ރައްޔިތުން މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މެންބަރުކަމުން ވަކި ކުރުމަށް އެޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން ނިންމައިފިއެވެ.
އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން އަލީ އާޒިމް އެޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަންތައްތަކެއް ކޮށްފައިވާތީ އެކަންކަން ބަލައި ދިނުމަށް އެދި އެމްޑީޕީގެ ޕީޖީ ގްރޫޕް އިން ވަނީ އާޒިމާ ދެކޮޅަށް މައްސަލައެއް ހުށަހަޅައިފައެވެ. އެ މައްސަލަ ބެލުމުގައި ފިޔަވަޅު އަޅާ ކޮމެޓީން މައިގަނޑު ދެ މައްސަލައެއް ބަލާފައިވެއެވެ.
އެގޮތުން ފިޔަވަޅު އަޅާ ކޮމެޓީން ބަލާފައިވާ އެއް ކަމަކީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް އާޒިމް ސޮއި ކުރެއްވުމެވެ. ދެވަނަ ކަމެއްގެ ގޮތުގައި ބަލާފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި އެމަނިކުފާނުގެ ސަރުކާރަށް ފާޑުކިޔާ ސަރުކާރަށް ދެކޮޅު ހެދުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމް ބައިވެރިވެވަޑައިގަތުމެވެ.
ޕީޖީ ގްރޫޕަކީ ޕާޓީގެ ހައިރާކީގައި ހަތަރުވަނަ އަށް އެންމެ އިސް ގުނަވަން ކަމަށްވާއިރު އެ ގްރޫޕްގެ މެންބަރުންނަކީ އެހެން މެންބަރުންނަށް ނަމޫނާ ބަޔަކަށް ވާންޖެހޭނެ ކަމަށްވެސް ފިޔަވަޅު އަޅާ ކޮމެޓީގެ ނިންމުމުގައިވެއެވެ.
ފިޔަވަޅު އަޅާ ކޮމެޓީން ނިންމީ އެއް އަހަރު ދުވަހުގެ މުއްދަތަށް އާޒިމް ޕާޓީން ވަކި ކުރުމަށެވެ. އަދި އެ މުއްދަތު ހަމަވެ އަލުން އާޒިމްގެ މެމްބާޝިޕް ގަބޫލުކުރާނީ އާޒިމްގެ ފޯމާއެކު އިތުރު 100 މެންބަރުންގެ ފޯމު ހުށަހެޅުމުން ކަމަށްވެސް އެ ކޮމެޓީން ބުންޏެވެ.
މިއަދުން ފެށިގެން މީލާދީ ގޮތުން ފަސް އަހަރު ދުވަހުގެ މުއްދަތަށް އާޒިމަށް ޕާޓީގެ އެއްވެސް މަގާމެއް އަދާ ނުކުރެވޭނެއިރު އެއްވެސް ޕްރައިމަރީއެއްގައި ވެސް ވާދަ ނުކުރެވޭނެ ކަމަށް ފިޔަވަޅު އަޅާ ކޮމެޓީގެ ރިޕޯޓުގައިވެއެވެ.