ޗާގޯސް މައްސަލާގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ނުދެއްވައި، ކޯފާ އިސްކުރައްވައި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވާހަކަ ދައްކަވައިފިއެވެ.

މުނައްވަރު ކޯފާ އިސްކުރައްވައި ވާހަކަ ދެއްކެވީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް)އިން ނިންމާފައިވާ މައްސަލަ އިސްތިއުނާފު ކުރައްވާނެ ގޮތާ ގުޅޭ ގޮތުން ސުވާލު ކުރެއްވުމުންނެވެ.

"ފޯޅަވަހި ކޯލިޝަނުން" މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އަދަދު ނޫހުން ސުވާލު ކުރީ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވި ވާހަކައަކާ ގުޅިގެންނެވެ. އާޒިމާ ވިދާޅުވީ އިޓްލޮސްގެ ނިންމުން އިސްތިއުނާފު ނުކުރެވޭނެ ކަމަށް މިހާރުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވި ނަމަވެސް، އިޓްލޮސްގެ ހިންގާ ގަވާއިދުގެ 126 ވަނަ މާއްދާ އާއި 127 ވަނަ މާއްދާގެ ދަށުން މައްސަލަ އިސްތިއުނާފު ކުރެވޭނެ ކަމަށެވެ.

އެ މާއްދާތަކުގެ ދަށުން "ފޯޅަވަހި ކޯލިޝަން"ގެ ވެރިކަމެއްގައި މައްސަލަ ރިވިއުއަށް ހުށަހަޅާނީ ކޮން ގޮތަކަށްތޯ ނޫސްވެރިޔާ ސުވާލު ކުރުމުން އާޒިމާ ވިދާޅުވީ "އަޅުގަނޑުމެންގެ ކްލައިމް ޑިސްކަސް ކުރަން އަދި މާ އަވަސް" ކަމަށެވެ.

"ސީޣާ މިތާ ޑިސްކަންސްކޮށްފައި. ޕަބްލިކްގައި މި ހުރިހާ ކަމެއްކޮށްފައި. ދެން ކީއްކުރަންތޯ ކޯޓަށް ދާންވީ،" އާޒިމާ ވިދާޅުވިއެވެ.

ކޯފާ އިސްކުރައްވައި އެ ސުވާލަށް ޖަވާބު ދެއްވަމުން މުނައްވަރު ވިދާޅުވީ މައްސަލަ ރިވިއުއަށް ހުށަހަޅާނެ ކަމަށް ބުނާ އިޓްލޮސްގެ އެ މާއްދާ ނޫނަސް، އެހެން މާއްދާތައް ހުންނާނެ ކަމަށެވެ.

"އިންޓަނޭޝަނަލް ލޯ އަކީ އެންމެ މާއްދާއެއް ނޫން. ބައިވަރު މާއްދާތައް، މުހާހަދާތައް ހުންނާނެ. ޕްރެސްޓިސް ވެސް ހުންނާނެ،" މުނައްވަރު ވިދާޅުވިއެވެ.

މުނައްވަރު ވިދާޅުވީ ފޯޅަވަހި ކޯލިޝަނުން މަސައްކަތް ކުރާނެ ގޮތުގެ ސްޓްރެޓެޖީ އާންމު ނުކުރާނެ ކަމަށާއި ބައެއް ވާހަކަތައް ދައްކައިފިނަމަ، ކުރާ މަސައްކަތަށް ހުރަސްއެޅޭނެ ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރާ މީހުން އަޅުގަނޑުމެންގެ ސްޓްރެޓެޖީ ހާމައެއް ވެސް ނުކުރާނެ. ބައެއް ވާހަކަތަކަކީ އަޅުގަނޑުމެން މިހާރު ދެއްކީމަ، އަޅުގަނޑުމެން ކުރާ މަސައްކަތަށް ހުރަސްއެޅޭނެ ވާހަކަތަކެއް. އެހެންވީމަ އެކަހަލަ ވާހަކަތައް ވެސް ނުދެއްކޭނެ." މުނައްވަރު ވިދާޅުވިއެވެ.

ފޯޅަވަހި ކޯލިޝަންގައި ހިމެނޭ ފަރާތްތައް:

މި މައްސަލައާ ގުޅިގެން މިރޭ ހޮޓަލް ޖެންގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހިންގަވަމުން އަންނަ "ފިކުރެއްގެ ދިރުން" އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނާއިބު ޑރ. މުނައްވަރާއި ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝުކޫރު ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ.

މި މައްސަލާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ފޯޅަވަހި ކޯލިޝަނުން" ވަނީ ބޮޑު ހިނގާލުމެއް އެކަމާއި ގުޅިގެން ބާއްވަން ނިންމައިފައެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅަން ވެސް ވަނީ ނިންމައިފައެވެ.

