ރިޔާސީ އިންތިހާބެއް މިއޮތީ އެންމެ ހަތަރު މަހެއްހާ ދުވަހެވެ. މިފަހަރުގެ ރިޔާސީ އިންތިހާބަކީ 2013ވަނަ އަހަރާއި 2018ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާއި ހިލާފަށް ގިނަ ސިޔާސީ ޕާޓީތަކަކާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރާ ބޭފުޅުން ގިނަ އަހަރަކަށް ވެގެން ދާނެއެވެ. އެގޮތުން މިފަހަރުގެ ރިޔާސީ އިންތިހާބުގައި ހަތަރު ސިޔާސީ ޕާޓީއަކުން ވާދަކުރުމަށް ވަނީ ނިންމައިފައެވެ. އަމިއްލަ ގޮތުންވެސް ހަތަރު ވަރަކަށް ބޭފުޅުން ވަނީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ.
އިންތިހާބަށް ކުޑަތަންވެފައިވާއިރު އެމްޑީޕީ ނޫން އެހެން ހުރިހާ ސިޔާސީ ޕާޓީތަކެއް މިހާރު އޮތީ "ފޯޅަވަހި" މައްސަލާގައި އެއްގަލަކަށް އަރައިފައެވެ. ޕީޕީއެމް/ޕީއެންސީގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ ވެސް މި މައްސަލަ އަށް ވަނީ "އެކަތިގަނޑަކަށް"ވެފައެވެ. އަދި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުވެސް ވަނީ ހަމަ މި މައްސަލަ އަށް "އެކަތިގަނޑަކަށް"ވެފައެވެ.
ޗާގޯސް އައިލެންޑްސްގެ ކަނޑުގެ ސަރަހައްދުން ރާއްޖެ އަށް އިތުރު ބައެއް ލިބޭ ގޮތަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން މިދިޔަ މަހުގެ 28ވަނަ ދުވަހު މައްސަލަ ނިންމިއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް ބުނެ ކުރިން ދެންނެވި ބޭފުޅުންނާއި ސިޔާސީ ޕާޓީތަކުން ގުޅިގެން މަސައްކަތް ކުރަމުން އަންނައިރު މިބޭފުޅުން އަންނަނީ އެކަމާއި ދެކޮޅަށް ތަފާތު އެކި ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ޓީވީ ޕްރޮގްރާމުތަކާއި ޕެނަލް ޑިސްކަޝަންތަކާއި ނޫސްވެރިންގެ ބައްދަލުވުންތައް އަންނަނީ ބާއްވަމުންނެވެ. އަދި ރޭ ހޮޓަލް ޖެންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެބޭފުޅުން ވަނީ ބޮޑު ރެލީއެއް ބާއްވަން ނިންމާފައިވާކަން އިއުލާނު ކުރައްވާފައެވެ.
[caption id="attachment_51320" align="alignnone" width="1140"] އިމުގެ މައްސަލައާ ގުޅިގެން ސިޔާސީ ޕާޓީތަކާއި ކުރީގެ ބަންޑާރަ ނާއިބުކަން ކުރައްވާފައިވާ ބޭފުޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ / މިހާރު[/caption]
މި މައްސަލާގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އެންމެ ބޮޑަށް ވާހަކަދައްކަވާ އެއް ބޭފުޅަކީ ޑރ. މުނައްވަރެވެ. މި މައްސަލައާ ގުޅިގެން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ޑރ. މުނައްވަރު "ކުއްލިއަކަށް" މަޝްހޫރުކަން ލިބިވަޑައިގެންފިއެވެ. ކުރިން ލިބިވަޑައިގެންފައި ނުވާވަރުގެ "އެކްސްޕޯޝާ"އެއް ލިބިވަޑައިގެންފިއެވެ. ނޫސްތަކުގެ ސުރުހީތަކަށް މުނައްވަރުގެ ވާހަކަތައް އަރަން ފަށައިފިއެވެ. ޓީވީ ޗެނަލްތަކުގެ ޕްރައިމް ޓައިމްތައް ހިލޭ ލިބިވަޑައިގެން އެމަނިކުފާނު ދައްކަވަން ބޭނުންފުޅުވާ ވާހަކައެއް ދެއްކުމުގެ ފުރުސަތު ލިބިވަޑައިގެންފިއެވެ. އެކަން ދާދިފަހުން ޗެނަލް13 އަށް އަރާވަޑައިގެން ދެއްކެވި ވާހަކަތަކުން ވެސް ސާފުވެގެން ދާނެއެވެ.
