އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ވ. އާރަށް މައްސަލާގެ ހިޔާނާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ކުރީގެ ރައީސް ޔާމީނު 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވިއިރު, މަންޒަރު ކައްސާލާފައި އޮތް ބޮޑު ކަމެއް އެބައޮތެވެ. އެއީ އެ މައްސަލާގައި ދައުލަތަށް ނަގަންޖެހޭ 52 މިލިއަން ރުފިޔާގެ މައްސަލައެވެ.
އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރުގެ ގަބޫލު ކުރައްވައި އަދި އިތުރު ފައިސާއާއެކު 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ލޯންޑާ ކުރެއްވިކަން ކްރިމިނަލް ކޯޓުގައި ޔާމީންގެ މައްޗަށް ސާބިތުވެއްޖެއެވެ. ނަމަވެސްބޮޑު ޖަލު ހުކުމް އިއްވިއިރު އެ ފައިސާ ދައުލަތަށް ނަގަން ކްރިމިނަލް ކޯޓުން "ހަނދާނެއް ނެތެވެ."
މައްސަލަ ބެއްލެވި ގާޒީ ހަނދާން ނެތުނީ ނުވަތަ ގަސްދުގައި އެކަން ދޫކޮށްލީ ކަމެއް ނޭނގެއެވެ. ކޮންމެ ގޮތަކަށް ކަމަށްވިޔަސް އަތްނުލެވުނީ ދައުލަތަށް ނަގަންޖެހޭ ފައިސާއެއްގައެވެ. ނަމަވެސް މީގެ ސަބަބުން މި ފައިސާ ދައުލަތަށް އަތުލެވޭނެ ކަމާ މެދު އޮތީ ސުވާލު އުފެދިފައެވެ.

މިއީ ފައިސާ ނަގަން ޖެހެނީ ކީއްވެ؟
މި 52 މިލިއަން ރުފިޔާއަކީ އާރަށް ކުއްޔަށް ދޫކުރުމުން މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ ޔޫސުފް ނައީމްގެ އަތުން ރިޝްވަތުގެ ގޮތުގައި ޔާމީން ގަބޫލު ކުރެއްވި އެއް މިލިއަން ޑޮލަރާއި އަދި އެއާ އެއްކޮށްގެން ލޯންޑާކުރި އިތުރު ފައިސާ އެވެ. އާރަށުގެ އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ލިބިވަޑައިގަތުމުން އިސްލާމިކް ބޭންކްގައި ހުރި ޔާމީންގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއްގައި އިތުރު 2.4 މިލިއަން ޑޮލަރާ އެކު ޖުމްލަ 3.4 މިލިއަން ޑޮލަރު އިންވެސްޓް ކުރިކަން ކްރިމިނަލް ކޯޓުގައި އޮތީ ސާބިތުވެފައެވެ.
މި ފައިސާއަކީ ޔޫސުފް ނައީމްގެ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ދައްކަވަން ޔާމީން ހެކި ގެންނެވިޔަސް އެއީ ރިޝްވަތުގެ ފައިސާ ކަން ސާބިތުވާނެ އެތައް ހެއްކެއް ހުރިކަމަށް ކޯޓުން ނިންމިއެވެ. އަދި ރިޝްވަތުގެ ފައިސާ ފޮރުވުމަށްޓަކައި އެހެން ފައިސާއާ އެއްކޮށްގެން ލޯންޑާ ކުރިކަން ސާބިތުވިއެވެ.
މަނީ ލޯންޑްރިންގެ ގާނޫނު އޮންނަ ގޮތުން ކުށްކޮށްގެން ހޯދާ ފައިސާ އަތުގައި ބެހެއްޓުމާއި އަދި މިފަދަ ފައިސާ އެހެން ފައިސާއާ އެއްކުރުމަކީ ކުށެކެވެ. މިގޮތަށް އެއްކުރާ ފައިސާތައް ދައުލަތަށް ނަގަން ގާނޫނު ލާޒިމްކުރެއެވެ.