އެމްއެންޕީގެ ފަރާތުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކުރީގެ ޑެޕިއުޓީ އޭޖީ އަހްމަދު އުޝާމް ވިދާޅުވީ "ފޯޅަވަހި ކޯލިޝަން"ގައި ހިމެނޭ ހުރިހާ މެންބަރުންވެސް އެއްބަސްވާ އެއް ކަމެއް އޮންނަ ކަމަށެވެ. އެއީ މި ސަރުކާރު ބަދަލުވުމާއެކު މި މައްސަލަ އަލުން ބެލުން ކަމަށް އޭނާ ވިދާޅުވިއެވެ. މި މައްސަލަ އިސްތިއުނާފު ކުރުމަށް އަދި ވަގުތުވެސް އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ މި ސަރުކާރުން ރާއްޖޭގެ "ކަނޑު ވިއްކާލި" ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ކަނޑު ވިއްކާލީ މޮރީޝަސް އަށް ނޫން ކަމަށާއި ކަނޑު ވިއްކާލީ އިންޑިއާ އަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމުގެ ހުރިހާ ފައިދާއެއްވެސް ކުރާނީ އެގައުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އެކަމަކު ފިކުރެއްގެ ދިރުމުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ ވާހަކައިން އުމަރު ދެއްކެވި ވާހަކައާ މެދު ހިޔާލު ތަފާތުވުމެއް ހުރިކަން އެނގިގެން ދިޔައެވެ.

"އުމަރު ނަސީރު ދެއްކެވި ވާހަކައިގަ ވަކި ގައުމެއްގެ ވާހަކަ މިސާލަކަށް. އަޅުގަނޑު ހަމަ ޔަގީނުން ވެސް ގަބޫލެއް ނުކުރާނަން ވަކި ގައުމަކުން އެއްޗެއް ގަތް ކަމަކަށް" އާޒިމް ވިދާޅުވިއެވެ.

މައްސަލައިގެ ހުލާސާ:

ޗާގޯސް އާއި ރާއްޖެއާ ދެމެދު 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރައެވެ. އެ މައްސަލާގައި ކަނޑުގެ އިން ވަކިކޮށްދިނުމަށް މައްސަލަ ހުށަހެޅީ ޗާގޮސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ބުނާ މޮރިޝަސްއިންނެވެ. އިޓްލޮސްގައި ވެސް އެންމެ ބޮޑަށް ދެ ގައުމުގެ މެދުގައި ހިޔާލު ތަފާތުވެގެން ދިޔައީ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރަން ފަށާ ހިސާބެވެ.

މޮރިޝަސް އިން ބުނަނީ އިން ބަހަން ޖެހޭނީ ބްލެންހެމް ރީފުން ފެށިގެން ކަމަށެވެ. އެކަމަކު އެއީ މޮރިޝަސް އައްސޭރި ފަށުގެ ބައެއް ނޫން ކަމަށް ބުނެ ރާއްޖެ އިން ވަނީ އެކަން ސާބިތު ކުރުމަށް ގިނަ ހެކިތަކެއް ހުށަހަޅައިފައެވެ.

ރާއްޖެ އިން ވަނީ މޮރިޝަސް އިން ކަނޑައަޅަން ހުށަހަޅާފައިވާ ބޭސް ޕޮއިންޓަކީ މީހުންނަށް އުޅެވޭ ގޮތަށް އޮތް ހިކިފަސް ތަނެއް ނޫން ކަމަށް ބުނެފައެވެ. އެ ހުރިހާ ހެކިތަކުގެ މައްޗަށް ބެލުމަށް ފަހު އިޓްލޮސް އިން މޮރީޝަސް އިން ހުށަހެޅި ހުށަހެޅުންތައް ބަލައިނުގަތުމަށް ނިންމިއެވެ.

މިދިޔަ މަހުގެ 28ވަނަ ދުވަހު އިޓްލޮސް އިން ނިންމި މައްސަލާގައި ވަނީ ރާއްޖޭގެ ހުށަހެޅުންތަކަށް ތާއީދުކޮށްފައެވެ. އަދި ބްލެންހަމް ރީފް އަކޯ ބޭސް ޕޮއިންޓު ނޫން ކަމަށް އޮޓްލޮސް އިން ނިންމިއެވެ.

އެގޮތަށް ނިންމުމުން ރާއްޖެ އަށް 47،232 އަކަކިލޯމީޓަރު ލިބެއެވެ. މޮރީޝަސް އަށް ލިބުނީ 45،331 އަކަކިލޯ މީޓަރެވެ. ބްލެންހެމް ރީފް އަކީ ބޭސް ޕޮއިންޓު ކަމަށް ނިންމި ނަމަ މޮރިޝަސް އަށް 4،687 އަކަކިލޯމީޓަރު އިތުރަށް ލިބުނީހެވެ.