ދެން ހުންނެވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން މާކުރިން ވެސް އިއުލާނު ކުރައްވާފައިވާ އުމަރަކީ "ދޭތެރެއަކުން" ނޫސްތަކުގެ ސުރުހީތަކުން ޖާގަ ހޯއްދަވާ ބޭފުޅެކެވެ. އެހެންނަމަވެސް އިމުގެ މައްސަލައާ ގުޅިގެން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ސަބަބުން އުމަރަށްވެސް، ޑރ. މުނައްވަރެކޭ އެއްގޮތަށް ފައިދާތަކެއް ކުރާނެއެވެ.
[caption id="attachment_51321" align="alignnone" width="1024"] އިމުގެ މައްސަލާގައި ރޭ ހޮޓަލް ޖެންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---[/caption]
އުފެދޭ ސުވާލަކީ މިފަދަ ހަރަކާތްތަކުގެ ސަބަބުން މި ދެބޭފުޅުންނަށް ފައިދާތަކެއް ކުރާނެކަން "ފޯޅަވަހި ކޯލިޝަން"ގައި ދެން މަސައްކަތް ކުރާ ސިޔާސީ ޕާޓީތަކާއި އެޕާޓީތަކުގެ އިސްވެރިންނަށް އެނގިވަޑައި ނުގަންނަވަނީބާއެވެ. ނުވަތަ އެނގިހުރެމެ ވެސް އެބޭފުޅުންގެ [ސިޔާސީ ޕާޓީތަކުގެ އިސްވެރިން] ވިސްނުމުގައިވާ ގޮތުން ނަމަ، "ކަނޑުގެ ސަރަހައްދެއް ގެއްލިގެން އުޅުމަކީ ގައުމީ ކަމަކަށް ވާތީ" އެ ދެބޭފުޅުންނަށް [މުނައްވަރާއި އުމަރަށް] އެ ފުރުސަތު ދެއްވަނީބާއެވެ.
ކޮންމެއަކަސް ރިޔާސީ އިންތިހާބަކަށް ނިކުންނަ ކެންޑިޑޭޓުންގެ ކެމްޕެއިންގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑު އެއް ހޭދައެއް ހިނގާ އެއް ކަމަކީ އެބޭފުޅެއްގެ މެނިފެސްޓޯ އާއްމުންނަށް ވިއްކުމަށާއި އެއިރެއްގައި އޮންނަ ސަރުކާރާއި ދެކޮޅަށް މީޑިއާތަކުގައި ތަފާތު އެކި ވާހަކަތައް ދެއްކުމަށް ވަގުތުތައް މީޑިއާތަކުން ގަނެގެން ކުރިޔަށް ގެންދާ ޕްރޮގްރާމުތަކަށް ހިނގާ ހަރަދުތަކެވެ. އިމުގެ މައްސަލާގައި މިފަދަ އެތައް ފުރުސަތުތަކެއް މިބޭފުޅުންނަށް ލިބިގެން ދާނެއެވެ. މެނިފެސްޓޯ ވިއްކުމަށް ފުރުސަތު ނުލިބުނުކަމުގައިވީ ނަމަވެސް ކޮންމެވެސް ސިފައެއްގައި ކެމްޕެއިން ކުރުމުގެ ފުރުސަތު އެބޭފުޅުންނަށް ލިބިގެން ދާނެއެވެ. އެހެންކަމުން މި މައްސަލާގައި ހިންގާ ގިނަ ހަރަކާތްތަކުން އެންމެ ބޮޑު ފައިދާއެއް ކުރާނެ ބަޔަކީ މުނައްވަރާއި އުމަރެވެ.