އޮޅިގެން ފައިސާ ދޫކޮށްލުމުގެ ޒިންމާ ނަގަނީ ކާކު؟
"އޮޅިގެން ދޫކޮށްލެވުނު" މި 52 މިލިއަން ދައުލަތަށް ދައްކަން ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރުނީ ޔާމީންގެ ޖަލު ހުކުމަށް ދެ މަސްވި ފަހުންނެވެ. އެއީ ޕީޖީ އޮފީހުން ކޯޓަށް ސިޓީއެއް ފޮނުވުމުންނެވެ. އެހެނަސް ޖިނާއީ އިޖްރާތުގެ ގާނޫނު ބުނަނީ މިފަދަ އަމުރުތަކަކީ ހުކުމްކުރާ ވަގުތު ނެރެންޖެހޭ އަމުރުތަކެއް ކަމަށެވެ.
މި ނުކުތާ ހިފައިގެން ކްރިމިނަލް ކޯޓުގެ އެ އަމުރު ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކުރި އެވެ. ހައި ކޯޓުގައި މި ނުކުތާ އެމަނިކުފާނަށް ކާމިޔާބުވެ, މިދިޔަމަހު ހައިކޯޓުން ނިންމީ ގާނޫނުގައި ބުނާ ގޮތަށް ހުކުމްކުރި ވަގުތު އެ އަމުރު ނެރެފައި ނުވާތީ ފަހުން ނެރޭ އަމުރެއްގެ ދަށުން މިފަދަ ފައިސާ އަތުނުލެވޭނެ ކަމަށެވެ.
މި ފައިސާއަކީ މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން ދައުލަތަށް ނަގަންޖެހޭ ފައިސާއެއް ކަން ޔަގީނެވެ. ވީމާ މައްސަލަ ބައްލަވާ ފަނޑިޔާރު ހަނދާން ނެތިގެން އެކަން ދޫކޮށްލެވުމުން ދެން އެ ފައިސާ ގެއްލުމުގެ ޒިންމާ ނަގާނީ ކާކު ހެއްޔެވެ؟ މައްސަލަ ބެއްލެވި ފަނޑިޔާރުގެ ފަރުވާކުޑަކަމާމެދު ކުރެވޭނެ ކަމެއް ވެސް ނެތީބާ؟ އަދި އާ އަމުރެއްގެ ދަށުން އެ ފައިސާ ދައުލަތަށް ނެގުމުގެ ފުރުސަތު ނެތި ފައިސާއަށް ވާނެ ގޮތެއް ވާން ދޫކޮށްލަންވީ ހެއްޔެވެ؟
މި ފައިސާގެ މައްސަލަ ނިންމިއިރު ހައިކޯޓުން މިއަށް މާ ބޮޑު ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް ކޯޓުގެ އިހުމާލުން މިކަހަލަ ކަމެއް ދޫވުމަކީ ފައިސާ ނުނަގަން ދެއްކޭނެ ބަހަނާއެއް ނޫން ކަމަށް ހުކުމުގައި ކޮންމެވެސް ވަރަކަށް ބުނެފައި އޮތެވެ.
"ގާޒީއެއްގެ ފަރުވާކުޑަކަން ނުވަތަ ސަމާލުކަން ކުޑަކަން އެއީ ދަޢުވާލިބޭ މީހާގެ ފުށުން ދައުލަތަށް ނަގަންޖެހޭކަމަށް ޤާނޫނުގައި ބަޔާންކުރާ މުދަލާއި ފައިސާ އެ ފަރާތަކުން ނުދައްކާ ސަލާމަތްވުމަށް އޮތް ބަހަނާއަކަށް ވެގެންވާނެކަމަށް އަހުރެން ނުދެކެމެވެ." އެ މައްސަލާގެ ބެންޗުގައި އިންނެވި ފަނޑިޔާރު ހަސަން ޝަފީއު ލިޔުއްވާފައިވެ އެވެ.
"ނަމަވެސް، ޤާއިމްވެފައިވާ ނިޒާމުގެ ބޭރުން،އެ މުދަލެއް ނުވަތަ އެ ފައިސާއެއް ހޯދުމުގެ ނަމުގައި ޕްރޮސިކިއުޝަނުން ދެވަނަ ފަހަރަށް ކްރިމިނަލް ކޯޓުގައި އެ އަމުރަށް އެދުނު އެދުމަކީ ޖާއިޒު ކަމެއްކަމުގައި ބަލައި، އެ މަގުން އެކަންކުރުމުގެ ލައިސެންސް މި ކޯޓުން ދެވިދާނެކަމަކަށް އަހުރެން ނުދެކެމެވެ." ފަނޑިޔާރު ޝަފީއު އިތުރަށް ލިޔުއްވާފައިވެ އެވެ.
