ވެހިކަލް ޕާކު ކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް އާބަންކޯ އިން ފެށި، ސްމާޓް ޕާކިންގެ މަސައްކަތްތައް ނިންމާލައިފިއެވެ.

އާބަންކޯ އިން ބުނީ ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދު ކައިރީގައިވާ ފިތުރޯނު ޕާކިން ޒޯން، ސްމާޓް ޕާކިން ޒޯނަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ ޒޯނުން ކާރު ޕާކު ކުރާނެ ޖާގަތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގައި މުޅިން އަލަށް ތަޢާރަފުކުރާ ސްމާޓް ޕާކިންގެ ސަބަބުން ޕާކު ކުރުމުގެ ކަންކަމަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް އައުމަކީ ޝައްކެއް ހުރި ކަމެއް ނޫން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ސްމާޓް ޕާކިންގައި ޕާކިން ޖާގަ ރިޒާވް ކޮށްގެން ޕާކު ކުރަން އަންނަ ކާރުތަކުގެ ނަމްބަރު ޕްލޭޓްތައް ކެމެރާއެއް މެދުވެރިކޮށް ރީޑްވެގެން ހުޅުވޭ އޮޓޯ ބޫމް ގޭޓެއް ސްމާޓް ޕާކިން ޒޯންގައި ހަރު ކުރެވިފައި ހުންނާނެއެވެ. އަދި ޕާކު ކުރާ އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސީސީޓީވީ ކެމެރާ އެ ޕާކިން ޒޯންގައި ހަރުކުރެވިފައި ހުންނާނެއެވެ. އަދި ޒޯންގެ އެތެރޭގައިވާ ޕާކިން ޖާގަތައް ފެންނަ ގޮތަށް ހުންނަ ޑިޖިޓަލް ބޯޑެއް ޒޯންގެ ބޭރުގައި ހަރުކުރެވިފައި ހުންނާނެއެވެ.
މީގެ އިތުރުން، ހަމަ އެކަނި ކާރު ޕާކިން އަށް ކަނޑައެޅިފައިވާ އެ ސްމާޓް ޕާކިން ޒޯންގައި ކުރު މުއްދަތަށް ޕާކު ކުރަން އަދި ދިގު މުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޖާގަ ތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޖާގަތައް ހުންނާނެ ކަމަށް އާބަންކޯ އިން ބުނެއެވެ.
ޕާކު ކުރުމުގެ ކަންކަން ލުއި ފަސޭހަ ކުރުމަށްޓަކައި ޕާކިން އެޕްލިކޭޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އެ އެޕްލިކޭޝަން ވެގެންދާނީ ޕާކު ކުރުމުގެ ކަންކަން ވަރަށް ބޮޑަށް ލުއި ފަސޭހަ ވެގެންދާނެ ކަމަކަށް ކަމަށް އާބަންކޯ އިން ބުންޏެވެ.
އައިއޯއެސް އަދި އެންޑްރޮއިޑް ޑިވައިސް ތަކުގައި ބޭނުން ކުރެވޭ އެ އެޕް ބޭނުން ކުރާ ފަރާތްތަކަށް ސްމާޓް ޕާކިން ޒޯންގައި ހުންނަ ހުސް ޕާކިން ޖާގަތައް، އަދި ޕާކު ކުރެވޭ އަގުތައް ވަގުތުން ފެންނަން ހުންނާނެއެވެ. އަދި ފަސޭހަކަމާއެކު އެޕް މެދުވެރިކޮށް ޖާގަ ރިޒާވްކޮށް ފައިސާ ދައްކާލެވޭނެއެވެ. އަދި ޕާކިން ޖާގަ ހުސްވުމުން ނޮޓިފިކޭޝަންތަކާ، ޕާކިން ޖާގަޔާ ހަމަޔަށް ނެވިގޭޓުކޮށްދިނުމާ، ބޭނުން ކުރާ ފަރާތުގެ ޕްރޮފައިލް ވެސް އެ އެޕް ގެ ޒަރީއާއިން ފެންނާނެ ކަމަށް އާބަންކޯ އިން ބުންޏެވެ.
އެ ކޯޕަރޭޝަނުން ބުނީ ފިތުރޯނު ޕާކިން ޒޯނަކީ އެންމެ ފުރަތަމަ ސްމާޓް ޕާކިން ޒޯނު ކަމުގައި ވިޔަސް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އިތުރު ސްމާޓް ޕާކިން ޒޯންތައް ހުޅުމާލޭގެ އެކި ސަރަހައްދު ތަކުގައި ތައާރަފު ކުރެވި ޕާކިންގެ ކަންކަމަށް އިންގިލާބީ ބަދަލެއް ގެނެވިގެންދާނެ ކަމަށެވެ.