮން ކޯލިޝަން މަދުކުރުމަށް ބޮޑެތި މަގުތަކުގެ މެދުގައި ޑިވައިޑަރުތަކެއް ހަރުކުރަން މިހާރު ނިންމާފައިވާ ކަމަށް އާބަންކޯ އިން ބުނެއެވެ.
އެ ކޯޕަރޭޝަނުން ބުނީ އެކަން ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޔޫ ޓާން ނަގައި ފަރާތްތައް ގަވައިދާއި އެއްގޮތަށް އެކަން ކުރުމަށް ބާރު އެޅުން ކަމަށެވެ. އަދި މިކަން އަންގާދޭ ބޯޑުތައް ވެސް މަގުމަތީގައި ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށް އާބަންކޯ އިން ބުނެއެވެ.
މީގެ އިތުރުން، ހިނގާފައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން އިތުރު ކުރުމަށް ޕެޑެސްޓްރިއަން ކްރޮސިންގ ލައިޓުތައްހަރުކުރުމުގެ މަސައްކަތްތަކުގެ ދަށުން، ހުޅުމާލޭގެ 2 ސަރަހައްދެއްގައި ލައިޓް ހަރުކުރެވި ޓެސްޓިންގެ މަސައްކަތްތައް މިހާރު ކުރެވެމުން އަންނަ ކަމަށް އާބަންކޯ އިން ބުންޏެވެ. މި ލައިޓްތައް ހުޅުމާލޭގެ ކާރު ބާރު ބޮޑު ޖުމްލަ 8 ސަރަހައްދެއްގައި ހަރުކުރެވިގެން ދާނެއެވެ.
މަގުތަކުގެ ފްލޯއަށް ބަދަލު ގެނައުމަށ ފުލުހުންގެ އިދާރާއާއި އެކު މަޝްވަރާކުރެވި އެކަމުގެ މަސައްކަތްތައް ވެސް ކުރެވެމުންދާ ކަމަށް އާބަންކޯ އިން ބުންޏެވެ. މިގޮތުން ބައެއް މަގުތަކުގެ ޓްރެފިކް ފްލޯ ބަދަލުކޮށް ވީހާވެސް ރައްކާތެރި ގޮތްތަކެއް އަދި އާއްމުންނަށް ފަސޭހަ ވާނެ ގޮތްތަކެއް މި މަސައްކަތްތަކުގެ ތެރެއިން ބަލާ، މަގުތަކުގެ ބަދަލުތައް ގެނެވޭނެ ކަމަށް އެކޯޕަރޭޝަނުން ބުންޏެވެ.
އާބަންކޯ އިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލެ އަކީ ރައްކާތެރި މާހައުލަކަށް ހެދުމަށް ކަމަށާއި އެގޮތުން މަގުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް މި މަސައްކަތް ވީހާވެސް އަވަހަކަށް ގެނައުމަށް މިހާރު ގިނަ މަސައްކަތްކެއް ކުރެވެމުން އަންނަ ކަމަށް އާބަންކޯ އިން ބުންޏެވެ.