ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމަކާއި ގުޅޭ ގޮތުން އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލަ އެމަނިކުފާނާ ދެކޮޅަށް ނިމިއްޖެއެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ ދައުލަތުން ހުށަހެޅި ބައެއް ލިޔުންތައް ސިއްރުނުކޮށް ހާމަ ކުރުމަށް އެދި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ހުށަހަޅާފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އެގޮތަކަށް ނުނިންމައެވެ.

ރައީސް ޔާމީންގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ވެސް ވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދު ކޮށްފައެވެ. އެއާއެކު ރައީސް ޔާމީންގެ ފަރާތުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެ މައްސަލައިގެ ހުކުމް ސުޕްރީމް ކޯޓުން މިރޭ ވަނީ އިއްވައިފައެވެ. އެ ކޯޓުން ނިންމީ ހައިކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތް ކަމަށެވެ.

ޔާމީންގެ ފަރާތުން ހުށަހެޅި އަދީބާއި ޒިޔަތު ހެކިންގެ ގޮތުގައި ބަލައިގަތުމުގެ މައްސަލައާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ބުނީ ހެއްކާބެހޭ ގާނޫނަކީ ފުއްގިރި މައްސަލައިގެ ފަހުން އައި ގާނޫނެއް ކަމަށެވެ. އެހެންކަމުން އެ ދެ ބޭފުޅުންގެ ހެކީގެ ބުރަދަނާ ގުޅޭ ގޮތުން ގޮތް ނިންމާނީ ކްރިމިނަލް ކޯޓުގައި ހިނގާ ޝަރީއަތުގެ މަރުހަލާގެ ތެރެއިން ކަމަށެވެ.

ޔާމީންގެ ފަރާތުން ވަނީ ދައުލަތުގެ ބައެއް އިދާރާތަކުގައި ހުރި ލިޔުންތައް ގެނައުމަށް ވެސް ހުށަހަޅާފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ދައުލަތުގެ ހުރިހާ އިދާރާއެއްގެ ލިޔުން ހޯދަން ނޭދެވޭނެ ކަމަށާއި އެހެންނަމަވެސް ތަހުގީގީ އިދާރާތަކުގައި ހުންނަ ލިޔުންތައް ހޯދުމަށް އެދެވިދާނެ ކަމަށް ބުނެފައެވެ.

މި މައްސަލާގައި ދައުލަތުން މީގެކުރިން ބުނެފައި ވަނީ ރައީސް ޔާމީން ވަނީ ނުފޫޒު ބޭނުން ކޮށްގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެން އެ ފައިސާ ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފަ ކޮށްފައިވާ ކަމަށެވެ.