އެހެންކަމުން މި ފައިސާއާ މެދު އިސްތިއުނާފް މަރުހަލާއިން ގޮތެއް ނިންމުމުގެ ފުރުސަތު އެބައޮތް ކަމަށް ބެލެވެ އެވެ.

ޕީޖީން ހައިކޯޓަށް ދިޔައިރު މާ ބޮޑަށް ލަސްވެއްޖެ!
މިހާރު ޕީޖީން މިވަނީ އެ ފައިސާ އަތުލަން ހައިކޯޓަށް މައްސަލައެއް ވައްދައިފަ އެވެ. އެއީޔާމީނަށް ޖަލު ހުކުމް ކުރިއިރު އެ ފައިސާ ނަގަން އަމުރު ކޮށްފައި ނުވާތީ އހުށަހެޅި އިސްތިއުނާފް މައްސަލަ އެކެވެ. ނަމަވެސް ނިމިދިޔަ ހަފުތާގައި މި މައްސަލަ ވެއްދިއިރު އިސްތިއުނާފް މުއްދަތު އޮތީ ފަހަނަ އަޅައި ގޮސްފަ އެވެ.
އިސްތިއުނާފް މުއްދަތު ހަމަވުމުގެ ކުރިން މިކަން ކުރުމުގެ ފުރުސަތު ޕީޖީއަށް ލިބުނެވެ. ނަމަވެސް ޕީޖީން ބޭނުންވީ ކްރިމިނަލް ކޯޓަށް ސިޓީ ފޮނުވައިގެން އަމުރެއް ނެރެގެން "ޝޯޓް ކަޓަކުން" މި ފައިސާ އަތުލާށެވެ. މިއީ މި މައްސަލާގައި ޕީޖީން ހެދި ވަރަށް ބޮޑު ގޯހެއް ކަން ހައި ކޯޓުގެ ހުކުމުގައި ބުނެފައި އެބައޮތެވެ.
އިސްތިއުނާފްގެ މުއްދަތު ހަމަވުމަށްފަހު ދެން އޮންނަ ގޮތަކީ އިސްތިއުނާފްގެ ހުއްދައަށް އެދުމެވެ. މުއްދަތު ހަމަވުމުގެ ކުރިން ހުށަނޭޅުނު މަގްބޫލު ސަބަބެއް ދެއްކުމުން ހައި ކޯޓުގެ ފަނޑިޔާރުންނަށް އެކަން ގަބޫލު ކުރެވިގެން ހުއްދަ ދީގެން މެނުވީ ހައި ކޯޓުން އެ މައްސަލަ ބަލައެއްނުގަންނާނެ އެވެ.
ހައި ކޯޓުގެ ފަނޑިޔާރުން މި މައްސަލަ ބަލައިގަންނަން ހުއްދަ ނުދީފިއްޔާ 52 މިލިއަން ރުފިޔާ ޔާމީންގެ އަތުން ހޯދޭނެ މަގު ހަނިވީ އެވެ. ދެން ޕީޖީ ޖެހޭނީ ސުޕްރީމް ކޯޓަށް ދާށެވެ. އެއީ ދިގު މަރުހަލާއެކެވެ. އަދި މައްސަލަ ހައިކޯޓުން ބަލައިގަތެއް ކަމަކު, ފައިސާ އަތުލަން ގާނޫނު ބުނާ މުއްދަތު ފަހަނަ އަޅައިގެން ގޮސްފައިވާތީ އެއީ ކުރެވޭނެ ކަމެއްތޯ ސުވާލު އުފެދެ އެވެ.
ދައުލަތަށް ނަގަންޖެހޭ މި 52 މިލިއަން މިވަގުތު ވެސް ހުރީ ޔާމީން ބެއްލެވުމުގެ ދަށުގައެވެ. އެ ފައިސާ އިންވެސްޓްކޮށްގެން ލިބެންވީ ފައިދާ އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެއެވެ. މި ފައިސާ ދައުލަތަށް ނެގޭނެކަން އަދިވެސް ޔަގީން ނުވަނީ މަދު ބައެއްގެ ފަރުވާ ކުޑަކަމާއި އިހުމާލުގެ ސަބަބުންނެވެ.